ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 14:07
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓު އޮޅުވާލުމުގެ ތުހުމަތު، ޝަރީފް ކުރައްވަނީ ރައީސް ޔާމީންއަށް!؟
ވޯޓު ބަދަލުކުރަން ޝަރީފް އަނގޮޓިތަކެއް ގެންނެވި ކަމަށް ރައީސް ޔާމީން ތުހުމަތުކުރައްވާ
ޝަރީފްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ޕީޕީއެމުން ކުރޭ

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލަން މަސައްކަތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ކުރެއްވި ޓްވީޓްތަކެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ރީޓްވީޓު ކުރައްވައިފިއެވެ.

މެމްބަރު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަނގޮޓި އަމިއްލައަށް އެތެރެކޮށްގެން އޭގެ ފޮޓޯ ނަގައިގެން ހެކީގެ ގޮތުގައި ހުށަހަޅައިގެން، އިންތިހާބު އޮޅުވާލަން އަމިއްލައަށް ކުރަން ރާވާފައި ހުރި ކަންކަން ވާހަކަ ހެކީގެ ގޮތުގައި ހުށަހަޅައިގެން ރައީސް ޔާމީން ހިންގަން އުޅެނީ ޖަރީމާއެއް ކަމަށެވެ.

ދާދި ފަހަކާ ޖެހެންދެން ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޝަރީފު ވަނީ އަމީތުގެ އެޓްވީޓް ރީޓްވީޓް ކުރައްވާފައެވެ. އަމީތުގެ އެ ޓްވީޓް ޝަރީފް ރީޓްވީޓް ކުރެއްވިއިރު، ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި، އަނގޮޓިތަކެއް ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތުކޮށްފަ އިވަނީ ޝަރީފުގެ މައްޗަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ސާބިތު ކުރަން ސިއްރު ހެކީންގެ ގޮތުގައި ބަޔަކު މީހުން ހުށަހަޅާފައި ވެއެވެ. ނަމަވެސް އެމީހުންގެ ހެކި ބަސް ނުނަގަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. 

ޝަރީފް އޭނާގެ ޓްވީޓަރ އެކައުންޓުން ކުރެއްވި ރީޓްވީޓް (ސްކްރީންޝޮޓް)

މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި، އަދި ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ދެ ފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް އެމަނިކުފާނުގެ ޕީޕީއެމުން ވެސް ބުނުމަށް ފަހު، ހަފްތާއެއް ފަހުން ވަނީ އެކަން ބަދަލުކޮށް، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށާއި ހާއްސަކޮށް އެކޮމިޝަނުގެ ރައީސް ޝަރީފްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. 
މީގެ އިތުރުން، ރައީސް ޔާމީން ވަނީ މާލެ އާއި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ގޮވާލައްވާފައެވެ. އެހެން ނަމަވެސް މުޒާހަރާ ކުރަމުންދަނީ ކޮންމެ ރެއަކު ވިއްސަކަށް މީހުން އެއްވެ ޕީޕީއެމް އޮފީސް ދޮރުމަތީގައެވެ. އެ މުޒާހަރާތަކުގައި އިސްކޮށް ހުންނަވަނީ ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއެވެ. އަދި މުއާޒު ވަަނީ ސިލްސިލާކޮށް ޕީޕީއެމުން ކުރަމުންދާ މުޒާހަރާގައި ތަކުރާރުކޮށް ޝަރީފަށް ވަގަށް ގޮވާފައެވެ. އަދި އެ މަންޒަރުތައް ބައެއް ޓީވީ ޗެނެލްތަކުން ދައްކާފައި ވެސް ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް