ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 12:00
ރިޔާސީ އިންތިހާބު ބޭއްވި ދުވަހުގެ ރޭ ނޫސްވެރިންނަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ
ރިޔާސީ އިންތިހާބު ބޭއްވި ދުވަހުގެ ރޭ ނޫސްވެރިންނަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަނުގެ އެންމެ މެމްބަރަކު ފިޔަވައި އެހެން މެމްބަރުން ރާއްޖެ ވަޑައިގެންފި
ހަބީބުގެ ބޭސްފަރުވާގެ ކަންކަން އަދި ނުނިމޭ
ކޮމިޝަނުގެ ރައީސް ޝަރީފް ހުންނެވީ މާލޭގައި

ސަރުކާރުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު ފިޔަވާ ހުރިހާ މެމްބަރުން ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ބުދަ ދުވަހު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ރާއްޖެ ވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ލަންކާއަށް ވަޑައިގެންނެވި ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު ވެސް މިހާރު ރާއްޖެވަޑައިގަންނަވާފައިވާ ކަމަށެވެ.

އަކްރާމް ވިދާޅުވީ ކޮމިޝަނުގެ މެމްބަރު ހަބީބުގެ ބޭސްފަރުވާގެ ކަންކަން މި ހަފްތާގެ ނިޔަލަށް ނިމޭނެ ކަމަށާއި ނިމުނުހާ އަވަހަކަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

އެ ހަތަރު ބޭފުޅުން ލަންކާއަށް ވަޑައިގެންނެވި ނަމަވެސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެ އިން ބޭރަށް ވަޑައިގެންފައެއް ނުވެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ އިސްވެރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ފިއްލެއްވި ކަމަށް ބުނަމުންދާތީ، އަކްރަމް ވިދާޅުވީ އެ ބޭފުޅުން ނުފިއްލަވާ ކަމަށެވެ. އަދި އެ ބޭފުޅުން ލަންކާއަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރެވި، އެވަގުތަށް ހަވާލުވެފައި ހުރި މުހިއްމު މަސައްކަތްތައް ނިންމާލުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އުސޫލުން، އާއިލީ އަދި ޒަރޫރީ ބޭނުމެއްގައި ކަމަށް އަކްރަމް ވިދާޅުވިއެވެ. 

އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ މެންބަރުންނަކީ މިނިވަން އިންސާފުވެރި ބައެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރުތައް ހަދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޕީޕީއެމުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވާފައެވެ. 

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ އިންތިހާބު ނަތީޖާއަށް އަސަރުކުރާ ވަރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން އެކޮމިޝަނަށް ހުށަހަޅާފައި ވެސް ނުވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް