ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 17:31
އިންތިހާބީ ރައީސާއެކު ފޮރިން ސެކެރަޓަރީ އަހުމަދު ސަރީރު
އިންތިހާބީ ރައީސާއެކު ފޮރިން ސެކެރަޓަރީ އަހުމަދު ސަރީރު
މުހައްމަދު ޝަރުހާން
އިންތިހާބީ ރައީސް ސޯލިހު
އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ގޮތަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކުގެ އިންތިޒާމްތައް މިގެންދަނީ ހަމަޖައްސަމުން: ފޮރިން މިނިސްޓްރީ
އެނގިފައިވާ ގޮތުގައި ހުވާކުުރުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓްރީން ދައުވަތު ފޮނުވަމުން ގެންދަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބާއްވާ ގޮތަށް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ގޮތަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަކާއި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރި އަށް ގެންދަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. 

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ބޭރުގެ ފަރާތްތަކަށް ދައުވަތު އެރުވުމާއި އެ އިންތިޒާމްތައް ހަމަޖައްސާނީ ފޮރިން މިނިސްޓްރީންނެވެ. އަދި އެ ބޭފުޅުން ރާއްޖެ ވަޑައިގަތުމާއި ތިއްބެވުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަވާނީ ފޮރިން މިނިސްޓްރީންނެވެ. 

ރާއްޖެއެމްވީ އަށް މައުލޫމަތު ދެއްވަމުން ފޮރިން ސެކެރަޓަރީ އަހުމަދު ސަރީރު ވިދާޅުވީ އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން ދައުވަތު ފޮނުވުމުގެ ކަންތައްތައް ކުރިއަށްގެންދާ ކަމަށެވެ. ފޮރިން މިނިސްޓްރީން، އިންތިހާބީ ރައީސްގެ ޓީމާއި، މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށާއި، އެ މިނިސްޓްރީން ފުރިހަމަ އަށް އެއްބާރުލުން ދެމުން ގެންދާކަމަށެވެ. 

"އެބޭފުޅުން ބޭނުންވާ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަމުން މިގެންދަނީ" ސަރީރު ވިދާޅުވި އެވެ. 

އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވި ނަމަވެސް، ދައުވަތު ފޮނުއްވަމުން ގެންދަވަނީ ކޮން ތާރީހަކަށް ކަމެއް ސަރީރު ސާފުކޮށް ވިދާޅުވެ ނުދެއްވަ އެވެ. ތަކުރާރުކޮށް ވިދާޅުވީ އެދި ވަޑައިގަންނަވާ ގޮތުގެ މަތިން އިންތިޒާމްތައް ހަމަޖައްސަމުން ގެންދަވާކަމަށެވެ. 

ރާއްޖެ އެމްވީ. އަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައި ވާގޮތުގައި ހުވާކުުރުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓްރީން ދައުވަތު ފޮނުވަމުން ގެންދަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ. އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ ވެސް އެގޮތަށެވެ. 

އިންތިހާބީ ރައީސްގެ ޓީމުން ބުނެފައި ވަނީ ހުވާކުުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކު ވެސް ވަނީ އިންތިހާބީ ރައީސަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުުވާ ކުރެއްވެން ޖެހޭނެ ކަމަށާއި، އެ ތާރީހަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. 

މޫސަ ވިދާޅުވީ މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށް ވާއިރު ނޮވެމްބަރު 11 ވަނަ ދުވަހު އިންތިޚާބީ ރައީސާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރެއްވުން ވަރަށް މުނާސަބު ވެގެން ދާ ކަމަށާއި ހުވާކުރެއްވުމުގެ ރަސްމިއްޔާތު އިތުރަށް ފުރިހަމަ ވެގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެ ދެ މަޤާމަށް ހޮވިވަޑައިގެންފައި ވާތީ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް