ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 04:20
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ޓްވިޓަރ
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ
ޓްރާންސިޝަންއަށް އެއްބާރުލުން ނުދޭން ސީދާ ރައީސް އޮފީހުން އެންގި: ފައްޔާޒް
އޮފީސްތަކުން މައުލޫމާތު ލިބެނީ ވަރަށް ހަނި ދާއިރާއެއްގައި
ޓްރާންސިޝަންގެ މަފްހޫމެއް ހާސިލެއް ނުވޭ

ވެރިކަން ބަދަލުވުމުގެ މަރުޙަލާއަށް އެއްބާރުލުން ނުދިނުމަށް ސީދާ ރައީސް އޮފީހުން ސަރުކާރުގެ އިދާރާތަކަށް އެންގިކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާޠިލްކުރަން ޖެހޭ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމުމާއި ހަމަޔަށް ވަރަށް ގިނަ އިދާރާތަކަކުން ޓްރާންސިޝަން ކޮމިޓީތަކަށް ހުރަސްތަކެއް ކުރިމަތިކުރުވިކަމަށެވެ. އަދި އެއްބާރުލުން ނުދިނުމަށް މިނިސްޓްރީތަކަށާއި ކުންފުނިތަކަށް ރައީސް އޮފީހުން އެންގިކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވިކަމަށް ފައްޔާޒް ވިދާޅުވިއެވެ. 

ފައްޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ސަރުކާރާއި ހަވާލުވުމަށް ތައްޔާރުވަމުންދާއިރު ސަރުކާރުގެ އޮފީސްތަކުން މައުލޫމާތު ލިބެނީ ވަރަށް ހަނި ދާއިރާއެއްގައި ކަމަށެވެ. ބައެއް ކަހަލަ އިދާރީ މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތެއް ސަރުކާރުގެ ބައެއް އިދާރާތަކުން ނުލިބޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

"އަސްލުގައި ޓްރާންސިޝަންގެ މަފްހޫމެއް ހާސިލެއް ނުވޭ. ހަމަ (ވެރިކަން) ބަދަލުވާ ދުވަހުވެސް ބަރާބަރަށް ސަރުކާރު ހިންގުމަށް ބޭނުންވާ މައުލޫމާތުތައް ބަރާބަރަށް ދެމުން ނުދޭ" ފައްޔާޒް ވިދާޅުވިއެވެ. 

ފައްޔާޒް ވިދާޅުވީ ޓްރާންސިޝަން ކޮމިޓީތަކުގެ ތެރެއިން އޭނާ ހަވާލުވެވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި، ފިޝަރީޒް މިނިސްޓްރީއާއި ގުޅުން ހުރި ކޮމިޓީތަކަށް އެއިދާރާތަކުން އެހާ ވަރަށް އެއްބާރުލުން ނުލިބޭކަމަށެވެ. 

"މިސާލަކަށް ބަލަމާ ޓޫރިޒަމް މިނިސްޓްރީ. އަދިވެސް އަޅުގަނޑުމެންނަށް ނުދޭ ކިތައް ރަށްތޯ ކުއްޔަށް ދީފައި އޮތީ. އަޅުގަނޑުމެން އެދިފައިވަނީ ކިތައް ރަށްތޯ ކުއްޔަށް ދީފައި އޮތީ، ކޮންކޮން ބަޔަކަށްތޯ ރަށްތައް ކުއްޔަށް ދީފައި އޮތީ، ރަށްތަކުގެ ޙާލަތަކީ ކޮބައިތޯ ބަލަން. އަދިވެސް މީގެން އެއްވެސް މައުލޫމާތެއް ނުލިބޭ،" ކަންބޮޑުވުމާއިއެކު ފައްޔާޒް ފާހަގަކުރެއްވިއެވެ.

ލިބޭ މައުލޫމާތުގެ އަލީގައި އެނގިގެންދަނީ ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ އަސްލު ތަފްޞީލު ނޭނގޭކަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. 

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ޓްރާންސިޝަން މަރުހަލާގައި އެބޭފުޅުންނަށް ސަރުކާރުގެ އޮފީސްތަކުގައި ޤާއިމްވެތިބެ މަސައްކަތް ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެކަމަށެވެ. 

ބައެއް އޮފީސްތަކުން މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނުދިން ނަމަވެސް، އަނެއް ބައި އޮފީސްތަކުން ވަރަށް ރަނގަޅަށް އެއްބާރުލުން ދޭކަމަށް ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް