ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 09:45
އިލެކްޝަންސް ކަމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ފަޔާޒު
އިލެކްޝަންސް ކަމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ފަޔާޒު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ހުރިހާ އާރަކާއި ބާރެއް އޮވެ ބޮޑުތަނުން ބަލިވެ އަލުން އިންތިޚާބު ބޭއްވިއަސް މޮޅު ވުމަކީ ވަރަށް ދުރުކަމެއް: އީސީގެ ކުރީގެ ނާއިބު ފަޔާޒު
ޕީޕީއެމުން ވޯޓުލި ދުވަހު ފޮށިތައް ބަލަހައްޓަން ތިބި މީހުން ދެން އަލުން ޔާމީނަށް ވޯޓު ނުލާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި
ޔާމީންއަށް ރާއްޖޭގެ ތަނަވަސް އަޣުލަބިއްޔަތަކުން ނޫނެކޭ ބުނެފި

ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި ހުރިހާ އާރަކާއި ބާރަކާއި ވަސީލަތެއް އޮވެ، އިންތިޚާބުން "ބޮޑުތަނުން ބަލިވުމުން" ދެން އަލުން އެމަނިކުފާނު އިންތިޚާބުގައި ކާމިޔާބު ކުރެވުން އެއީ ދުރުކަމެއް ކަމަށް ކުރީގެ އިލެކްޝަންސް ކަމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވެއްޖެއެވެ.

ފަޔާޒު ރާއްޖެޓީވީގައި ވިދާޅުވީ ދުނިޔޭގެ ތާރީޚުން އެނގޭ ގޮތުގައި އިންތިޚާބެއްގައި މީހަކު ބަލިވެއްޖެ ނަމަ އެ މީހަކަށް ލިބިފައިވާ ގާނޫނީ ހައިސިއްޔަތު ގެއްލުނީ ކަމަށެވެ. އަދި ރާއްޖެއަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ ތަނަވަސް އަޣުލަބިއްޔަތަކުން ނޫނެކޭ ބުނެފައިވާ ކަމަށާއި ދުނިޔޭގެ އެއްވެސް ހިސާބެއްގައި އިންތިޚާބުން ނާކާމިޔާބު ވެފައިވާ ބޭފުޅަކަށް އެ އިންތިޚާބެއް ބާތިލް ކުރުމަށް ފަހު އަލުން އިންތިޚާބު ބޭއްވުމުން ކާމިޔާބު ވެފައި ނެތް ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި ފަޔާޒު ވިދާޅުވީ ރައީސް ޔާމީން ނިސްބަތްވާ ޕީޕީއެމުން ވޯޓުލި ދުވަހު ފޮށިތައް ބަލަހައްޓަން ތިބި މީހުން ދެން އަލުން އެމަނިކުފާނަށް ވޯޓު ނުލާނެ ކަމަށް ބުނެ ސޯޝަލްމީޑިއާގައި މިހާރު ވެސް އެތައް ބަޔަކު ހިއްސާކޮށްފައިވާ ވާހަކަތަކުން އެކަމަށް އެކި ދޭ ކަމަށެވެ.

"އެއީ އޭނާގެ ލެޖިޓިމެސީ ގެއްލޭ ހިސާބުން އޭނާއަށް ވޯޓު ދިން މީހުންނެއް ވެސް އޭނައަކަށް ވޯޓެއް ނުދޭނެ. މިހާރު ސޯޝަލް މީޑިއާއަށް ބަލާއިރު އެ ދުވަހު ފޮށިތައް ބަލަހައްޓަން ތިބި ޕީޕީއެމަށް ސަޕޯޓު ކުރާ މީހުން އެބުނަނީ ދެން އެމީހުންނެއް އޭނައަށް ވޯޓެއް ނުދޭނަމޭ. އެހެންވީމަ މިއިން އެނގޭ އެއްޗަކީ އިންތިޚާބެއް ބާތިލް ކޮށްގެން އެ ދެވަނަ ފަހަރަށް ނުވަތަ ތިންވަނަ ފަހަރަށް ބޭއްވި ކަމުގައިވިއަސް ގާނޫނީ ލެޖިޓިމެސީ ގެއްލުނު ހިސާބުން ހޮވިފަކާނެތް އަދި މިހާތަނަށް،" ފަޔާޒު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލީ އެކަކު ވެސް ވޯޓުލުމަށް ފަހު އޭގައި ހުރި ގޯސްކަމެއްގެ ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި ވޯޓުލުން ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް  އެންމެން ވެސް ފާހަގަކޮށްފައިވާ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބަކީ އެންމެ ލަސްކޮށް ދިޔަ އިންތިޚާބު ކަމަށްވީ ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާފައި ވަނީ ރައްޔިތުން އެތައް ގަޑިއިރު ކިޔުގައި އެއްވެސް ޝަކުވާއެއް ނެތި ތިބެ ކަމަށް ފަޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ބަލި ގަބޫލު ކުރައްވައި އޭގެ ދުވަސްކޮޅެއް ފަހުން ރާގު ބަދަލުވެ މިހިނގާދާ ކަންތައްތަކަކީ ގައުމު ހަލަބޮލިވެ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަނުޖެހުމުގެ ތެރެއަށް ދާވަރުގެ އެއްވެސް ކަމެއް ދިވެހި އެއްވެސް ރައްޔިތަކު ކޮށްގެން ނުވާނެ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

"މުޅި ގައުމު ނުތަނަވަސްކަމާއި ހަމަނުޖެހުމުގެ ތެރެއަށްދާފަދަ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކު ކޮށްގެން ނުވާނެ. މިހާރު މިއޮތް ހާލަތަކީ އަޅުގަނޑު އެންމެ ހިތާމަ ކުރާ ހާލާތެއް. އަޅުގަނޑު ވަރަށް ދެރަވާވެސް ހާލަތެއް." ފަޔާޒު ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ ޑިމޮކްރަޓިކް ގައުމެއްގައި އެންމެ ފުރަތަމަ އިންތިޚާބު ބާތިލް ކުރި ގައުމަކަށް ވެފައި ވަނީ ރާއްޖެ ކަމަށާއި އެކަމާއި ބޭރު ދުނިޔެއިން މަލާމާތް ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް