ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 08:58
ޕީޕީއެމުން އާދީއްތަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސް
ޕީޕީއެމުން އާދީއްތަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސް
ރާއްޖެ އެމްވީ
ޕީޕީއެމް ޕްރެސް
ނޮވެމްބަރު 11 ގައި ހުވާކުރުން ހުއްޓުވަން ސުޕްރީމް ކޯޓަށް ދާން ޖެހިދާނެ: ޕީޕީއެމް
ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 16 ގައި
ހުވާކުރާނެ ދުވަހެއް އިލެކްޝަނަކަށް ނުނިންމޭނެ
ޤާނޫން އަސާސީގެ އިންތިގާލީ ބާބުގައި ބުނަނީ ހުވާ ކުރަންވާނީ ނޮވެމްބަރ 11 ގައި ކަމަށް

ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ނޮވެމްބަރު 11 ގައި ހުވާކުރައްވާނަމަ އެކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހިދާނެ ކަމަށް އިންތިޚާބުން ބޮޑުތަނުން ބަލިވެވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕީއެމުން ނިންމައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއް ރަހީމް ޢަބްދުﷲ ވިދާޅުވީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން، އިން ނިންމި ނިންމުމަށް އިހްތިރާމް ނުކުރައްވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އިންތިހާބީ ރައީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރާނެ ދުވަސް ކަނޑައެޅުމަކީ އިލެކްޝަން ކޮމިޝަންގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީން އެބާރާއި އެ އިހްތިޔާރު އީސީއަށް ލިބިދީފައިނުވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށާއި ރައީސް ޔާމީންގެ ދައުރުގެ ފަސް އަހަރު ހަމަވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ކަމަށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި 11 ނޮވެމްބަރުގައި ހުވާ ކުރަންޖެހޭނެ ކަމަކަށް ބަޔާން ކޮށްފައިނުވާ ކަމަށާއި އެހެންކަމުން އީސީއަށް 11 ނޮވެމްބަރުގައި އިބޫ ހުވާ ކުރެއްވޭނެ ކަމަށް ކަނޑައެއް ނޭޅުއްވޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އީސީގެ މެންޑޭޓް ތެރޭ ތިއްބަވައިގެން ވާހަކަފުޅު ދެއްކެވިއްޔާ ރަނގަޅުވާނީ، އަޅުގަނޑުމެންނެއް އެޔަކަށް އިހްތިރާމެއް ނުކުރަން، ގާނޫނު އަސާސީއާ ހިލާފަށް ދައްކާ ވާހަކަތަކަށް ޕީޕީއެމަކުން އިހްތިރާމެއް ނުކުރާނެ،" އަދުރޭ ވިދާޅުވި އެވެ.

އިންތިޚާބީ ރައީސްއަށް ނޮވެމްބަރު 11 ގައި ހުވާ ކުރެއްވޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރާއިރު އަދި އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ބެލެވޭއިރު އެކަން ހުއްޓުވަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނަންތޯ ރާއްޖެ އެމްވީން ދެންނެވުމުން އަދުރޭ ވިދާޅުވީ އެއީ ޚިޔާލު ތަފާތުވާވަރަށް ވުރެ ސާފު މައްސަލައެއް ކަމަށާއި ގޮތެއް ނިންމަވާނީ ޕާޓީން މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

"އެއީ ޚިޔާލު ތަފާތުވާ ވަރަށް ވުރެ ސާފުކޮށް އޮތް މައްސަލައެއް. ސުޕްރީމް ކޯޓަށް ދިއުމާމެދު ގޮތެއް ނިންމާނީ ލީޑަރޝިޕްގައި މަޝްވަރާ ކުރުމަށް ފަހު" އަދުރޭ ވިދާޅުވިއެވެ.  

ޕީޕީއެމްގެ ތަރުޖަމާނު، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީންގެ ފަސް އަހަރު ދުވަސް ހަމަވާނީ އަންނަ މަހުގެ 16 ވަނަ ދުވަހަށް ކަމަށާއި އެހެން ބޭފުޅަކަށް ހުވާ ކުރެއްވޭނީ 17 ވަނަ ދުވަހު ކަމަށެވެ. އަދި އެނޫން ގޮތަކަށް އެކަން ކުރައްވާނަމަ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ޖެހިދާނެ ކަމަށާއި އެކަން ބަދަލުވެގެންދާނީ އަނެއްކާވެސް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ އިންތިގާލީ ބާބުގައިވާ ގޮތުން އާ ރައީސްއަކު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 11 ގައެވެ. ނަމަވެސް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެ ތާރީހަށް އާ ރައީސްއަކު އިންތިހާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ގަ އެވެ.

އެހެން ނަމަވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އާދީއްތަ ދުވަހު ވަނީ ނިންމާފައެވެ. އެ ކޮމިޝަނުން އެގޮތަށް ނިންމީ އެ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

އީސީން އިބޫއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި ފެށުނު ރިޔާސީ ދައުރަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުވި ކަމަށް އެ ކޮމިޝަނުން ކުރިން އިއުލާންކޮށްފައިވާ ކަމަށާއި 2013ގައި ފެށުނު ރިޔާސީ ދައުރު ނިމޭނީ މި އަހަހަރުގެ ނޮވެމްބަރު 11އަށް ކަމަށެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 11ގައި އިންތިހާބީ ރައީސް ސޯލިހަށް ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް އިބޫ ހުވާ ކުރައްވާނެ ކަމަށް ބުނަމުންނެވެ. އެއީ އަބަދުވެސް އަމަލުކޮށްފައިވާ ގޮތް ކަމަށާއި 2013 ވަނަ އަހަރު އެ ދުވަސް ލަސްވީ ހާއްސަ ހާލަތެއް މެދުވެރިވެގެން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 އޮކްޓޯބަރ 2018 | އަންގާރަ 09:28
ހަސަނު
އިބޫ އަށް އިގޭނެ ތިކަން ވާންވި ގޮތް މާ ރަގަލަށް. ތި ގާނޫނާއި ކުރީގެ ގާނޫނުވެސް ހިތު ދަސްވާނެ. ތި ބަޔަކު އުޅޭނީ މާ ފަހަތުގަ. ދައްކާ ވާހަކަ އެއްގޮތަކަށް ދިމާވާ ..ތަނެއް ނުފެނ ކޮންމެ އްޗެއް ބުނެވެނީ އިދިކޮލަށް..
22 އޮކްޓޯބަރ 2018 | ހޯމަ 06:34
އަހުމަދުލް
ހަމަ އެއް ކަމެއްގަވެސް ދުނުދޭތި. އޭރުން އޮތީ ދެދުނިޔޭގަ ކާމިޔާބު.