ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 18:39
ރައީސް މުޙައްމަދު ނަޝީދު ތަގުރީރުކުރައްވަނީ
ރައީސް މުޙައްމަދު ނަޝީދު ތަގުރީރުކުރައްވަނީ
ރާއްޖެ އެމްވީ
ރައީސް މުޙައްމަދު ނަޝީދު
ހިމާޔަތުގައި ހުރެގެން ޔާމީންގެ ކޮރަޕްޝަނާއި ޖަރީމާތަކުގެ ހެކި އެއްކުރިން: ރައީސް ނަޝީދު
ހިމާޔަތުގެ ހުންނަވާ ކޯލިޝަން ހެއްދެވި
ހިމާޔަތުގައި ހުންނަވާ އެއްބަސްވެވޭ ކޯލިޝަނެއް އެކުލަވާލެއްވި

ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެން ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ހިންގެވި ކޮރަޕްޝަނާއި ޖަރީމާތަކުގެ ހެކި އެއްކުރެއްވުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި "ޑިފެންޑިން ޑިމޮކްރަސީ ފްރޮމް އެކްސައިލް" ފޯރަމްގައި ތަގްރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނަވައި ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމީން ހިންގެވި ކޮރަޕްޝަނާއި އެހެނިހެން ކަންކަން ފަޅާއަރުވާލެއްވުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ބޭރުގައި ހުންނަވައި ކުރެއްވި މަސައްކަތުން، ބާރުތައް އެއްކުރައްވައިގެން ރައީސް ޔާމީން ހިންގަވަން އުޅުނު ކަންކަމަށް ފާރަވެރިވެ އެކަންތައްތައް ފަޅާއަރުވާލެއްވުނު ކަމަށެވެ.

ކޮރަޕްޝަނުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތްކަން ދައްކުވައިދޭ ހެކިތަކެއް އެއްކުރެއްވި ކަމަށާއި އެކަންތައްތައް ފޮރުވަން ސަރުކާރުން ފެތުރި ޕްރޮޕެގެންޑާއާ ދެކޮޅަށް އެ ވާހަކަތައް ބަލިކަށިކޮށްލަން މަސައްކަތްކުރެއްވި ކަމަށެވެ. އަދި ބަދަލަކަށް ގޮވަމުން ދިޔަ އެހެން ފަރާތްތަކާ އެކު ސިޔާސީ އިއްތިހާދެއް ގާއިމްކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބަދަލަކަށް ބޭނުންވެފައި ތިބި ފަރާތްތަކާ އެކު އެއް ގަލަކަށް އެރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތައް ފަޅާއަރުވާލެވުނެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވީ އިންތިޚާބުގައި ޔާމީނަށް ނުވަދިހަ ހަހާސް ވޯޓް ލިބުނު ގޮތަކާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް އެ އަދަދަށް ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށް އަމިއްލަފުޅަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ނޭނގުނު ކަމަކީ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސް ދެނެގަތުން ކަމަށެވެ. ކެމްޕެއިން ކުރުމަކީ ހަމައެކަނި ތަރައްގީ ތަންފީޒު ކުރުން ނޫން ކަމަށާއި އޭގެ މުހިންމު ކަމަކީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ވާހަކަތައް އަޑުއެހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭޝިއާ މީހުން ބޭނުން ވަނީ ހުދުމުހުތާރު ލީޑަރުން ކަމާއި އަދި މުސްލިމު ގައުމުތަކުން ބޭނުންވަނީ ހައްދުފަހަނައަޅާފައިވާ ލީޑަރުން ކަމަށް ބުނާތީ އިވޭ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ރާއްޖޭގައި ކަންކަން ހިނގާފައި ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން ޖަލުގައި ކުޑަދުވަސްކޮޅަކު ހުންނެވުމަށް ފަހު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް