ކ. މާލެ
|
19 އޮކްޓޯބަރ 2018 | ހުކުރު 17:43
އޮޅުވާލި ވޯޓްގެ ނަމުގައި ޕީޕީއެމުން ބޭއްވި އެއްވުމުގައި ރައީސް ޔާމީން
އޮޅުވާލި ވޯޓްގެ ނަމުގައި ޕީޕީއެމުން ބޭއްވި އެއްވުމުގައި ރައީސް ޔާމީން
އަވަސް
ރައީސް ޔާމީން
ރައީސް ޔާމީން ފުރިޔަނުދީ ހިފަހައްޓާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް މުއައްސަސާތަކުން ޖަވާބުދާރީވާންޖެހޭ: އަދުރޭ
އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލާނީ އިންސާފު ލިބި ސުވާލުތަކަށް ޖަވާބު ލިބުމުން

ރައީސް އަބްދުﷲ ޔާމީނަށް ޤައުމުން ބޭރަށް ފުރިޔަނުދީ ހިފަހައްޓާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް މުއައްސަސާތަކުން ޖަވާބުދާރީވާންޖެހޭކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އޮޅުވާލި ވޯޓްގެ ނަމުގައި ޕީޕީއެމުން ސިލްސިލާކޮށް ބާއްވަމުން އަންނަ އެއްވުންތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލާނީ އިންސާފު ލިބި ސުވާލުތަކަށް ޖަވާބު ލިބުމުން ކަމަށެވެ. އޭގެ ކުރިން އެ މަސައްކަތް ހުއްޓާނުލައްވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޔާމީނަށް، ޤައުމުން ބޭރަށް ފުރާވަޑައިގެންނެވުމުގެ ފުރުސަތުނުދީ ހިފަހައްޓާފައިވާކަމުގެ ވާހަކަތަކެއް ދެކެވޭކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެފަދަ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހިފަހައްޓާފައިވަނީ އިދިކޮޅު ފަރާތްތަކުން ފުލުހުންނަށް ހުށައެޅި މައްސަލައަކާއި ގުޅިގެންކަމަށް ބުނާއިރު، ފުލުހުންގެ މުއައްސަސާއިން އެކަމަށް ޖަވާބު ދެއްވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ޔާމީނަށް ދުނިޔޭގެ އެއްވެސް ޤައުމަކަށް ވަޑައިނުގެންނެވޭނެގޮތަށް ހަމަޖައްސަފައިވާކަމަށްވެސް އަޑުތައް ފެތުރޭކަމަށާއި، ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަމުންދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުންކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން އުޅުއްވާކަމަށް ވާހަކަ ދެކެވެމުންދާއިރު، އެ މަނިކުފާނު ފިއްލަވަން ނޫޅުއްވާކަމަށެވެ. އަދި އެފަދަ ގޮތަކަށް އެމަނިކުފާނު ނުވެސް ފިއްލަވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައި ދިނުމަށް ގުޅިފައިވާ ޕާޓީތަކުން މައްސަލަ އެއް ފުލުހުންގެ އިދާރާއަށް ވަނީ ހުށަހަޅައިފައެވެ. މައްސަލައިގެ ތަފްސީލް މީޑިޔާއަށް ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތު މުއުތަބަރު ގޮތަކަށް ލިބިވަޑައިގެންފައި ވާ ކަމަށާއި، އެހެންކަމުން އެކަން ހުއްޓުވައި ދިނުމަށް އެދި ފުލުހުންގެ އިދާރާ އަށް މައްސަލަ އެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
19 އޮކްޓޯބަރ 2018 | ހުކުރު 14:11
Yousuf
adhureymen thiyahen ehcheh bunaairah thelhiganefa TV ah araa bunaagothakah bayaanthah dheyn ulhunu Shifanu mihaaru nethey.