ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 09:41
ކަނޑުހުޅުދޫ ސުކޫލްގެ ދަރިވަރުންތަކެއް
ކަނޑުހުޅުދޫ ސުކޫލްގެ ދަރިވަރުންތަކެއް
ރާއްޖެ އެމްވީ
ކަނޑުހުޅުދޫ ސުކޫލް
ސަންތި މަރިޔަބު ބަންޖެއް ކިޔުއްވި ޓީޗަރު ވަޒީފާއިން ވަކިކުރީ ޤާނޫނާއި ހިލާފަށް ކަމަށް ނިންމައިފި
ވަޒީފާއިން ވަކިކުރި މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހުކުމްކޮށްފައިވޭ

ކުޑަކުދިންގެ ދުވަހު ގއ. ކަނޑުހުޅުދޫ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި ބަންޖެއް ކިއުމުގެ މައްސަލާގައި އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲ ވަޒީފާ އިން ވަކިކުރީ ޤާނޫނާއި ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ. 

2017 ވަނަ އަހަރު މެއި މަހުގެ 11 ވަނަ ދުވަހު އެ ރަށުގެ ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު ބޭއްވި ހަރަކާތެއްގައި ބެލެނިވެރިޔަކު ކިޔާފައިވާ އެބަންޖާ ގުޅިގެން ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲ ގޭގައި މަޑުކުރަން އެޑިޔުކޭޝަނުން އެންގީ އެއް މަހުގެ މުއްދަތަށެވެ. އެއަށް ފަހު 22 ޖޫން 2017 ގައި އޭނާ ވަޒީފާ އިން ވަކިކޮށްފައިވެއެވެ. 

ވަޒީފާއިން ވަކިކުރި މައްސަލަ އަޝްރަފްގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށައަޅާ އެދިފައި ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތު މުސާރަ އާއި އެހެނިހެން އިނާޔަތްތައް ނަގައި ދިނުމަށެވެ. 

މައްސަލަ ބެލުމަށް ފަހު އެ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ސަރުކާރުގެ އަގުވެއްޓޭ ގޮތަށް އަދި ޤާނޫނަށް ހުރުމަތްތެރިކޮށް ނުހިތުމަށް ބާރުލިބިދެވޭ ގޮތަށް ދަރިވަރުންނާއި ނުގުޅޭ ބަންޖެއް ކިޔުމަށް ބެލެނިވެރިންތަކެއް އުޅުމުން އެ ބަނދި ކިޔުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އަޝްރަފު އަބްދުﷲ އާ ހަވާލު ކޮށްފައިވާކަން ދައުވާ ރައްދުވާ ފަރާތަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ. އަދި މީގެކުރިން އަޝްރަފު އެ ސުކޫލް ހިންގެވުމާއި ހަވާލުވެ ހުރި ދެ ފަހަރަކު ސުކޫލްގައި އެ ބަނދި ކިޔުވާފައިވާ ކަމަށް ބުނި ނަމަވެސް އެ ބަނދި ކިޔާފައި ވަނީ އަޝްރަފު އަބްދުﷲގެ ބެލުމުގެ ދަށުންކަމަށް ދައުވާ ރައްދުވާ ފަރާތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. 

އެހެންކަމުން އެ ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ އަޝްރަފު ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާ އާއި ބެހޭ ޤާނޫނާއި ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ސަސްޕެންޑްކުރި ތާރީހާއި، އަލުން ވަޒީފާ ހަމަޖެހޭ ތޭރީހާ ދެމެދުގެ މުއްދަތަށްވާ މުސާރާ އާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްފައި ވެއެވެ. 

އެ ބަނދީގެ މައްސަލަ ބަލައި ދިނުމަށް 2017 ވަނަ އަހަރު އެޑިއުކޭޝަނަށް ހުށައެޅީ އެ ރަށު ކައުންސިލްގެ ފަރަތުން އެވެ. އެގޮތުން ކައުންސިލް އިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ "ބެލެނިވެރިންގެ ފަރާތުން ހުށަހެޅި އައިޓަމެއްގައި، ސަރުކާރަށާއި (ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން) މެޑަމް ފާތުމަތު އިބްރާހިމްއަށް ބަދުބަސްތައް ބުނެ ފާޑުކިޔާފައިވާ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް