ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 21:23
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ކޯޓަށް ހާޒިރު ކުރުމަށް މާލެއަށް ގެނައުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ކޯޓަށް ހާޒިރު ކުރުމަށް މާލެއަށް ގެނައުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ
މުހައްމަދު ޝަރުހާން
ކުރީގެ ނާއިބު ރައީސް އަދީބް
ނަޝްވާ ކެންސަރ ސޮސައިޓީއަށް: އަދީބްގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނެސްދީ!
ކެންސަރަށް ސްކްރީން ކުރުމަށް އަދީބަށް އަންގާފައި ވަނީ 2015 ވަނަ އަހަރު
އަދީބްގެ ބޭބެ ނިޔަވީ ކެންސަރު ބަލީގައި
ޖަލުގައި ހުންނަވަނިކޮށް ލޮލަށް ވަނީ ގްލުކޯމާ ކިޔާ ބައްޔެއް ވެސް ޖެހިފައި

ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ ސިއްހީ ހަލަތު ދުނިޔޭގެ ސަމާލު ކަމަށް ގެނެސްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކިބައިން އެދިވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ ރޭ ކެންސަރ ސޮސައިޓީގެ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ، ޑޮކްޓަރުން ހަދަން އަންގަވާފައިވާ ކެންސަރ ސްކްރީނިންގ އެއް ހެދުމުގެ ފުރުސަތު ނުދީ ޖަލުގައި އެކަހެރިކޮށްފައި އަދީބް ބާއްވާތާ ތިން އަހަރު ވެފައިވާކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިނުމަށް ގޮވާލައްވާފައެވެ. ނަޝްވާ ވަނީ އަދީބްގެ ބޭބެ ނިޔާވީ ހަށިގަނޑުގައި އުފެދުނު ސިސްޓެއް ކެންސަރަށް ބަދަލުވެ، އެ ބަލީގައި ކަމާއި، އަދި އަދީބްގެ ހަށިގަނޑުގައި ވެސް ސިސްޓްތަކެއް އުފެދިފައި ވަނީ އަދީބްގެ ބޭބެގެ ހަށިގަނޑުގައި ވެސް ސިސްޓް އުފެދުނު ހިސާބުގައިކަން ފާހަގަކުރައްވާފައެވެ. 

ނަޝްވާގެ މި އެދިލެއްވުމާއި އެކު ރީޓްވީޓް ކުރައްވާފައި ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު މެލޭޝިއާގައި ބޭއްވި "ދި ވޯލްޑް ކެންސަރ ލީޑަރޒް ސަމިޓް 2018" ގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ތަމްސީލު ކުރެއްވުމަށް އެ ޖަމުޢިއްޔާގެ ޗެއާޕަރސަން، ޖުވޭރިޔާ ސައީދް ބައިވެރިވެވަޑައިގެންނެވިކަން ހާމަކޮށް އެ ޖަމުޢިއްޔާއިން ކޮށްފައިވާ ޓްވީޓެކެވެ. މި އަހަރުގެ ވޯލްޑް ކެންސަރ ލީޑަރޒް ސަމިޓްގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ #TreatmentForAll ނުވަތަ ހުރިހާ އެންމެންނަށް ވެސް އެކަށޭނަ ފަރުވާ ލިބިދިނުމުގެ މުހިއްމު ކަމެވެ.

އަދީބްގެ ހަށިގަނޑުގައި ސިސްޓްތަކެއް އުފެދިފައިވާކަން ހާމަވުމުން، އަދީބްގެ އާއިލީ ތާރީހަށް ބެލުމަށް ފަހު އެމަނިކުފާނު ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން އެންގެވީ އަދީބް ހައްޔަރުކުރިތާ މާ ގިނަ ދުވަހެއް ނުވެ، 2015 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އޭރުއްސުރެ މިހާތަނަށް ވެސް ރާއްޖެއިން ނުހެދޭ އެ ސްކްރީނިން ހަދައި، ލިބިގަންނަންޖެހޭ ފަރުވާ ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ސަރުކާރުން އަދީބަށް ދީފައެއް ނުވެއެވެ. އަދި މި މުއްދަތުގައި ރައީސް ޢަބްދުﷲ ޔަމީން ވަނީ އަދީބަށް ބޭސްފަރުވާ ކުރުމުގެ ހުއްދަ ދެވޭނީ ދައުލަތަށް އަދީބް ދައްކަވަން ޖެހޭ ފައިސާ ދެއްކެވުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތަށް އަދީބް އެއްވެސް ފައިސާއެއް ދަންކަން ޖެހޭ ކަމަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ޙުކުމެއް ކޮށްފައި ނުވާއިރު، ފަހުން ޚުދު ރައީސް ޔާމީން ވަނީ އެމަނިކުފާނާއި އަދީބާއި ދެމެދު އޮތީ "އަމިއްލަ މައްސަލައެއް" ކަމަށް ވިދާޅުވެފައެވެ.

ހަށިގަނޑުގައި ކެންސަރަށް ބަދަލުވެދާނެ ފަދަ ސިސްޓްތަކެއް އުފެދުމުގެ އިތުރުން ޖަލުގައި އަދީބް ހޭދަ ކުރައްވަމުންގެންދަވާ މުއްދަތުގައި އެމަނިކުފާނުގެ ލޮލަށް ގްލުކޯމާ ކިޔާ ނުރައްކާތެރި ބައްޔެއް ޖެހި، ލޮލުގެ ފެނުން ގެއްލެމުންދާކަންވެސް އަދީބްގެ އާއިލާއިން ހާމަކޮށްފައިވާއިރު، އެ ބައްޔަށް އެކަށޭނެ ފަރުވާއެއް ދިނުމަށްވެސް ސަރުކާރުން ދަނީ ހުރަސްއަޅަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް