ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 05:31
ސިޔާމް ރިލްވާންގެ މަންމައާއެކު
ސިޔާމް ރިލްވާންގެ މަންމައާއެކު
ޓްވިޓަރ
ރިލްވާން މައްސަލަ
އެމްޑީއޭގެ ލީޑަރު ސިޔާމް ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމައާ ބައްދަލުކޮށްފި
ރިލްވާން ގެއްލުވާލާފައިވާ މައްސަލާގައި އާއިލާގެ ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައި
މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ މިމައްސަލައިގެ ތަހުގީގު އަވަސް ކުރުމާ ގުޅޭ ގޮތުން

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާއާ ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ރިލްވާން ގެއްލުވާލާފައިވާ މައްސަލާގައި އާއިލާގެ ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމާ ގުޅޭ ގޮތުންނެވެ. މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމާއި ރިލްވާންގެ އާއިލާއަށް ލިބޭ އިންޒާރުތައް ފާހަގަކޮށް ރިލްވާން ގެއްލުވާލި މައްސަލާގެ ގިނަ ކަންކަން އާއިލާއިން ވަނީ ސިޔާމްއާ ހިއްސާކޮށްފައެވެ.

މީގެ އިތުރަށް ރިލްވާންގެ އާއިލާއަށް ސިޔާމަށް ދެވެން ހުރި ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ވެސް އޭނާ ވަނީ ދެއްވާފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަށް ގިނަ އިންޒާރުތަކެއް ދިނުމަށްފަހު އޭނާ ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ. ރިލްވާން ވަގަށް ނެގިތާ ހަތަރު އަހަރު ވީއިރުވެސް ފުލުހުންނަށް އޭނާ ހޯދިފައި ނުވާއިރު ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

އެއަށް ރައްދު ދެއްވައި ދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވެފައިވާ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ އަތޮޅު ފަރެސްމާތޮޑާ އަށް ވަޑައިގެން ރައީސް ވަނީ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އިރާދަކުރެއްވިއްޔާ ރިލްވާން ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރިލްވާންގެ މައްސަލަ ފުރިހަމައަށް ތަހުގީގޮށް އާއިލާއަށް އިންސާފު ހޯދައިދިނުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 އޮކްޓޯބަރ 2018 | ބުރާސްފަތި 03:33
ބުނެލީ
މި ލިޔުުމުގެ ސުރުހީއިންދޭހަވަނީ ރިލްވާން ގެއްލުވާލާފައި ވަނީ އެމް.ޑީ.އޭ ސިޔާމް ކަމަށް ރަގަޅު ގޮތަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމައާ އެމްޑީއޭގެ ލީޑަރު ސިޔާމް ބައްދަލުކޮށްފި
25 އޮކްޓޯބަރ 2018 | ބުރާސްފަތި 03:14
ockތ
އަދިމާ ޢަވަސް ތިކަމާ ޢުލެން.