ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 16:55
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ރާއްޖެއެމްވީ
އިންތިޚާބީ ރައީސް ސޯލިހު
އިންތިހާބީ ރައީސް ސޯލިހް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހުރިހާ ކައުންސިލަރުން ބައިވެރިކުރަނީ
ހުރިހާ ކައުންސިލްތަކަށް އެލްޖީއޭއިން ވަނީ ދައުވަތު ފޮނުވާފައި
ކައުންސިލަރުން މާލެ އަންނަން ޖެހެނީ އަމިއްލަ ޚަރަދުގައި
ހުވާކުރުން ބާއްވަން މަސައްކަތް ކުރަނީ ގަލޮޅު ދަނޑުގައި

ބޮޑު ތަފާތަކުން ރައީސް ޢަބްދުﷲ ޔާމީން ބަލިކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓު ފައިސަލް ނަސީމު، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް އިންތިހާބުވެފައިވާ ކައުންސިލަރުންނަށް ދައުވަތު ދެއްވައިފިއެވެ.

ލޯކަލް ގަވާމެންޓް އެތޯރިޓީ (އެލްޖީއޭ) އިން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް ފޮނުއްވި ސިޓީގައި ބުނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ސޯލިހް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމުގެ ހުވާ ކުރެއްވުގެ ރަސްމިއްޔާތުގައި ހުރިހާ ކައުންސިލްތަކުގެ ކައުންސިލް މެންބަރުން ބައިވެރިވުމަށް އިންތިހާބީ ރައީސްގެ އޮފީހުން ބޭނުންފުޅުވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އަމިއްލަ ހަރަދުގައި ބައިވެރިވުމަށް ކައުންސިލަރުންނަށް ދައުވަތު ދެއްވާފައިވާ އިރު އެ ކައުންސިލު އިދާރާއަކުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންވާ މެމްބަރުންގެ މައުލޫމާތު ސާފު ކުރެއްވުމަށް ފަހު ބުދަ ދުވަހުގެ ނިޔަލަށް އެލްޖީއޭ އަށް ފޮނުއްވުމަށް އެދޭ ކަމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަންނަވާ ބޭފުޅުންނަށް ރަސްމީކޮށް ދައުވަތު އެރުވުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައި ވަނީ ގަލޮޅު ދަނޑުގައެވެ. އެގޮތަށް ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެޕާޓީތަކުން ބުނެއެވެ.

އިންތިހާބީ ރައީސް އެމަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 11 ނުވަތަ 17 ވަނަ ދުވަހެވެ. ހުވާ ކުރައްވާނެ ސީދާ ތާރީހާއި މެދު މިހާރު ވެރިކަން ކުރަމުން އަންނަ ޕާޓީ، ޕީޕީއެމްއާއި އިދިކޮޅު ކޯލިޝަނުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސަށް ހުވާކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް