ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަށް ރާއްޖެ ފަރިވަމުން ދިޔައިރު، އެ އިންތިޚާބުން ކާމިޔާބު ލިބޭނީ ގިނައިން ދިދަ އާއި ބެނަރ ދަމާ ބަޔަކަށް ކަމަށް ހީވާވަރަށް ރާއްޖޭގެ އެކި ހިސާބުގައި ދިދަ އާއި ބެނަރ ދެމިއެވެ. މާލެއަށް އެކަނި ބަލާލި ނަމަވެސް، ދެމިހާ ދިދަފަތިތަކުން މާލޭގެ ބައެއް މަގުތަށް މުޅިން ހިޔާވެސް ވިއެވެ. މާލޭގެ އެއް އަވަށުގެ ގޮތުގައި ސިނަމާލެ ދާލަމާއި ހައިވޭގެ އަނެއް ކޮޅުގައި އޮތް ހުޅުމާލެއަށް އެ ދުވަސްވަރު ހީވަނީ މަތިން ފިޔާތޮށި ދަވާދު ދަޅެއް އޮއްސާލާފައި އޮތް ހެންނެވެ.
މުޅި ރާއްޖޭގެ ނިސްބަތުން ބެލި ނަމަވެސް، ހުޅުމާލެއަކީ ނިމިގެން ދިޔަ އިންތިޚާބާ ދިމާކޮށް ރައީސް ޢަބްދުﷲ ޔާމީނަށް ފުރިހަމަ ތާއީދު އޮތްކަމަށް އެންމެ ބޮޑަށް ހުވަފެން ދެއްކި ރަށެވެ. މުޅި ހުޅުމާލޭގައި ރައީސް ޔާމީންގެ ކެމްޕެއިން ދިދަ ތަކާއި ބެނަރތައް ދަމާފައިވާއިރު، އެ ތަކެތި ދެމުމުގައި އިސްކޮށް އުޅުނު މަންޒަރު ފެނުނީ ހުޅުމާލޭގައި ސިޓީ ކައުންސިލް ހެދިގެން އުޅޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނެވެ. ކެމްޕެއިން ފެށީއްސުރެ އެޗްޑީސީން ރައީސް ޔާމީންގެ ކެމްޕެއިނަށް މިލިއަނުން ޚަރަދު ކުރާ ކަމަށް ދިޔައީ ތުހުމަތު ކުރެވެމުންނެވެ. އެ ތުހުމަތުތަކަށް ރަސްމީ ގޮތެއްގައި އެޗްޑީސީއިން އިންކާރު ކުރި ނަމަވެސް އެޗްޑީސީގެ ބައެއް މުވައްޒަފުން ވަރަށް ވަރަށް ފާޅުގައި "ހަދާނީ ހަދާނެ އެއްޗެއް" ކަމަށް ބުނެފައި އެބަ ހުއްޓެވެ. އެޗްޑީސީގެ ވެރިންވެސް އިންތިޚާބުގެ ދުވަސްވަރު ފެނުނީ ވަޒީފާގެ މަސްއޫލިއްޔަތުތަކަށްވުރެ، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކަށް އިސްކަންދީގެން އުޅުނު މަންޒަރެވެ.
ކެމްޕެއިން ދުވަސްވަރު އެޗްޑީސީން ކަންކުރަމުންދިޔަ ގޮތް ވަރަށް ގާތުން ދެކި އެ ކަންކަން ރަނގަޅަށް އެނގޭ މަސްދަރަކުން މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގެ ދެމަހެއްހާ ދުވަސް ކުރިން ހުޅުމާލޭގައި ހުޅުވި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ސެޓްއަޕްއިން ފެށިގެން ތަނަށް ޙޮދިއްޔާ ހޯދިހާ ފޮތް ފަންސޫރެއްވެސް ހޯދީ އެޗްޑީސީގެ ބަޖެޓުންނެވެ. އެ އޮފީހުގައި މަސައްކަތް ކުރީ އެޗްޑީސީގެ ޕޭރޯލްގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނެވެ. އެ މުވައްޒަފުންނަށް އެތައް ހާސް ރުފިޔާއެއް އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދިނީވެސް އެޗްޑީސީންނެވެ.
ހުލުމާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ރައީސް ޔާމީންގެ ފޮޓޯޖެހި ބިލްބޯޑްތައް ޕްރިންޓްކޮށް، އޭގެ ފްރޭމް ހެދީވެސް އެޗްޑީސީގެ ޚަރަދުގައި ކަމަށް ވެއެވެ. އެތަކެތި ތަންތާ ހަރުކުރަން ގެންދިޔައީ އެޗްޑީސީގެ މުވައްޒަފުންނެވެ. ހަރުކުރީ އެޗްޑީސީގެ މުވައްޒަފުންނެވެ. އަނެއް ކެނޑިޑޭޓްގެ ދިދަފަތިތަކާއި ބެނަރތައް ކަނޑައި، ޕޯސްޓަރުތައް ނައްޓަން އުޅުނީވެސް ހަމަ އެ މުވައްޒަފުން ކަމަށް މީހުން ކިޔައެވެ.
އަދި މިވަރަކުން ނުނިމެއެވެ. މި މަސައްކަތުގައި އުޅުނު އެތައް ބަޔަކަށް ދުވާލު ތިން އިރަށް ކާން ދިނީވެސް އެޗްޑީސީގެ ޚަރަދުގައެވެ. އެކަމަށް ދުވާލަކު 40 ހާހާއި 50 ހާހާއި ދެމެދުގެ އަދަދަކަށް ފައިސާ ޚަރަދު ކުރި ކަމަށް އަޑު ފެތުރިފައިވާއިރު، އެ ކެއުންތައް ކޭޓަރ ކޮށްދިން ފަރާތުން ވަނީ އެ މަސައްކަތުގެ ފުރިހަމަ އަގު ނުލިބިގެން އެވާހަކަ މީޑިއާގައިވެސް ހާމަކޮށްފައެވެ.
ކަން މިހެން ހިނގާފައި ވީ ނަމަވެސް އެޗްޑީސީން ބުނާ ގޮތުގައި އެ ކުންފުނިން ރައީސް ޔަމީންގެ ކެމްޕެއިނަށް ޚަރަދުކޮށްފައެއް ނުވެއެވެ. އެކަން ހާމަކޮށްދިނުމަށް ކުންފުނީގެ އެތެރޭގެ އޯޑިޓެއްވެސް މިހާރު ހަދަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކެމްޕެއިން ދުވަސްވަރު އެޗްޑީސީއިން ރައީސް ޔާމީންގެ ކެމްޕެއިނަށް ޚަރަދު ނުކުރާ ކަމަށް ބުނުމުން އުފެދޭ ސުވާލުތަކެއްވެސް އެބަ ހުއްޓެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ހުރިހާ މަސައްކަތެއް އެޗްޑީސީއިން ކޮށްފައިވަނީ ކޮންޓްރެކްޓް އުސޫލުން ވިޔަފާރިއެއްގެ ގޮތުގައި ތޯއެވެ؟ އެތަނަށް ގަތްހާ ފޮތް ފަންސޫރަކީ ކެމްޕެއިނަށް ގަތް ތަކެތި ނޫން ނަމަ މިހާރު އެޗްޑީސީގައި ކުޑަކުދިންގެ ހަވީރެއްގައި ހަދިޔާގެ ގޮތުގައި ބަހާލާނެ ހާދަހާ ފޮތް ފަންސޫރެއް ހުންނާނެ ތާއެވެ؟ އަނެއްކޮޅުން ވިހި ތިރީސް ހާހުން މުވައްޒަފުންނަށް އިތުރު ގަޑީގެ އުޖޫރަ ދީގެން ދެ މަހެއްހާ ދުވަހު މަސައްކަތް ކުރި އިރު ގައިމު ކުރިއަށް އޮ ދެތިންމަސްދުވަހު މަސައްކަތެއް ނުކުރިޔަސް ކުންފުނި ހިންގޭ ވަރަށް ހުންނާނީ މަސައްކަތް ކުރެވިފައިތާއެވެ. ޕްރިންޓް ކުރިހާ ކެންވަސްތަކާއި، ހެދިހާ ފްރޭމްތައް އެއީ އެޗްޑީސީގެ އައު ޚިދުމަތެއް ތައާރުފުކުރަން ހަފްލާއެއް ބާއްވަން ޕްރިންޓްކޮށް، ހެދި ފްރޭމްތަކެއް ދޯއެވެ؟ ދެން އޮތީ ކޮއްތުގެ ވާހަކައެވެ. އަޅެފަހެ ދުވާލަކު ތިންއިރު ސީރާ ބަތްޕާރުސަލް ކައިކައި މިހާރު ތިޔަ ކުންފުނީގެ މުވައްޒަފުން ތިބޭނީ ހާދަހާވާ ބަރުހެލި ވެފައިތާއެވެ. އަވަހަށް #RY2018 ގެ ނަމުގައި ޖިމްއެއް ހުޅުވައި މުވައްޒަފުން ޖިމަށް ފޮނުވަން އުޅޭށެވެ.