ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 13:24
ރިލްވާން އަށް ވީގޮތެއް ހޯދުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން
ރިލްވާން އަށް ވީގޮތެއް ހޯދުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން
ފޭސްބުކް
ނޫސްވެރިޔާ ރިލްވާން
އަދީބު ފިލުމަށް ފުރުސަތު ނުދިނުމަށް ރިލްވާންގެ އާއިލާ އިން އެދެފި
އަދީބަކީ ރިލްވާންގެ މައްސަލައިގައި ސުވާލުކޮށް ތަހުގީގު ކުރަން ޖެހޭ ބޭފުޅެއް ކަމަށް އާއިލާ އިން ދެކޭ
ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އާއިލާ އިން ބުނޭ

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ލޮލަށް ބޭސްކުރުމަށްޓަކައި ދިވެހިރާއްޖެ އިން ބޭރަށް ދަތުރުކުރުމަށް ހުއްދަ ދޭންޖެހޭ ކަމަށް އިދިކޮޅު ލީޑަރުން ހިމެނޭ ގޮތުން ގޮވާލަމުން ދިއުމަކީ ކަންބޮޑުވާ، އަދި ނުރުހޭ ކަމެއް ކަމަށް ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާއިން ބުނެފިއެވެ.

ރިލްވާންގެ އާއިލާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަދީބަކީ، ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގައި ސުވާލުކޮށް ތަޙްޤީޤު ކުރަންޖެހޭ މީހެއް ކަމުގައި އެ އާއިލާ އިން ދެކޭ ކަމަށެވެ.

މީގެ ކުރިން ވެސް ހާމަވެފައިވާ ބައެއް މައުލޫމާތަށް ބަލާއިރު، ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވީ މީހުން ކަމުގައި ބެލެވޭ ބަޔަކާ އަޙްމަދު އަދީބާ ގުޅުންތަކެއް ވާކަމަށް ފެންނަ ކަމަށާއި އެހެން ކަމުން މައްސަލައިގެ ތަޙްޤީޤު އަލުން ކުރާއިރު ކުރެވޭ ސުވާލަށް އަދީބު ފިލުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކޭ ކަމަށް ރިލްވާންގެ އާއިލާ އިން ބުނެއެވެ.

މީގެ އިތުރުން އަދީބަކީ، މުޅި ދިވެހިރާއްޖެއަށް ގެއްލުން ލިބުނު ބޮޑެތި ޚިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމުގައި ވާތީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދީފި ނަމަ ދިވެހިރާއްޖެއަށް އެނބުރި ނައިސް ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ އާއިލާއިން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

ބަންދުގައި ބައިތިއްބާފައިވާ ޤައިދީންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެކަށީގެންވާ ބޭސްފަރުވާ، ލަސްނުކޮށް ލިބޭނޭ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ބައެއް ކަމަށާއި އެގޮތުން މިހާތަނަށް ބޭސްފަރުވާ ދިނުން ލަސްކޮށްފައި ހުރި ކޮންމެ ޤައިދީއަކަށް އެފަދަ ފަރުވާ އަވަސްކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

ޤައިދީންނަށް ހަމަހަމަ ގޮތުގައި ސިއްޙީ ފަރުވާ ދެވޭނޭ ނިޒާމެއް އުފައްދާނެކަން އިންތިޤާލީ މަސައްކަތުގައި އުޅޭ ކަމާ ބެހޭ ކޮމިޓީތަކުން ހާމަކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އަދި ދިވެހިރާއްޖެއިން ބޭސްފަރުވާ ނުކުރެވޭ ފަދަ ޙާލަތެއް ދިމާވާ ނުރައްކާތެރި މުޖުރިމުންނަށް ބޭރުން އެފަދަ ފަރުވާ ރާއްޖެއަށް ގެނެސްގެން ކުރެވޭނޭ މަގު ހުޅުވާލުން މުހިއްމު ކަމުގައި ދެކޭ ކަމަށް ބަޔާނުގައި ވެއެވެ. އެފަދަ މުޖުރިމަކު ފިލައިގެން ދިއުމުގެ ފުރުސަތު ހުޅުވާލުމަކީ އެކަމަށް ސަރުކާރު ފުރިހަމައަށް ޒިންމާ ނަގަންޖެހޭނޭ ކަމެއް ކަމަށް ރިލްވާންގެ އާއިލާއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ތަފާތު މައްސަލަތަކާ ގުޅިގެން ބަންދުކުރާ ޤައިދީންގެ ތެރެއިން ސިޔާސީ ބޮޑެތި މަޤާމުތައް ފުރާފައިވާ ބައެއް މީހުން ބޭސްފަރުވާއަށް ފުރައިގެން ދިއުމަށް ފަހު އަނބުރާ ޤައުމަށް ނައިސް ފިލައިގެން ގޮސްފައިވާ ކަމަށާއި އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ކޯއެލިޝަނުގެ ސިޔާސީ ލީޑަރުން ހިމެނޭކަމީ ދެރަ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ރިޔާސީ ވަޢުދެއް ކަމުގައިވާ، ރިލްވާން ގެއްލުވާލި މައްސަލަ ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ވައުދު ފުރިހަމަ ކުރުމަށް އެޅޭ ހުރަހެއް ކަމަށް ރިލްވާންގެ އާއިލާއިން ބުނެއެވެ.

ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ގިނަވެފައި ވަނިކޮށް، ސިޔާސީ ހެޔޮ ބަދަލަކަށް ފުރުސަތު ލިބޭ ދަނޑިވަޅަކީ ނުހަނު ވިސްނުންތެރިކަމާއެކު، ހެޔޮ މަގުގައި ކުރިއަށް ދާން ލިބޭ ވަގުތެއްކަން ދެނެގަނެ، އެތަކެއް ބައެއްގެ ޙައްޤުތަކަށް އަރައިގެންކަމުގެ ތުހުމަތު އުފުލިފައިވާ މީހަކު ފިލައިގެން ދިއުމަށް ތަން ނުދީ، ސާފު ފިޔަވަޅަކުން ފެށުމަށް އިދިކޮޅު ކޯއެލިޝަނަށް ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް