ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 16:35
މެމްބަރު އިލްހާމާއި މެމްބަރު ސައުދުﷲ ހިލްމީ (ކ)
މެމްބަރު އިލްހާމާއި މެމްބަރު ސައުދުﷲ ހިލްމީ (ކ)
މުހައްމަދު ޝަރުހާން
12 މެމްބަރުންގެ ގޮނޑީގެ މައްސަ
މެމްބަރު ސައުދުﷲ އާއި އިލްހާމްގެ ގޮނޑީގެ މައްސަލަ މާދަމާ އަށް ތާވަލް ކޮށްފި
އިލްހާމުގެ މައްސަލަ: 10:00 ގައި
ސައުދުﷲ ހިލްމީގެ މައްސަލަ: 13:00 ގައި
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މެމްބަރު އިލްހާމާއި މެމްބަރު ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުމާ ގުޅިގެން އެ ދެ މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުން ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މީގެ އެއް އަހަރު ކުރިން ހުށަހަޅާފައެވެ. ނަމަވެސް އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ބޭއްވުމަށް ނިންމާފައި ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. އިލްހާމުގެ ޝަރީއަތުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހު 10:00 އަށެވެ. ސައުދުﷲ ހިލްމީގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މެންދުރު ފަހު 13:00 އަށެވެ.

އިލްހާމާއި ސައުދުﷲގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އިތުރު 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ނިންމާފައި ވެއެވެ. 

އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ފުރަތަަމަ ހަތަރު މެމްބަރުން ކަމަށްވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރުގެ ގޮނޑި ނުގެއްލޭ ކަމަށް ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. 

މީގެ އިތުރުން، މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރޭގައި ދެން ހިމެނޭ ހަތަރު މެމްބަރުންނަކީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް