ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 21:12
އީސީގެ މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި
އީސީގެ މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބީ ރައީސަށް ނޮވެމްބަރު 11ގައި ހުވާ ކުރަން ހުރަހެއް ނެތް: އީސީ
އެގޮތަށް ނިންމީ ފަސް މެމްބަރުންގެ އިއްތިފާގުން

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. 

އީސީގެ ރައީސް އަހުމަދު ޝަރީފު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން، އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ އިންތިހާބީ ރައީސް ސޯލިހު އެ ކޮމިޝަނަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ނޮވެމްބަރު 11ގައި ހުވާ ކުރެއްވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އަންގައި، އެމަނިކުފާނު ފޮނުވި ސިޓީގެ ޖަވާބު ފޮނުވާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އީސީން އިބޫއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި ފެށުނު ރިޔާސީ ދައުރަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުވި ކަމަށް އެ ކޮމިޝަނުން ކުރިން އިއުލާނު ކޮށްފައިވާ ކަމަށާއި 2013ގައި ފެށުނު ރިޔާސީ ދައުރު ނިމޭނީ މި އަހަހަރުގެ ނޮވެމްބަރު 11އަށް ކަމަށެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 11ގައި އިންތިހާބީ ރައީސް ސޯލިހަށް ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމާފައި ވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމެނީ ނޮވެމްބަރު 17ގައި ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން އެ ކޮމިޝަނަށް ކުރިން ވަނީ އަންގާފައެވެ. އެ ކޮމިޝަނުން ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ ވެސް ބަންޑާރަ ނާއިބުގެ އޮފީހުގެ އެ އެންގުމާ އެއްގޮތަށް، ގާނޫނުގައި ބުނާ މުއްދަތަށް ބެލުމަށްފަހުގައެވެ.

ނަމަވެސް ގާނޫނުއަސާސީގެ 125 ވަނަ މާއްދާގެ (ނ)ގައި ބާރު އަޅާފައި ވަނީ ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ނިމި، އާ ދައުރު ފެށޭނީ ވެސް ހަމަ އެ ދުވަހު ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ އެއްވެސް ސަބަބެއް މެދުވެރިވެގެން ހިނގަމުންދާ ރިޔާސީ ދައުރެއްގެ ތެރޭގައި އަލުން ރިޔާސީ އިންތިހާބެއް ބާއްވާންޖެހިގެން އިންތިހާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް އަލުން އިންތިހާބުވި މީހުން މަގާމުގައި ދެމި ތިބޭނީ ބުނެވިދިޔަ ރިޔާސީ ދައުރުގެ ބާކީ އޮންނަ މުއްދަތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް