ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 16:47
ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓުގައި ތަގްރީރު ކުރައްވަނީ
ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓުގައި ތަގްރީރު ކުރައްވަނީ
މުހައްމަދު ޝަރުހާން
ރައީސް މުޙައްމަދު ނަޝީދު
ރާއްޖެ އިސްލާމްދީން މަތީ އޮންނަ އޮތުން ބަދަލުކުރާކަށް ނޫޅެން: ރައީސް ނަޝީދު
ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމަށް ވިދާޅުވި
އިންސާނީ ޙައްގުތައް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

ރާއްޖެ އިސްލާމް ދީން މަތީ އޮންނަ އޮތުން ބަދަލު ކުރައްވަން ނޫޅުއްވާ ކަމަށާއި ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓެއްގައި ސިޔާސީ ހިމާޔަތާ ބެހޭ ގޮތުން ދެއްވި ތަޤްރީރެއްގައި، ރާއްޖޭގައި ހަމައެކަނި އިސްލާމް ދީން އޮންނަ މައްސަލަ ހައްލު ކުރައްވާނެތޯ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީން ކަމަށާއި އެކަން ބަދަލު ކުރަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް އޮންނަ އޮތުމަށް އެއްވެސް ބަދަލެއް ގެންނަވަން މަސައްކަތް ނުކުރައްވާ ކަމަށެވެ. އެކަން ރާއްޖޭގައި އޮންނަންޖެހޭނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އާ ސަރުކާރާ އެކު އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެ ދާއިރާގައި ކުރިއެރުންތަކެއް ރާއްޖެއިން ހޯއްދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މުސްލިމް ގައުމު ތަކުން ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކަށް ވޯޓުދޭ ކަމަށް ބުނެ އާންމުކޮށް މީހުން ވާހަކަދައްކަމުންދާ ކަމަށާއި އެކަމަކު އެއީ ތެދެއް ނޫން ކަމަށެވެ.

ކޮންމެ ނަސްލެއްގެ ކޮންމެ ދީނެއްގެ ކޮންމެ މީހަކަސް ބޭނުންވަނީ އެއް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ނަޝީދު ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ރައްކާތެރިކަމާއި، ބޯހިޔާވަހިކަމާއި، ބަނޑުހައި ހޫނުކަން ފިލުވުމަށް ކާބޯތަކެތި ހޯދުމާއި، ކުރިއަރައިގެން ދިއުމަށް ތައުލީމު ލިބުމާއި ބިރުވެރިކަމުން މިނިވަންވުމާއި، ރަނގަޅު އިގްތިޞާދަކާއި، ރަނގަޅު ދިރިއުޅުމެއް ހިމެނެއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގަޔާއި އޭގެ ކުރިން ވެސް މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިސް ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދާއި އެމްޑީޕީން މަސައްކަތް ކުރަނީ ރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީންތައް ގެނައުމަށް ކަމަށެވެ.

އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ޖާގަ ނެތް ކަމަށް ވިދާޅުވެ އިނގިރޭސި ބަހުން ރައީސް ނަޝީދަށް ޓްވީޓެއް ވެސް ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް