ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާނުލައި ބޭއްވުމަށް ފެންނަ ކަމަށް ތާއީދު ކުރެއްވީ ޕީޕީއެމްގެ އެންމެ ދެ މެމްބަރުންނެވެ.
ޕީޕީއެމްގެ މެޖޯރިޓީ މެމްބަރުން ތާއީދު ކުރައްވައިގެން ކުރިން ފާސްކުރި މި ޤާނޫނު އުވާލުމަށް އެ ޕާޓީގެ މެމްބަރަކު ހުށަހަޅުއްވާފައި ވާއިރު، އެކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ދެކޭ ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ހަވީރު ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވި 14 މެމްބަރުންގެ ތެރެއިން، ބިލް ބޭއްވުމަށް ފެންނިވަޑައިގަންނަވާ ކަމަށް ޕާލިމެންޓްރީ ގްރޫޕްގައި ވޯޓު ދެއްވި ދެ މެމްބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ފްލޯ ކޮރޮސިންއާ ގުޅޭ އެންޓި ޑިފެކްޝަން ގާނޫނު ފާސް ކުރުމަށް އެންމެ ގަދައަށް އުޅުއްވީ ވެސް ޕީޕީއެމްގެ މެމްބަރުން ކަމަށާއި ނަމަވެސް ހޮނިހިރު ދުވަހު އެ ގާނޫނު އުވާލުމަށް ވެސް ތާއީދު ކުރައްވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށެވެ.
ނިހާނު ވިދާޅުވި ގޮތުގައި މެމްބަރު ސުޖާއު އާއި އަބްދުﷲ ރިފާއު ފިޔަވައި ދެން ތިއްބެވީ އެ ގާނޫނު އުވާލަން ތާއީދު ކުރައްވާ މެމްބަރުންނެވެ.
ނިހާން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު ނޫނީ ފްލޯ ކްރޮސިންގެ ގާނޫނަކީ މިހާރުން މިހާރަށް އޮންނަން ކޮންމެހެން ފެންނަ ގާނޫނެއް ނޫން ކަމަށް ޕީޕީއެމްގެ ޕީޖީ ބައްދަލުވުމުގެ ހާޒިރީންގެ މެޖޯރިޓީ އިން ފާސް ކުރައްވާފައިވާ ކަމަށާއި އެހެންކަމުން އާދީއްތަ ދުވަހުގެ ބަހުސްގައި އެ ބޭފުޅުން އެގޮތަށް ކުރިޔަށް ވަޑައިގަންނަވާ އިރު އެއަށް އެ ބޭފުޅުން ދައްކަވާނެ ވާހަކަފުޅުތަކާއި ދައްކަވާނެ ހުއްޖަތެއް ދައްކަވާނެ ކަމަށެވެ.
އެންޓި ޑިފެކްޝަންގެ ގާނޫން އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އެ ގާނޫން މަޖިލީހުން ފާސް ކުރިއިރު ވެސް ރިޔާޒް އެ ބިލަށް ވޯޓެއް ނުދެއްވަ އެވެ.
ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް މި ޤާނޫން އުވާލުމަށް ހުށަހަޅުއްވާފައި ވާއިރު، އެމައްސަލަ ވަނީ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.