ކ. މާލެ
|
4 ފެބްރުއަރީ 2017 | ހޮނިހިރު 08:29
އެވޯޑް ލިބުނު ބޭފުޅަކަށް އެވޯޑް ހަވާލު ކުރަނީ
އެވޯޑް ލިބުނު ބޭފުޅަކަށް އެވޯޑް ހަވާލު ކުރަނީ
މުހައްމަދު ޝަރުހާން
އައްޑޫ އެވޯޑް
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
11 ދާއިރާއަކުން އެވޯޑް ދީފައެ

ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބަލާލި ވެސް އައްޑޫ ސިޓީއަށް އުފަން ރައްޔިތުން ދަނީ އެކި ފަންތީގައި މަސައްކަތް ކުރަމުނެވެ. ގައުމުގެ އެންމެ މަތީ ފަންތިން ފެށިގެން ގޮސް އެންމެ އާދައިގެ މަސައްކަތް ވެސް އެ ސިޓީގެ ރައްޔިތުން އަންނަނީ ކުރަމުނެވެ. އެއީ މަސައްކަތެރި ރައްޔިތުންތަކެއް ދިރިއުޅުމެން އަންނަ ސިޓީއަކެވެ. މިއަދު އައްޑޫއަށް އުފަން ރައްޔިތުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން "އައްޑޫ އެވޯޑް"ގެ ނަމުގައި އެވޯޑެއް ވަނީ ތާރަފްކޮށްފައެވެ. އެސިޓީގެ ރައްޔިތުންނަން ހިތްވަރު ދިނުމަށް ތާރަފްކުރި އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ތިން އަހަރުން އެއް އަހަރުގައެވެ.

 

ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ސަރަފުއްދީން ސުކޫލުގައި "އައްޑޫ އެވޯޑް 2016 " ގެ ނަމުގައި ބޭއްވި އެވޯޑް ހަފްލާއާއެކު މިއަދު އައްޑޫގެ ކޮންމެ ރައްޔިތެއްގެ މޫނު މަތިން ފެނިގެންދަނީ އުފާވެރިކަމެވެ. ރާއްޖެޓީން އެވޯޑް ހަފްލާ ވަގުތުން ގެނެސް ދެމުން ދިޔައިރު ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އައްޑޫގެ ކުދި ބޮޑު އެންމެންނާއި ރާއްޖޭގެ ރައްޔިތުން ތިބީ އެ ހަފްލާ ބަލަންށެވެ.

 

އެންޓިކޮރޮޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ސަރަފްވެރި މެހުމާނެންގެ ގޮތުގައި އެ ހަފްލާގައި ބައިވެރިވަޑައިގެންނެވި އިރު، ހަފްލާގެ ފުރަތަމަ ގޮނޑިބަރިން ފެނިގެންދިޔައީ އައްޑޫއަށް އުފަން އެކި ދާއިރާގައި މަސައްކަތް ކުރާ ފަރާތަކެވެ. ރައްޔިތުންގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި މެމްބަރު އިބްރާހިމް ޑީޑީ އާއި ޑރ. އަބްދުﷲ މަޖީދު ފަދަ ބޭފުޅުން ހިމެނެވެ.

 

އައްޑޫ ސިޓީ ކައުންސިލްގެ މޭއަރު އަބުދުﷲ ސޯދިގް ވިދާޅުވީ އައްޑޫ ސިޓީއަށް އުފަން ދަރިން ރާއްޖޭގެ އެކި ފަންތީގައި މަސައްކަތް ކުރަމުން އަންނަ އިރު އެފަދަ އެވޯޑަކާއި ސެޓްފިކެޓެއް ދިނުމުން އަގުވަޒަން ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އެފަރާތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރުދިނުމަށްޓަކައި އެވޯޑެއް ދިނުމަކީ ޝަރަފެއް ކަމަށް ވިދާޅުވިއެވެ.

 

އައްޑޫ އެވޯޑް2016 ވަނަ ދުވަުގެ ހަރަކާތުގެ ތެރެއިން

 އައްޑޫ ސިޓީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ ބޭފުޅުންނަން ހާއްސަކޮށްގެން ވަނީ 11 ދާއިރާއަކުން އެވޯޑް ދީފައެވެ. އެގޮތުން ޡާނަވީ އިމްތިޙާނުން އެއްވަނަ ލިބިފައިވާ 19 ކުދިންނާއި، ބްލިއަންސް އެވޯޑް ހާސިލްފައިވާ 14 ކުދިންނާއި ، މަތީފެންވަރުގެ ކޯހުން 1 ވަނަ ހޯދާފައިވާ 5 ބޭފުޅުންނާއި ބައިނަލްއަޤްވާމީ އަދި ޤައުމީ މުބާރާތަކުން ގޯލްޑް މެޑަލް ނުވަތަ އެއްވަނަ ހޯދާފައިވާ 11 ފަރާތަށާއި، ޙާފިޡްކަމުގެ ސަނަދު ލިބިފައިވާ 18 ފާރަތަކަށާއި އެކި ދާއިރާތަކުން މިހާރު ވެސް ހިދުމަތް ކޮށްދެއްވަމުން ގެންދަވާ 18 ފަރާތަކަށް ހިތްވަރުދިނުމުގެ އިނާމް ދީފައިވެއެވެ. އަދި ވަކި ދާއިރާއަކުން ޚާއްސަވެފައިވާ މެޑިކަލް ޑޮކްޓަރުންންގެ ތެރެއިން ދެ ބޭޅަކަށް އެވޯޑް ލިބިފައިވާއިރު ޕީއެޗްޑީ ހާސިލްކޮށްފައިވާހަތަރު ބޭފުޅުންގެ އިތުރުން ހަތް ބޭފުޅަކަށް ވަނީ ޝަރަފްވެރިކަމުގެ އެވޯޑް ދީފައެވެ.

 

ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އެންޓިކޮރޮޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ތަޢުލީމް ދީގެން ކިތަންމެ މޮޅު ބަޔަކު އުފެއްދިދާނެ ކަމަށާއި ނަމަވެސް ރަނގަޅު ތަރުބީއްޔަތެއް ނުދެވި ހާސިލްކުރާ ނުވަތަ ދެވޭ ތަޢުލީމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ދެވޭ ތަޢުލީމަކީ އެ މީހަކު ދުނިޔެއަށް ލޯ ހުޅުވައިދިނުމަށް ދެވޭ ތަޢުލީމެއް ކަމަށާއި އެއާ އެކު ރަނގަޅު ތަރުބީއްޔަތެއް ވެސް ދޭން ޖެހޭ ކަމަށް ލުތުފީ ވިދާޅުވިއެވެ.

 

އައްޑޫ ސިޓީން ދިވެހި ގައުމަށް ބޭނުންތެރި އެތައް ޝަޙްސިއްޔަތެއް އުފެދިގެން ހިނގައްޖެކަން ލުތުފީ ފާހަގަކުރެއްވިއެވެ. އެގޮތުން ޑޮކްޓަރުންނާއި އަދި ޕްރޮފެސަރުންނާ ފަނޑިޔާރުންގެ އިތުރުން އެތައް ވަރުގަދަ ޝަޙްސީއްޔަތެއް އުފެދިގެން ހިނގައްޖެ ކަމަށް ލުތުފީ ވިދާޅުވިއެވެ. އަދި އެފަދަ ޝަޙްސީއްޔަތުތައް އުފެދުނީ ދެވުނު ރަނގަޅު ތަރުބީއްޔާތާއި އަހުލާގީ ރަނގަޅު ސިފަތަކުގެ ސަބަބުން ކަމަށާއި ނަމަވެސް މިއަދު މުޖުތަމައުގެ ތެރެއިން އަހުލާގީ ރަނގޅު ސިފަތައް ފެންނަމުން ނުދާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

 

އައްޑޫ އެވޯޑް 2016 ނިމުނު އިރު އެވޯޑް ލިބިގެން ދިޔަ ބޭފުޅުންގެ މޫނު މަތިން ފެގެންދިޔާއި ހިނިތުންވުމާއި އުފާވެރިކަމެވެ. އެވޯޑް ލިބުނު ބޭފުޅުންގެ އާއިލާގެ މެމްބަރުން ދިޔައީ ހިތްވަރުދެމުންނެވެ. އެހެނަމަވެސް އެވޯޑް ހަފްލާގައި  ލުތުފީ ވިދާޅުވީ ތެދުވާހަކަފުޅަކަވެ. އެއީ ދެވޭ ތަޢުލީމަކީ އެ މީހަކު ދުނިޔެއަށް ލޯ ހުޅުވައި ދިނުމަށް ދެވޭ ތަޢުލީމެއް ކަމަށާއި އެއާ އެކު ރަނގަޅު ތަރުބީއްޔަތެއް ވެސް ދޭންޖެހޭ ކަމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް