ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 15:18
އެމްއެންޑީއެފްގެ ޓީމް ރިހި މެޑަލްއާއެކު
އެމްއެންޑީއެފްގެ ޓީމް ރިހި މެޑަލްއާއެކު
އެމްއެންޑީއެފް
އެމްއެންޑީއެފް
ޕާކިސްތާނުގެ ޕޭސަސް މުބާރާތުން އެމްއެންޑީއެފް ރިހި މެޑަލް ކާމިޔާބު ކޮށްފި
މިމުބާރާތް އޮތީ ޕާކިސްތާނުގައި
މި މުބާރާތުގައި ޖުމްލަ 19 ޤައުމަކުން ބައިވެރިވި
މިނީ މެރަތަންއިން ކޯޕްރަލް ޙުސައިން ފަޒީލް ހާރޫން ވަނީ ތިންވަނަ ހޯއްދަވާފަ

ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިޒާމް ކޮށްގެން އެ ޤައުމުގައި ބާއްވަމުންގެންދާ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް) ކޮމްޕެޓިޝަން 2018" މުބާރާތުގައި ބައިވެރިކުރި އެމްއެންޑީއެފްގެ ޕޭސަސް ޓީމުން އެ މުބާރާތުން ރިހި މެޑަލް ކާމިޔާބު ކޮށްފިއެވެ.

އެމްއެންޑީއެފް ޕޭސަސް ޓީމު ރިހި މެޑަލްއާއެކު ބުދަ ދުވަހު ރާއްޖެ އައުމުން، ދިވެހި ސިފައިން އެ ޓީމަށް ހޫނު މަރުޚަބާއެއް ކިޔާފައިވެއެވެ. މިގޮތުން، އެމްއެންޑީއެފް ޕޭސަސް ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއެވެ. ބޮޑެތި އަސްކަރިއްޔާތަކެއް ވެސް ވާދަކުރި މި މުބާރާތުގައި ދިވެހި ސިފައިން ހޯދި ކާމިޔާބީއަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެ ޓީމުގެ މެންބަރުންނާ ބައްދަލުކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވައި، މަރުޚަބާ ދަންނަވާފައެވެ.

Caption

އެމްއެންޑީއެފް ޕޭސަސް ޓީމު މާލެ އައުމުން އެ ޓީމަށް މަރުޚަބާ ކިޔުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ވެސް ވަނީ ޚާއްޞަ ހަފުލާއެއް ބާއްވާފައެވެ. އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވި މި ހަފުލާގައި، އެ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޖެނެރަލް އޮފިސަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ހަފުލާގައި ކޭކެއް ވަނީ ފަޅާފައެވެ.

Caption

އޮކްޓޯބަރު މަހުގެ 8 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ލާހޯރުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 19 ޤައުމަކުން ބައިވެރިވިއިރު، އެ މުބާރާތުގައި ބޭއްވި އިވެންޓްތަކުގެ ތެރޭގައި ހިމެނޭ މިނީ މެރަތަންއިން ކޯޕްރަލް ޙުސައިން ފަޒީލް ހާރޫން ވަނީ ތިންވަނަ ހޯއްދަވާފައެވެ.

Caption

ޕާކިސްތާނުގައި އޮންނަ މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރި ކުރީ ސިފައިންގެ 9 ބޭކަލުންގެ މައްޗަށް ހިމެނޭ ޓީމެކެވެ. މި ޓީމުގައި އިތުރު 2 ރިޒާވަރުންނާއި މެނޭޖަރަކު ހިމެނުނެވެ.

ފިޒިކަލް ގިނަ ހަރަކާތްތަކަކާ އެކު ކުރިއަށް ދިޔަ މި މުބާރާތުގައި 3.2 ކިލޯ މީޓަރު ދުވުމާއި، ޕުލް އަޕްސް، ސިޓްއަޕްސް އަދި ޕުޝް އަޕްސް ފަދަ ހަރަކާތްތައް ހިމެނުނުއިރު، ފަޔަރިންގއާ އެކު ކުރިއަށް ދިޔަ ކޮމްބެޓް އެފިޝެންސީ ޓެސްޓް (ސީއީޓީ) ވެސް އޮތެވެ.

Caption

ޕާކިސްތާނު އާމީން ކަނޑައަޅާފައިވާ ތަޖުރިބާކާރު އަދި ޓެކްނިކަލް އޮފިޝަލުންގެ ޓީމަކުން ވިލަރެސް ކުރި މި މުބާރާތަކީ، ސަރަހައްދީ ޤައުމުތަކުގެ ސިފައިންގެ ފިޒިކަލް ފިޓްނަސް ލެވެލް މަތިކޮށް، ސިފައިންގެ ފިޓްނަސް ލެވެލް މޮޑާން ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

އިންޑިވިޖުއަލް އަދި ޓީމު އިވެންޓެއްގެ ގޮތުގައި ކުރިއަށް ދިޔަ މި މުބާރާތުގައި އެންމެ މޮޅު ތިން ޓީމާއި، މުބާރާތުގައި ބައިވެރިވާ ހުރިހާ ސިފައިންގެ ތެރެއިން އެންމެ ރަނގަޅަށް ސްކޯރކުރާ "ފިޓެސްޓް އޮފް ދަ ފިޓް" ގެ މަޤާމު ހޮވާފައިވެއެވެ. އެމްއެންޑީއެފްގެ ޕޭސަސް ޓީމު ވަނީ މި މުބާރާތުގައި 2016 ވަނަ އަހަރު ވެސް ބައިވެރިވެ، އިންޑިވިޖުއަލް ކާމިޔާބީތަކެއް ހޯދާފައެވެ. އަދި މިއީ މި މުބާރާތުގައި ސިފައިންގެ ޓީމު ވާދަކުރި ދެވަނަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް