ކ. މާލެ
|
26 އޮކްޓޯބަރ 2018 | ހުކުރު 00:44
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ސިއްރު ވޯޓުގައި މަސީހު ވޯޓު ދެއްވީ، އަބްދުއްރަހީމާ ދެކޮޅަށް!
އެ ވޯޓަކީ މީގެ 4 އަހަރު ކުރިން ނެގި ވޯޓެއް
އަބްދުއްރަހީމަށް ނާކާމިޔާބީއާ ކުރިމަތިވީ އެންމެ ވޯޓެއްގެ ތަފާތުން
އަބްދުއްރަހީމް ވާދަ ކުރައްވައި ރީކޯ މޫސަ ކާމިޔާބު ހޯއްދެވި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރިމަތިލެއްވުމުން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވޯޓު ދެއްވީ އަބްދުއްރަހީމާ ދެކޮޅަށް ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް 2014 ވަނަ އަހަރު ހުޅުވާލުމުން، އަބްދުއްރަހީމް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައެވެ. ދެހާސް ސާދަ ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އަބްދުއްރަހީމަށް ނާކާމިޔާބީއާ ކުރިމަތިވެ، އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. އަބްދުއްރަހީމްގެ މައްޗަށް މޫސާ މަނިކު ކުރި ހޯއްދެވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ރީކޯ މޫސާ އިންތިހާބުވީ 42 މެމްބަރުންގެ ވޯޓުންނެވެ. އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 41 ވޯޓެވެ.

މީގެ ހަތަރު އަހަރު ކުރިން މަޖިލީހުގައި ނެގި އެ ވޯޓާ ގުޅޭ ގޮތުން، ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ޝާހު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދުނީ އެ ވޯޓަށްފަހު ކަމަށެވެ. އޭރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މޫސަ މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ބައިވެރިވުމެއް އޮވެގެން ކަމަށް އަލީ ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އަބްދުއްރަހީމް ކުރިމަތިލެއްވުމުން، މަސީހު އޭނާއަށް ވޯޓު ނުދޭ ކަމަށް އަބްދުއްރަހީމް އޭނާގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އިންތިހާބު ނުވުމާ ހިސާބުން، މީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދިއްޖެ. މީގެ ތެރޭގައި އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭ ހިސާބަށް ގޮސްފި.އަޅުގަނޑު ކައިރީގައި، އަދި އަޅުގަނޑުގެ ދާއިރާގެ ފުވައްމުލަކު ރައްޔިތުން ކައިރީގައި ވެސް ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވޭ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ހުންނެވި އަޅުގަނޑުމެންގެ އަޚް، މަސީހު ތިމަންމަނިކުފާނަށް ވޯޓެއް ނުދެއްވައެއް،" އަލީ ޝާހު ވިދާޅުވިއެވެ.

އެންމެ ވޯޓެއްގެ ތަފާތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ގެއްލުނު އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައެވެ. އޭނާ ގެންދަވަނީ އެ މަގާމަށް ވަޑައިގަތުމަށްޓަކާ ކެމްޕެއިން ކުރައްވައި، ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނަށް ގުޅުއްވައި ތާއިދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު ވަކިކުރުމަށް 51 މެމްބަރުންގެ ސޮއާއެކު ހުށަހަޅާފައިވާ މައްސަލަ އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ އެޖެންޑާކޮށްފައެވެ. މަސީހު އެ މަގާމުން ދުރުކުރެއްވުމަށްފަހު، ހަމަ އެ ދުވަހު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން މަޖިލީހުގައި ވޯޓެއް ނަގާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް