ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 12:38
މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން
މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެމަނިކުފާނު ޖަވާބުދާރީވެ ވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރެއް ނުފެނޭ: ހިސާން
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ އާދައިގެ ތުހުމަތުތަކެއް ނޫން
މިމައްސަލަތަކަށް ރައީސް ޔާމީން ޖަވާބުދާރިވެ ވަޑައިގަންނަވަން ޖެހޭ
ރައީސް ޔާމީން ރާއްޖެ ދޫކޮށް ވަޑައިގަންނަވާފާނެކަމުގެ ބިރު ރައްޔިތުންގެ އެބައޮތް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހިޔާނާތުގެ އެތަކެއް މައްސަލަތަކެއް ތުހުމަތު ކުރެވެމުންދާއިރު ފެނިގެންދަނީ އެމަނިކުފާނު މިއިން އެއްވެސް މައްސަލައަކަށް ޖަވާބުދާރީވެ ވަޑައިގެންނަވަން ބޭނުންފުޅު ނުވާ މަންޒަރު ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "އަނިޔާވެރިކަން ނިންމުން" ޕްރޮގްރާމްގައި ހިސާން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތުހުތަމުތަކަކީ އާދައިގެ ތުހުމަތުތަކެއް ނޫން ކަމަށާއި، ބޮޑެތި ވައްކަމާއި ހިނާތުގެ ތުހުމަތުތަކެއް ކަމަށެވެ. ހިސާން ވިދާޅުވީ އިންސާނިއްޔަތާއި ހިލާފު އަމަލުތަކެއް ހިންގާ ދައުލަތުގެ މުއައްސަސާތަކާއި ބާރުތަކުގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވިކަމުގެ ތަހުމަތުތަކެއް ކުރެވިފައިވާ ކަމަށާއި، މިމައްސަލަތަކަށް އެމަނިކުފާނު ޖަވާބުދާރިވެ ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނަމަވެސް މިހާރު ފެނިގެންދަނީ އެމަނިކުފާނު ޖަވާބުދާރީވެ ވަޑައިގެން ބޭނުންފުޅު ނުވާ މަންޒަރު ކަމަށާއި، މިތުހުމަތު ކުރެވޭ ޖަރީމާތަކުގެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ހިސާން ވިދާޅުވިއެވެ. 

"ދިވެހިރައްޔިތުން މިއަންނަ ސަރުކާރަށް ވޯޓު ދިނީ އެނގިވަޑައިގަންނަވާނެ މިސަރުކާރު ނުވަތަ އިލެކްޝަން ކެންޕޭން ހިންގި ފްލެޓް ފޯމަކީ އިންސާފުގެ މަގަށް. އަޅުގަނޑުމެންގެ ވައުދަކީ ދިވެހިރާއްޖެ އިންސާފުގެ މަގަށް ގެންގޮސްދޭނެ ކަމުގެ ވައުދު. އެހެންކަމުން ނުހައްގުން ބޭއިންސާފުން ކަންކަން ކޮށްފައި ހުރި މީހުން ޖަވާބުދާރީ ކުރުވުމަކީ އޭގެ އެއްކޮންޕަނަންޓު." ހިސާން ވިދާޅުވިއެވެ.

ރައީސް ޔާމީން ފިލައިގެން ނުވަތަ ރާއްޖެ ދޫކޮށް ވަޑައިގަންނަވާފާނެކަމުގެ ބިރު ދިވެހި ރައްޔިތުންގެ އެބައޮތްކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވަން ދުވަސްކޮޅެއް އެބައޮތް ކަމަށާއި، މިދުވަސްކޮޅު ރައީސް ޔާމީން ފިއްލަވަން މަސައްކަތް ކުރެއްވި ނަމަވެސް ހުއްޓުވުމުގެ އެއްވެސް ބާރެއް އިންތިޚާބީ ރައީސް ސޯލިހުއަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ މުއައްސަސާތަކުގެ ކިބައިގައި އެބާރު އެބައޮތް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ރައީސް ޔާމީން ހުއްޓުވައި މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"މޯލްޑިވްސް ޕޮލިސް ސާރވިސް ރައީސް ޔާމީންއާ ގުޅޭ އެތައް މައްސަލައެއް އެބައޮތް ހުށަހަޅާފައި. ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާފައިވާ މައްސަލަތަކާއި، އަމިއްލަ ފަރުދުން ހުށަހަޅާފައިވާ މައްސަލަތަކާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތައް އެބަހުރި. މިމައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމަނިކުފާނު ރާއްޖެ ދޫކޮށް ވަޑައިގެންފިއްޔާ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ޖިނާއީ މައްސަލައެއްގައި ޝަރީއަތް ކުރުމުގެ އިންސާފުވެރި ގޮތަކީ ޣައިރު ހާޒިރު ގައި ޝަރީއަތް ކުރުން ނޫން ކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ މައްޗަށް ކުރެވޭ ތުހުމަތައް ތަހުގީގު ކުރެވި ޝަރީއަތަކާއި ހަމައަށް ދާއިރު އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ލިބުން އެދޭ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް