މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިސާ ކާޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮކްޓޯބަރު 17 ވަނަ ދުވަހުން ޖެނުއަރީ 31 ގެ ނިޔަލަށެވެ.
ފައިސާ ކާޑުން ކަނޑަލާ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަންގެ ދަށުން ފައިސާ ކާޑުން ފިހާރަތަކާއި ރެސްޓޯރެންޓުތަކުގެ އިތުރުން އެހެނިހެން އައުޓްލެޓުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެމްއައިބީ އިން ބުނެއެވެ.
އެމްއައިބީގެ ފައިސާ ކާޑު ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭ އިރު އެމްއައިބީ އިން ބުނީ ފައިސާ ކާޑު މެދުވެރިކޮށް 25 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރީ އަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ނިންމާފައި ވަނީ ފައިސާ ކާޑު ބޭނުންކުރާ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވެސް އެމްއައިބީ އިން ބުނެއެވެ. އަދި ފައިސާ ކާޑުން ކަނޑާ ފައިސާގެ އަދަދަށް ނުބަލާނެ ކަމަށް އެމްއައިބީ އިން މައުލޫމާތުދެއެވެ.
އެންމެ ގިނައިން ފައިސާ ކާޑު ބޭނުންކޮށްގެން ޓްރާންސެކްޝަންތައް ހިންގާފައިވާ ފަރާތަށް އުމްރާ ދެ ދަތުރު ދިނުމަށް ނިންމާފައިވާ އިރު ދެވަނަ އަށް އެންމެ ގިނަ ޓްރާންސެކްޝަންތައް ހިންގާ ފަރާތަށް އައިފޯން އެކްސްއެސް މެކްސް އެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ތިން ވަނައަށް އެންމެ ގިނަ ޓްރާންސެކްޝަންތައް ހިންގާ ފަރާތަށް ސެމްސަންގް ގެލެކްސީ ނޯޓް 9 ލިބިގެންދާނެއެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިން ޖެނުއަރީ 31 ވަނަ ދުވަހު އިއުލާން ކުރެވިގެންދާނެ ކަމަށް އެމްއައިބީ އިން ބުނެއެވެ
އެމްއައިބީގެ ފައިސާ ކާޑު ބޭނުންކޮށްގެން ޕައްޕަޑަމްސް އިން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ވަނީ މީގެ ފަސް މަސް ކުރިން ހިންގާފައެވެ. އަދި އާންމުގެ ފަރާތުން އެ ޕްރޮމޯޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.