ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 10:29
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ރާއްޖެއެމްވީ
ފަލަސުރުހީ
ކޯލިޝަން ދަމަހައްޓާނަން، ބަހާއި އަމަލުން އެކަން ދައްކާނަން: އަލީ ވަހީދު
އެއްވެސް ޕާޓީއަކަށް ވެސް އަދި އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ
އިބޫއަށް އެއްމެބޮޑު އެހީތެރިކަމެއް ދެއްވާނީ ގާސިމް ކަމަށް ވިދާޅުވި

ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދު ދަމަހައްޓާނެ ކަމަށާއި އެކަން އެ ބޭފުޅުން އަމަލާއި ބަހުން ދައްކަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

މޭޑޭ ގެ ބޮޑު މުޒާހަރާ އާ ގުޅިގެން 2015 ވަނަ އަހަރު އިނގިރޭސި ވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދަވައިގެން އުޅުއްވި އަލީ ވަހީދު ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީގައި ވިދާޅުވީ، ކޯލިޝަނެއް ދެމެހެއްޓުވުމުގެ ހުރިހާ ގާބިލް ކަމަކާއި ތަޖުރިބާ އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ކިބައިގައި އެބަހުރިކަމަށެވެ. އަދި އެއްވެސް ޕާޓީއަކަށް ވެސް އަދި އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެކަމަށް އޭނާ ވިދާޅުވި އެވެ..

އަލީ ވަހީދު ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތައް އޮތީ ވަރަށް ބަދަހިކޮށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބުރާހިމް ހުންނެވީ މި ކޯލިޝަން ދަމަހައްޓައި އިބުރާހިމް މުހައްމަދު ސޯލިހަށް އެއްމެބޮޑު އެހީތެރިކަމެއް ދެއްވަން އަތުކުރި އޮޅާލައްވައިގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ވަރަށް ވަރުގަދަކޮށް ކޯލިޝަން ދެމެހެއްޓިގެން ދާނެ .2012 ވަނަ އަހަރުއްސުރެ އެމްޑީޕީ ވަރަށް ބޮޑު ސްޓްރަގަލްއެއް އެކުރީ. އެމްޑީޕީގެ އާއްމު މެންބަރުން އެވީ ގުރުބާނީ އަށްޓަކައި ވަރަށް އުފާވޭ. އަޅުގަނޑުމެން އެއްވެސް ފަރާތަކުން ބޭނުމެއް ނުވާނެ މިފަހަރު ވެރިކަން ކުރަން މި ލިބިގެން ދިޔަ މި ދިއުމުގައި މީތި ބައިބައި ވެގެންދާކަށް. މިވެރިކަން ގެނައީ ރާއްޖޭގެ ރައްޔިތުން. އެބޭފުޅުން ބުނަނީ ބައިބައި ވެގެން ނުދައްޗޭ" އަލީ ވަހީދު ވިދާޅުވިއެވެ.  

ވޭތުވެދިޔަ ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެސް، ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް ފަހު މާ ގިނަ ދުވަހެއް ނުވެ ކޯލިޝަން ރޫޅިފައި އޮތަސް، މި ފަހަރު އެމްޑީޕީ އާއި ޖޭޕީ ކޯޅޭ ތަނެއް ނުފެންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އަބަދު ސިޔާސީ ބަހުސްތަކުގައި ރައްޔިތުން މަގުމަތީގައި ނުތިބެ އެ ރައްޔިތުންނަށް ވެސް ހަމަޖެހުމެއް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކޯލިޝަން ދެމެހެއްޓުމަށް ޖޭޕީން 100 ޕަސެންޓް ދޭނެކަމަށާއި ސޯޝަލް މީޑިއާގައި މީހަކު ފާޅުކޮށްލާ ޚިޔާލަކުން ކޯލިޝަން ރޫޅާލާފައި ނުދާނެެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. 

"މީ ޚިޔާލު ތަފާތު ޕާޓީތަކެއް.ޚިޔާލު ތަފާތުވާން އަޅުގަނޑުމެންގެ ޚިޔާލު އެއްގޮތްވާން ޖެހޭ. އިންތިޚާބު ކާމިޔާބު ކުރީ އެ އަސާސަށް އެއްބަސްވެގެން. ޚިޔާލު ތަފާތު ދެން ވެސް ވާނެ. އެ ޚިޔާލު ތަފާތުވުމުގައި ވެސް އަޅުގަނޑުމެންނަށް ތިބެވެން ޖެހޭނެ އެކަތިގަނޑެއްގެ ގޮތުގައި" އަލީ ވަހީދު ވިދާޅުވިއެެވެ.

ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ތިބެން ޖެހެނީ އަލީ ވަހީދު ވިދާޅުވި ގޮތުގައި "ރަންނަމާރިއަށް" ފުރުސަތު ނުދިނުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަކީ މި ކޯލިޝަން ދެމެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ހުރި ބޭފުޅެކެވެ. މިހާރު ވެސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ކަމެއްގައި ވެސް އިސްކުރައްވަނީ އެންމެނާއި އެކު މަޝްވަރާ ކުރެއްވުން ކަމަށާއި، ދައްކަވަމުން ގެންދަވަނީ ނަމޫނާ ލީޑާރޝިޕެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އާ ޒައާމަތުގައި ގުޅިފައިވާ ޕާޓީތަކާއި އެކު މި ފަސްއަހަރު ރައްޔިތުންނަށް ހިނިތުންވުން ގެނެސް ދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް