ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 19:34
މައްސަލަ ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލް މަރިޔަމް ޝުނާނާ
މައްސަލަ ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލް މަރިޔަމް ޝުނާނާ
މުހައްމަދު ޝަރުހާން
ސީލައިފްގެ މައްސަލަ
ފްލެޓް ދޭނަމޭ ބުނެ ސީލައިފް އިން ފައިސާ ނެގި މައްސަލަ އޭސީސީ އާއި ޕޮލިހަށް
ސީލައިފްގެ ޑިރެކްޓަރުން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާކަމަށް ވިދާޅުވި
ސީލައިފް އޮފީސް މިހާރު ހުންނަނީ ބަންދުކޮށްފައި

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތްކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ އެމައްސަލަ ބަލައި ދިނުމަށް ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް މައްސަލަ ހުށަހަޅައިފިއެވެ އެމައްސަލަ ފުލުހުންގެ އިދާރާއަށާއި އޭސީސީއަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލް މަރިޔަމް ޝުނާނާއެވެ.
ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އިމާރާތްކުރަން ބުނި ފްލެޓްތައް އިމާރާތްކޮށްފައި ނުވާތީ އެކަމުން ގިނަ ބަޔަކަށް ވަނީ މާލީ ގޮތުން ގެއްލުން ލިބިފައެވެ. އެހެންކަމުން އެކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގަޔާއި ހިލޭ ވަކާލާތު ކޮށްދިނުމަށް ޝުނާނާ ވަނީ ނިންމާވާފައެވެ.

ސީލައިފް އިން ހުޅުމާލޭގައި އަޅާ އެޕާޓްމަންޓު ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް ހިމެނޭ ޝުނާނާ ވިދާޅުވީ، އެފައިސާ ނުލިބިގެން އެތައް ބަޔަކު އެބަތިބި ކަމަށާ، އެފައިސާ ހޯދުމަށްޓަކައި ސީލައިފް ގްލޯބަލްގެ އޮފީހަށް ދިޔައިރު އެތަން ވަނީ ބަންދުކޮށްފައި ކަމަށެވެ. އަދި ފޯނު ކޮށްގެނާއި އީމެއިލް ކޮށްގެންވެސް އެބޭފުޅުންގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށް ޝުނާނާ ވިދާޅުވިއެވެ.
ސިވިލް ކޯޓަށް އެމައްސަލަ ހުށަހެޅުމަށް ދިރާސާ ކުރިއިރު މިއީ ޖިނާއީ މައްސަލަ އެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، ސީލައިފްގެ ޑިރެކްޓަރުން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން ފާހަގަކުރެވޭ ކަމަށް ޝުނާނާ ވިދާޅުވިއެވެ.
އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހުނަށް ރިފަންޑް ދިނުމަށް ވަކި މުއްދަތެއް ދިނުމަށްފަހު، ސީލައިފްގެ އޮފީސް ބަންދުކޮށްފައި ހުރުމަކީ ފައިސާ ނުދޭންވެގެން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ޝުނާނާ ވިދާޅުވިއެވެ.

ޑައުންޕޭމަންޓް ފައިސާ ނެގި 147 މީހެއްގެ މައުލޫމާތު މިހާރު ވެސް އެބަހުރި ކަމަށާއި އެޕާޓްމަންޓް ގަތުމަށް ބައެއް މީހުންގެ އަތުން 1 މިލިއަން ރުފިޔާ ވެސް ނަގާފައިވާ ކަމަށާއި، އެކުންފުނީގެ 4 އެކައުންޓް ހުރިއިރު އެއިން އެއްވެސް އެކައުންޓެއްގައި އެފައިސާ ނެތް ކަމަށް ވެސް ޝުނާނާ ވިދާޅުވިއެވެ.

ސީލައިފް މޯލްޑިވްސް އާއި ދުބާއީގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓާއި އޮފީސް ތަރައްގީ ކުރުމަށް 13މާޗް  2014ގައި ހައުސިންގ ޑިވެލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެނގިފައިވާ ގޮތުގައި ގިނަ ބަޔަކު ފައިސާ ނު ލިބިގެން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ އިރު ސީލައިފް ކުންފުނީގެ ވެރިޔާ އަހްމަދު މިހާރު އުޅުއްވަނީ ލައްކާގައެވެ.

ޝުނާނާ ވިދާޅުވީ ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ފައިސާ ނަގާފައިވާއިރު ޑައުންޕޭމަންޓް ނެގުމުގެ ހުއްދަ ލިބެނީ އިންވެސްޓްމަންޓް އެމައުންޓްގެ 20 ޕަސެންޓް ނިމުނީމަ ކަމަށާއި، އެހެން ނަމަވެސް ސީލައިފް އިން އަޅަން ބުނި އެޕާޓްމަންޓް ތަކުގެ 20 ޕަސެންޓް ވެސް ނިމިފައި ނުވާކަމަށެވެ.

"ޑައުންޕޭމަންޓްގެ 20 ޕަސެންޓް ނެގިއިރު 20 ޕަސެންޓަށް އެޕާޓްމަންޓްތަކުގެ މަސައްކަތް ފުރިހަމަ ކޮށްފައިވޭތޯ އެޗްޑީސީން ބަލަންޖެހޭނެ. މަސައްކަތް ކުރިއަށްދޭތޯ އެޗްޑީސީން ބަލާފައި ނެތް. ސީލައިފް އިން ހިންގި އަޮޅުވާލުމުގައި އެޗްޑީސީ ވެސް ބައިވެރިވެފައިވާ ކަމަށް ގަބޫލުކުރެވޭ" ޝުނާނާ ވިދާޅުވިއެވެ.

ސީލައިފްއާ އެކު ހެދި އެގްރީމެންޓްގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ތިން ބިމެއްގައި 800 އާއި 1000 އާ ދެމެދުގެ އަދަދެއްގެ ފްލެޓެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިރު މުޅި މަޝްރޫއުގެ ދިގުމިނަކީ ފަސް އަހަރެވެ. މިއަހަރު ނިމުމުގެ ކުރިން ފްލެޓްގެ މަސައްކަތް ނިންމައި ހަވާލު ކުރާނެ ކަމަށް ސީލައިފް އިން މީގެ ކުރިން ބުނެފައިވާ އިރު ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މާ ބޮޑު މަސައްކަތްތަކެއް ކުރަމަކުން ނުދެއެވެ.

ފްލެޓްތައް ލަސްވަމުން ދިއުމާއި އެޑްވާންސް ފައިސާ ވެސް އަނބުރާ ނުލިބި ގިނަ ބަޔަކު ޝަކުވާކުރަމުންދާ އިރު އެ ކުންފުންޏާ އެކު އެއްބަސްވުން ހެދި އެޗްޑީސީން މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް