ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 14:33
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މަޖިލީހުގެ އިންތިހާބުގައި އެއްވެސް ދާއިރާއެއްގެ ނަމަށް ބަދަލެއް ނާންނާނެ: ޝަރީފު
މަޖިލީހުގެ އިންތިހާބު ބާއްވަނީ 2019 ވަނަ އަހަރުގެ މާރޗު ފަހުކޮޅުގައި
އެއްވެސް ދާއިރާއެއްގެ ނަމަށް ބަދަލެއް ނާންނާނެ
މާލޭގެ ދާއިރާއެއް އިތުރުވުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދާރީ އެއްވެސް ދާއިރާއެއްގެ ނަމަށް ބަދަލު ނާންނާނެ ކަމަށާއި މާލޭ ސިޓީން ދެ ދާއިރާއެއް އިތުރުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ބައެއް ދާއިރާތަކުގެ ނަންތަކަށް ބަދަލު އަންނާނެ ކަމަށް ކަނޑައެޅުނު ނަމަވެސް އެކޮމިޝަނުގެ ޕްލޭނިންގ ސެކްޝަނުން ހުށަހަޅާފައިވާ އާބާދީއަށް ބަލާއިރު އެއްވެސް އިންތިހާބީ ދާއިރާއެއްގެ ނަމަށް ބަދަލު ނާންނާނެ ކަމަށެވެ.

"ދާދި ފަހަކާ ޖެހެންދެން ވެސް އަޅުގަނޑުމެން އުންމީދު ކޮށްގެން ތިބީ ބައެއް ދާއިރާތަކުގެ ނަންތަކަށް ބަދަލު އަންނާނެ ކަމަށް.އެހެން ނަމަވެސް އިއްޔެ އަޅުގަނޑުމެންނަށް އިލެކްޝަންސްގެ ޕްލޭނިންގ ސެކްޝަނުން ހުށަހަޅާފައިވާ އާބާދީއަށް ބަލާފައި ކޮމިޝަނަށް އިއްޔެ ފާހަގަކުރެވިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތަކުގެ ނަމަށް އެއްވެސް ބަދަލެއް ނާންނަކަން. އޭގެ މާނައަކީ މިހާރު ވެސް ކަނޑައެޅިފައިވާ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅިގެންދާނެ." ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންދަނީ 2019 ވަނަ އަހަރުގެ މާރޗު މަހުގެ ފަހުކޮޅު ބާއްވާ މަޖިލީހުގެ އިންތިހާބުތަކުގެ ތައްޔާރީތައް ކަމަށްވާއިރު ދާއިރާތަކާ ގުޅޭ ކަންކަން ނިންމަމުންދަނީ ކަމާ ގުޅޭ ފަރާތްތަކާ އިދާރާތަކާ މަޝްވަރާ ކުރެވިގެން ކަމަށެވެ.

ޝަރީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާތަކަށް އައިސްފާނެ ބަދަލުތަކާ ގުޅިގެން މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ދާއިރާތައް ކަނޑައެޅުމަކީ އެއްވެސް ބަޔަކާ މަޝްވަރާކޮށްގެން އިލެކްޝަންސް ކޮމިޝަނުން ކުރަން ލާޒިމު ކޮށްފައިވާ ކަމެއް ނޫން ނަމަވެސް، އެކި ފަރާތްތަކާ މަޝްވަރާ ކުރެވިގެންދަނީ އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތަކުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

" މާލޭގެ ދެ ދާއިރާ އިތުރުވާނެ ކަމުގެ ފުރުސަތު އެބަ އޮތް. މައްޗަންގޮޅި ދާއިރާ އެއް އަދި ހެންވޭރުގެ ދާއިރާއެއް އިތުރުވެގެންދާނެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި އެބަހުރި. އަދި ދާއިރާތައް އިތުރު ނުކުރުމުގެ ވިސްނުން ދޫކޮށްލީއެއް ވެސް ނޫން." ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ވަރަށް އަވަހަށް އެކަން ނިންމާ، ދާއިރާތައް ކަނޑައެޅިފައިވާ ގޮތްތަކުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް