ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 05:30
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު
މުހައްމަދު ފަޒީން
ރައްޔިތުންގެ ނިންމުން
އަދުލްއިންސާފާއި، ހަމަހަމަކަން ގާއިމްކުރެވޭނީ ކޯލިޝަން ދެމެހެއްޓިގެން: އަލީ ނަޒީރު
ހަމަޖެހުމާއި، އިންސާފު އޮތީ ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްގެން
ރައްޔިތުންގެ ނިންމުން އެނިންމާފައިވާ ގޮތް ދޫކޮށްލާ ހިސާބުން ސަރުކާރު ދެމިނޯންނެ
މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިއޮތް ހަލަބޮލިކަމުން އަރައިގަނެ، ހަމަޖެހިގެން ދިރިއުޅެން ބޭނުންވޭ

މިރާއްޖޭގައި އަދުލްއިންސާފާއި، ހަމަހަމަކަން ގާއިމްކުރެވޭނީ ކޯލިޝަން ދެމެހެއްޓިގެން ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ރައްޔިތުންގެ ނިންމުން ޕްރޮގްރާމްގައި ނަޒީރު ވިދާޅުވީ އަދުލްއިންސާފު ގާއިމް ކުރުމަކީ ހަމައެކަނި ސިޔާސީ ހަތަރު ޕާޓީގެ ލީޑަރުން މިނިވަން ކުރުން ނޫން ކަމަށެވެ. ލީޑަރުން މިނިވަން ކުރުމުގެ އިތުރަށް މިރާއްޖޭގައި ރައްޔިތުންގެ ހަމަހަމަކަން ގާއިމް ކުރަންޖެހޭ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހަމަހަމަކަމާއި، އިންސާފު ރައްޔިތުންނަށް ހޯދައިދެވޭނީ ވެރިކަން ގާއިމް ކުރި ކޯލިޝަން ދެމެހެއްޓިގެން ކަމަށާއި، އެކަން މިފާއިތުވެގެންދިޔަ 10 އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި، އިންސާފު އޮތީ އަޣުލަބިއްޔަތު ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްގެން ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެސް މިކަން ސާފުކޮށް ފަހުމްވެވަޑައިގަންނަވާނެ ކަމަށެވެ.

"އިންސާފޭ މިދަންނަވަނީ ހަތަރު ޕާޓީގެ ލީޑަރުން ޖަލު ގޮޅީގައި ބަންދުކުރާ ވާހަކަ އެކަންޏެއް ނޫން. މިރާއްޖޭގައި އިންސާފު ނެތިގެން މިއުޅެނީ ވަޒީފާއެއް ދިނަސް ވަޒީފާއަކުން ވަކިކުރިއަސް ވަޒީފާގެ ކުރިއެރުމެއް ދިނަސް ދައުލަތު ފޯރުކޮށްދޭ އެހެން ޚިދުމަތެއް ފޯރުކޮށްދިން ކަމުގައި ވިޔަސް މީހަކަށް ލޯނެއް ދިންކަމުގައި ވިޔަސް އެހީ އެއް މީހަކަށް ދައުލަތުން ފޯރުކޮށްދިން ކަމުގައި ވިއަސް މިއިން އެއްވެސް ކަމެއްގައި އިންސާފެއް ހަމަހަމަކަމެއް ނެތް. އެކަން އެގޮތަށް ވާނެ ކަމަށް ގަބޫލެއް ނުކުރަން" ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ މިރާއްޖޭ މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިއޮތް ހަލަބޮލިކަމުން އަރައިގަނެ، ރައްޔިތުން ހަމަޖެހިގެން ދިރިއުޅެން ބޭނުންވާ ކަމަށާއި، މިފަސް އަހަރު ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"އެކަން އެގޮތަށް ކުރެވޭނެ ކަމަށް ޔަގީންވާ ސަބަބަކީ ވޭތުވެދިޔަ ތިން އަހަރު ތަފާތު އެތަކެއް ގޮންޖެހުންތަކާއެކު އަޅުގަނޑުމެންގެ ޕާޓީތަކުގެ ލީޑަރުން މިއޮތީ މިކޯލިޝަން ހިފަހައްޓާފައި. އަދި އެކަމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވީ އެއްބޭފުޅަކީ އިންތިޚާބީ ރައީސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އެތަޖުރިބާތަކާއެކު މިކޯލިޝަން އަޅުގަނޑުމެންނަށް ކާމިޔާބު ކަމާއެކުގައި ފަސް އަހަރު ވަންދެން ދެމެހެއްޓޭނެ ކަމަށް." ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ އަޣުލަބިއްޔަތު ރައްޔިތުންގެ ނިންމުން ދޫކޮށްލާ ހިސާބުން ސަރުކާރު ދެމިނޯންނެ ކަމަށާއި، ސަރުކާރު އޭގެ ގޮތުގައި ނުހިންގޭކަން ވެސް ވޭތުވެދިޔަ ދެސަރުކާރުން ވެސް ފެނިފައިވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިކުރި ތަޖުރިބާގެ އަލީގައި ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް ފަސް އަހަރު ދިވެހި ރައްޔިތުން ނިންމާފަ އޮތް ނިންމުން ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި އިންތިޚާބީ ރައީސް ސޯލިހުއަކީ ތަފާތުގެ ފިކުރުގެ މީހުން ގޮވައިގެން ގައުމު ހިންގޭނެ ބޭފުޅެއް ކަމާމެދު ސުވާލެއް އުފެއްދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، އެމަނިކުފާނަށް އެންމެން ވެސް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް