ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 19:18
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް
މުހައްމަދު ޝަރުހާން
އިލެކްޝަންސްގެ ޕްރެސް
ރައީސް ޔާމީން އަކީ ޕީޕީއެމްގެ ރައީސް ކަމަށް ގަބޫލެއް ނުކުރަން: އީސީ
ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕް ގަބޫލެއް ނުކުރަން
ސިވިލް ކޯޓުން ގޮތެއް ނިންމަންދެން ޕީޕީއެމްއާ މުއާމަލާތު ކުރުން ހުއްޓާލަން

ރައީސް އަބްދުﷲ ޔާމީނަކީ ޕީޕީއެމްގެ ރައީސް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އަދި ވެސް ޔާމީނާ މުއާމަލާތު ކުރަނީ ޕީޕީއެމްގެ މުސްތަޝާރުގެ ގޮތުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތީ އެޕާޓީގައި ހިމެނޭ މެންބަރުން ނޫން ބަޔަކު ޕީޕީއެމްގެ ކޮންގްރެސްގައި ތިބުމުން ކަމަށެވެ. އެގޮތުން އެޕާޓީގެ ދަފްތަރުގައި ނުހިމެނޭ 42 މީހުން ކޮންގްރެސްގައި ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންގްރެސްގައި ނިންމި އެއްވެސް ނިންމުމަކީ އެކޮމިޝަނުން ބަލައިގަންނަ ނިންމުންތަކެއް ނޫން ކަމަށް އެކޮމިޝަނުގެ ރައީސް ޝަރީފު ވެސް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ޕީޕީއެމްގެ މަގާމުތަކަށް އައްޔަނު ކުރެއްވުނު މީހުންގެ ތެރޭގައި ވެސް ޕީޕީއެމްގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތައް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ޕީޕީއެމްގެ ކޮންގްރެސްގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުވާތީވެ، އެކޮންގްރެސް އިން ކަނޑައެޅި ލީޑަރޝިޕްއަކީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ ލީޑަރޝިޕެއް ނޫން. އަދި އެންޑޯސް ކުރެވިފައިވާ ލީޑަރޝިޕެއް ނޫން. އެހެން ކަމުން އަޅުގަނޑުމެން އެފަރާތްތަކާ މުއާމަލާތެއް ނުކުރާނަން." އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވެސް ވަނީ އެކޮމިޝަނުން ރައީސް ޔާމީނާ މުހާތަބު ކުރައްވަމުން ދަނީ ޕީޕީއެމްގެ މުސްތަޝާރުގެ ގޮތުގައި ކަމަށެވެ.

އަކްރަމް ވިދާޅުވީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޕީޕީއެމްގެ މައްސަލައާ މެދު ގޮތެއް ނިމެންދެން ޕީޕީއެމްއާ މުއާމަލާތް ކުރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ، ކޮންގްރެސް ބޭއްވުމަށް ކަނޑައަޅާފައިވާ ފަސް އަހަރުގެ މުއްދަތަކީ ހިޔާލު ތަފާތުވުންތަކެއް އޮތް ކަމަކަށްވާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެ ގާނޫނުގައި ގުނާ ހުރިހާ މުއްދަތެއް ގުނަން ވާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމަށްވާ ނަމަ ފަސް އަހަރު ދިގު ދެމިގެންދާ ކަމަށާއި އެހެން ކަމުން ޕީޕީއެމް އުވޭނެ ކަމާ މެދު ނުވަތަ ނު އުވޭނެ ކަމާމެދު ސީދާ ޖަވާބެއް ނު ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް