ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 23:10
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
ފޭސްބުކް
އެެޗްޑީސީ
އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ތައްޔާރުވަނީ
އޮޑިޓް ޓީމެއް އެކުލަވާލުމަށް މަސައްކަތް ދަނީ ކުރަމުން
އެޗްޑީސީގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް ސޮއިކޮށްފައިވާ ޕެޓިޝަނެއް އޮޑިޓް އޮފީހަށް ވަނީ ހުށައަޅާފައި
އެޗްޑީސީގެ މައްޗައް ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުން

 ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީންގެ ކެންޕެއިނަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފައިސާއާއި ތަކެތި ބޭނުންކޮށްފައިވާ ކަމަށް  ތުހުމަތުތައް ކުރެވިފައިވާއިރު އެ ކުންފުނީގެ ޚާއްސަ އޮޑިޓެއް ކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮފީހަށް ލިބިފައިވާ މައުލޫމާތުތަކާއި ހުށައެޅިފައިވާ މައްސަލަތަކަށް ބަލައި އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނިންމަވާފައިވާ ކަމަށެވެ. 

"އެޗްޑީސީގެ މުވައްޒަފުން  ހުށައަޅާފައިވާ މައްސަލައާއި ލިބިފައިވާ އިތުރު މައުލޫމާތުތަކަށް ބަލައި އޮޑިޓް ޓީމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ދަނީ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ނިންމާފައިވާއިރު ކަރަޕްޝަނާއި ބެހޭ އެތަކެއް މައްސަލަތަކެއް އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ) އަށް ވަނީ ހުށައަޅާފައެވެ. އަދި އެ ކަމިޝަނުން އެޗްޑީސީއަށް ތުހުމަތު ކުރެވޭ ކަރަޕްޝަންގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. އޭގެތެރޭގައި  ހުޅުމާލޭގައި ހުޅުވާފައިވާ ޕްރީ ސުކޫލެއްގެ މައްސަލައާއި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ހިންގަވާ ޞަދަޤާތު ފައުންޑޭޝަނުން ހުޅުމާލޭގައި ބޭއްވި ޚިތާނީ ކޭންޕުގެ މައްސަލަ ވެސް ހިމެނެއެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގ ހަރަކާތްތަކަށް އެކަނިވެސް އެޗްޑީސީގެ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެކުންފުނީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 400 ގޯތި އުސޫލްތަކާ ހިލާފަށް ވިއްކުމާ ދެކޮޅަށް، އެޗްޑީސީގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް ސޮއިކޮށްފައިވާ ޕެޓިޝަނެއް އޮޑިޓް އޮފީހަށް ހުށައަޅާފައިވާއިރު އެކަންކަން ދިރާސާ ކުރުމަށް އޮޑިޓް އޮފީހުގެ އެގްޒެކެޓިވް ބޯޑުން ވަނީ ނިންމާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް