ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 22:22
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މުހައްމަދު ޝަރުހާން
އެންޓި ޑިފެކްޝަން ގާނޫނު
އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަންޖެހޭ: އަމީތު
މިހާރު އޮތް ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އާ ގާނޫނެއް ގެނެސްގެން ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަންޖެހޭ
އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް އެކަނި އަމާޒުކޮށްގެން ހެދި ގާނޫނެއް

އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބުރާސްފަތި ދުވަހު ހުށަހަޅާފައިވަނިކޮށް މެންބަރު އަމީތު ވިދާޅުވީ މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް އެކަނި އަމާޒުކޮށްގެން ހެދި ގާނޫނެއް ކަމަށާއި އެއީ ހަމަޔާއި އުސޫލެއް ނޫން ކަމަށެވެ.

އަމީތު ވިދާޅުވީ މިހާރު އޮތް ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އެ ގާނޫނު ބާތިލުކޮށް އާ ގާނޫނެއް ގެނެސްގެން ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަންޖެހޭ ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީ އިން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެކެވެ.

އެންޓި ޑިފެކްޝަން ބިލް އުވައިލުމަށް ރިޔާޒް ހުށައަޅުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ދުރުކުރަން އިދިކޮޅު ކޯލިޝަނުން ބުދަ ދުވަހު މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް ރިޔާޒް ވަނީ ސޮއިކުރައްވައިފައެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ވަކި މެންބަރުންތަކެއްގެ ގޮނޑިތައް ގެއްލުވާލުމަށް އަމާޒުކޮށްގެން މާޒީގައި ހިނގާފައިވާ ކަމަކަށް ރިއާޔަތްވާ ގޮތަށް ވުޖޫދަށް ގެނައި ގާނޫނެކެވެ. އެ ގާނޫނު ފާސްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް މަޖިލީހުގެ ގޮނޑި ލިބުނު ޕާޓީ ބަދަލުކުރާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް މެންބަރުންނަށް އަމާޒުވެފައި ވެއެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނަކީ މުހިންމު ގާނޫނެއް ކަމަށް އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނަކީ މެންބަރުން ޕާޓީ ބަދަލުކުރުމުގެ "ވިޔަފާރި" ހުއްޓުމަކަށް ގެނައުމަށް މުހިންމު ގާނޫނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް