ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 15:01
އިންތިޚާބުގައި ވޯޓް ލަނީ: ޖެހި ފާހަގަ ބަދަލުވާ ކަމަށް ދަނީ ބުނަމުން
އިންތިޚާބުގައި ވޯޓް ލަނީ: ޖެހި ފާހަގަ ބަދަލުވާ ކަމަށް ދަނީ ބުނަމުން
ރާއްޖެ އެމްވީ
އިިންތިޚާބީ މައްސަލަ
ޖެހި ފާހަގަ ބަދަލުވާ ކަމަށް ބުނާތީ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބުނު ވޯޓަކީ ރައީސް ޔާމީނަށް ލިބުނު ވޯޓުކަމުގައި ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހަޅައިފި
މައްސަލަ ހުށަހެޅީ ޤާނޫނީ ވަކީލެއް
މައްސަލަ ބިނާކޮށްފައި ވަނީ މުއާޒް ދެއްކެވި ވާހަކައަށް
ފާހަގަ ބަދަލުވާ ކަމަށް ބުނި މީހަކާ ހަވާލާދީ މުއާޒް އެހެން ވިދާޅުވީ ވަރަށް ސާބިތުކަމާ އެކު

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޖެހި ފާހަގަ ބަދަލުވެފައިވާ ކަމަށް ބުނަމުން ދާތީ އިންތީޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓަކީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންނެވި ވޯޓުކަމަށް ކަނޑައަޅައިދިނުމަށް ޤާނޫނީ ވަކީލަކު ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޤާނޫނީ ވަކީލް ޢަބްދުލް މާނިއު ހުސައިން ހުށަހެޅުއްވި މައްސަލައިގެ ޚުލާސާގައި ބުނެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާއަށް ފޭދޭ ކަމަށް އަދި ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް މައްޗަށް އަރާ ކަމަށް މުއުތަބަރު ހެކި ލިބިފައި ވާތީ، އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައި، ކެންޑިޑޭޓް އެކަކަށް ލިބިފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމަށާއި އަދި ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓް ކަމަށް ކަނޑައަޅައި ނިޔާކުރުމަށް އެދޭ ކަމަށެވެ. 

މައްސަލަ ހުށަހަޅާ ސަބަބާއި ތަފްސީލްގެ ގޮތުގައި ފުރަތަމަ ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަމްބަރު 1 ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ވޯޓުލީ މީހެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާހުގައި، ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާ ހެޔޮ ފާހަގަ ކެންޑިޑޭޓް ނަމްބަރު ދޭކާ ހަމައަށް ތިރިއަށް ފައިބާ ކަމަށް އެމަންޒަރު ލޮލުން ދުށް މީހަކާ ޙަވާލާދީ ރައީސުލް ޖުމްހޫރިއްޔާ އަދި ކެނޑިޑޭޓް ނަމްބަރު 1 ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ތަރުޖަމާން ޢަބްދުﷲ މުއާޒް ވިދާޅުވާ ވީޑިއޯއެއް ފެނިފައިވާ ކަމަށެވެ. މުއާޒް މިހެން ވިދާޅުވަނީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އިންތިޒާމް ކޮށްގެން ބޭއްވި އެއްވުމެއްގައި ވަރަށް ސާބިތުކަމާ އެކީގައި ކަމަށް ވެސް އެ މައްސަލައިގައި ބަޔާން ކޮށްފައި ވެއެވެ.

ސަބަބުތަކުގެ ތެރޭގައި މާނިއު ވިދާޅުވީ  މުއާޒްގެ އެވާހަކަފުޅަށް ވިސްނާއިރު، ދެކަމެއް ފާހަގަ ކުރެވޭކަމަށެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ތިރިއަށް ފައިބާފައިވުމުން ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ހުރިހާ ވޯޓެއް ނިސްބަތްވެފައިވާނީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ކަމަށް ވިޔަސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު އެކަކަށް 96،000 އަށް ވުރެ ގިނަ ވޯޓް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވުމުން މި ވޯޓަކީ އެހެން ދިމާއަކުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް ނިސްބަތްވާ ވޯޓް ކަމަށް ބުއްދީގެ އަލީގައި ޤަބޫލު ކުރެވޭތީ، ކެންޑިޑޭޓް ނަމްބަރު އެކަކަކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ތިރިއަށް ފޭދުނު ފަދައިން ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް މައްޗަށް އަރާފައިވާކަން އެއީ އެއްވެސް ޚިލާފެއް ނެތި މިހާރު ސާފުވެފައިވާ ކަމަކަށް ވާކަމަށެވެ. އެހެންކަމުން  ޝައްކެއް ވެސް ނެތް ގޮތުގައި ކެންޑިޑޭޓް ނަމްބަރު އެކަކަށް ނިސްބަތްކުރާ 96،00 ވޯޓަކީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމާއި، އަދި ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބުނު ކަމަށް ބުނާ 134،000 އަށް ވުރެ ގިނަ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓުކަން ޤަބޫލް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެމް7 އިން ޗާޕްކޮށްފައިވާ ކަރުދާހުގައި މި އާދަޔާ ޚިލާފް ޓެކްނޮލޮޖީ ބޭނުންކޮށްފައި ވީހިނދު، މިއަގު ބޮޑު ޓެކްނޮލޮޖީ ހިމަނައިގެން އެމް7 އިން ވޯޓް ކަރުދާސް ޗާޕްކޮށްފައި ވަނީ އާދަޔާ ޚިލާފް ކުޑަ އަގެއްގައިކަން އެނގޭ ކަމަށާއި އެމް7 އިން މިކަން ކޮށްފައި މިވަނީ ކޮންމެ ވެސް ބައެއްގެ ފުށުން މާލީ އެހީތެރިކަން ލިބިގެން ކަމަށް ޤަބޫލު ކުރެވޭނެ ޖާގަ އޮތް ކަމަށް ވެސް މައްސަލައިގެ ފޯމުގައި ވެއެވެ. އެހެންކަމުން އެމް7 އަކީ ކެންޑިޑޭޓް ނަމްބަރު ދޭއްގެ ރަނިންގ މޭޓް ނިސްބަތްވާ ޕާޓީގެ ބާނީގެ ދަރިންގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަން އެނގޭ ކަމަށް މާނިއު ވިދާޅުވެފައި ވެއެވެ.

މާނިއު ވިދާޅުވެފައި ވަނީ މިމައްސަލަ ލަހުން ހުށަހެޅިފައި ވަނީ މި ހައްސާސީ މައުލޫމާތު ލިބުން ލަސްވެފައިވާތީ ކަމަށާއި މައުލޫމާތު ލިބުމާއެކީ ހުށަހެޅީ ކަމަށެވެ.

މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާ ލިޔުންތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ދާއިމީ ނަތީޖާގެ ނަކަލް އަދި ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާން ޢަބްދުﷲ މުއާޒްގެ ހެކިބަސް ނަންގަވައިދެއްވުމަށް އެދިފައިވެއެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް މި މައްސަލަ ބަލައިގަނެފައިވާކަން އެ ކޯޓުން އަދި އަންގާފައެއް ނުވެއެވެ. 

މި މައްސަލަ ހުށަހެޅިފައި މި ވަނީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ނިމުމަކާ ގާތްވެފައި ވަނިކޮށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 އޮކްޓޯބަރ 2018 | އަންގާރަ 14:50
ޜީނަ
ޔާމީނައް ސުވަރުގެ ދިނުމައް ކޯޓައް ދޭބަލަ
16 އޮކްޓޯބަރ 2018 | އަންގާރަ 11:29
ނިހާދު
ޕީޕީއެމް އިން ޝަރުޢީ ކޯޓްތަށް ރައްޔިތުންގެ ކުރިމަތީ ޖޯކަކަށް ހަދާ، އެތަންތާގެ ހުރުމަތް ގެއްލުވާލަން މިހިންގާ ނުބައި ޖަރީމާ ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރަން، އަދި މިބައިގަނޑު މިހިންގާ ޖަރީމާ ކޯޓުތަކުން ސަމާލުވެ މިފަދަ މުއައްސަސާ ތަކަކީ ރައްޔިތުންގެ އިތުބާރާ ލޯބި ލިބިފައިވާ މުއައްސަސާ ތަކަކަށް ހެދުމަކީ ކޯޓްތަކުގެ ޒިންމާއެެއް..