ނިމިދިޔަ ރިޔާސީ އިންތިޚާބުން ބޮޑު ތަފާތަކުން ރައީސް ޢަބްދުﷲ ޔާމީން ބަލިވުމާއި ގުޅިގެން އެއިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން ހޯމަ ދުވަހު ވަނީ ބާއްވާފައެވެ. ފުރަތަމަ އަޑުއެހުމަށް ހުރިވަރުގެ ސަމާލުކަމެއް ހުރިކަން އެނގިގެން ދިޔައީ ހެނދުނު 6 ނުޖަހަނީސް ސުޕްރީމް ކޯޓުގެ ދޮށުގައި ކިއު ހެދީތީއެވެ. ފުރަތަމަ ދުވަހު ކިއޫގައި ޖެހިގެންތިބި މީހުންގެ މެދުގައި ހަލަބޮލިވުން އުފެދިފައިވާއިރު ހޯމަ ދުވަހުގެ ޝަރީއަތް އަޑުއަހަން ކިއޫ ޖެހުނު މީހުން އެހެން އުކުޅެއްވެސް ބޭނުންކުރިއެވެ. އަމިއްލައަށް ކިއޫ ތަރުތީބު އަންގައިދާ ނަމްބަރެއް ވަރަށް ބޮޑުކޮށް ޕްރިންޓް ކޮށްގެން ގެންގުޅެވެ. އެހެންކަމުން ހޯމަ ދުވަހު ކިއޫގައި ތިބި ތިބުމުގައި މާބޮޑު ހޫނުކަމެއް ނެތެވެ. އަދި ނަމްބަރު ދޫކުރާނެ ގަޑި ކުރިން އިއުލާން ކޮށްފައިވާއިރު މާގިނައިރު ކިއޫގައި ނުތިބެ ވަދެވޭނެ ކަން ޔަޤީންވެގެން ދިޔައެވެ.
ޝަރީއަތް ފެށުނީންސުރެ ޝަރީޢަތުގެ އަޑުއެހުން ނިންމާލައި ވަކީލުން ނުކުންނަންދެންވެސް ހިސާބަކަށް މީހުން ސުޕްރީމް ކޯޓު ދޮށުގައި ތިއްބެވެ. އިންތިޚާބު ބާތިލް ކުރަން ހުށަހެޅުއްވި ރައީސް ޔާމީންގެ ސަޕޯޓަރުން ރީފް ސައިޑް ކަންމަތީގައި ތިބިއިރު އިންތިޚާބު ބާތިލް ކުރުމާ ދެކޮޅަށް ޝުއޫރު ފާޅުކުރަން ތިބި މީހުން ތިބީ ސުޕްރީމް ކޯޓު ކުރިމަތިން ހުޅަނގު ދެކުނު ގޯޅި ތެރޭގައެވެ. ކުރީ ދުވަހު މީހުން ތިބިވަރަށް ވުރެ މީހުން މަދުނަމަވެސް އެމީހުން ދިޔައީ ރައީސް ޔާމީނާ ދެކޮޅަށް ޝުޢޫރު ފާޅު ކުރަމުންނެވެ.
އަޑުއެހުން ނިމުމާއެކު އިންތިޚާބު ބާތިލް ކުރަން ހުށަހެޅި ޤާނޫނީ ވަކީލުންނާއި ބައެއް ވަޒީރުން ނިކުންނެވުމާއެކު އެއްވެފައިވާ މީހުންގެ އަޑު ގަދަވެގެން ދިޔައެވެ. އަދި ތަފާތު ޝުއޫރުތައް ފާޅުކުރަމުން ދިޔައެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
މިމައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައިވެސް އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.