ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 13:31
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދައުލަތުގެ ބަޖެޓް
ބަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ފިނޭންސްއަށް ހުށަހަޅަނީ
ބަޖެޓްގައި ހިމަނާ ބޮޑެތި މަޝްރޫއުތައް ވަނީ ކަނޑައަޅާފައި
މި މަސް ނިމުމުގެ ކުރިން މަޖިލީހަށް ބަޖެޓު ފޮނުވޭނެ

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ލިސްޓް ފިނޭންސަށް ބުދަ ދުވަހު ފޮނުވާނެ ކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނާއިބު މުގައްރިރު އަދި ފިނޭންސް މިނިސްޓްރީއަށް ކަނޑައަޅާފައިވާ ޓްރާންސިޝަން ކޮމިޓީގައި ވެސް ހިމެނޭ މެމްބަރު އިބްރާހިމް އަމީރު ވިދާޅުވީ، ބަޖެޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގައި ކުރިއަށް ގެންދާނެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ހަރަދުތަކުގެ ތަފްސީލުތައް ނިންމާލާފައިވާ ކަމަށެވެ. އަދި ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެފައިވާ ކަންކަމުގެ ތެރެއިން 2019 ވަނަ އަހަރުގައި ކުރައްވާނެ ކަންކަމުގެ ތަފްސީލުތައް ހިމެނޭ ފަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ލިސްޓް ބުދަ ދުވަހު ފޮނުވާލެވޭނެ ކަމަށެވެ. ބަޖެޓުގެ މަސައްކަތްތައް ކުރުމުގައި ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ވެގެންދާނީ 2018 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ބަލާ މިންވަރަށް ވުރެ ބޮޑު ނުވާނެ އަދަދެއް ކަމަށެވެ. 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 303 މިލިއަން ރުފިޔާއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 0.5 އިންސައްތައެވެ. މިހިނގާ 2018 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓްގެ ގޮތުގައި އަންދާޒާކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 2.0 ޕަސެންޓެވެ. 2018 ވަނަ އަހަރުގެ ބަޖެޓްގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން މިހާރު ވެސް ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާ ގުޅޭ މައުލޫމަތުތައް އެއްކުރަމުންދާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން މަޖިލީހަށް ބަޖެޓު ހުށަހެޅިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން އޮކްޓޫބަރު 31 ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަންޖެހެއެވެ.

ކޮންމެ މަލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ގަނޫނުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް