ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 18:47
ގާޒީ ނިހާން (ފައިލް ފޮޓޯ)
ގާޒީ ނިހާން (ފައިލް ފޮޓޯ)
ފޭސްބުކް
ގާޒީ ނިހާންގެ މައްސަލަ
ގާޒީ ނިހާންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ގާޒީ ނިހާންގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލިއިރު، ކުރީގެ ޕީޖީ މުހުތާޒުގެ އިސްތިއުނާފުގެ އަޑުއެހުމެއް ބާއްވާފަ އެއް ނުވޭ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުގެ އަމުރެއް އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުން ނެރުނު ކަމަށް ބުނެ، އެކޯޓުގެ އޭރުގެ ގާޒީ އަޙުމަދު ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވާ ކަމަށް ހުކުމް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.

ހައިކޯޓުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމައްސަލާގައި ގާޒީ ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކޮން ގޮތަކަށް ބަލާފައިތޯ އާއި ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރު ނެރުނު ގޮތާއި މެދު ދައުލަތުގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް ފަނޑިޔާރުންގެ ބެންޗުން ކުރިމަތި ކުރައްވާފައިވެއެވެ. 

ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިހާނުގެ މައްޗަށް އިއްވާފައި ވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

ނިހާނުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލާފައި ވާއިރު، ހަމަ އެމައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ކޮށްފައިވާ 17 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވެއެވެ. ނަމަވެސް މިއަދާ ހަމައަށް މުހުތާޒުގެ އިސްތިއުނާފުގެ އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފައެއް ނުވެއެވެ. 

ރައީސް ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒު މުހުސިންގެ މައްޗަށް ތިން ދައުވާ އެއް ކޮށްފައި ވާއިރު، ގާޒީ ނިހާނުގެ މައްޗަށް ހަތަރު ދައުވާ އެއް ކޮށްފައި ވެއެވެ.

މުހުތާޒު އާއި ގާޒީ ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، މުހުތާޒުގެ މައްޗަށް ކުރާ ދެ ދައުވާއަކާއި ގާޒީ ނިހާނުގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އަދި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ދައުވާތަކާއި ގުޅިގެން އެ ކޯޓުން ނެރެފައިވާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ކޯޓު އަމުރުތައް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ބާތިލް ކޮށްފަ އެވެ.

"ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ކުށުގެ ދައުވާ އެއް މުހުތާޒު އާއި ނިހާނުގެ މައްޗަށް ކުރަމުންދާ އިރު، "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާ މުހުތާޒުގެ މައްޗަށް ކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާ މުހުތާޒު އާއި ނިހާނުގެ މައްޗަށް ވެސް ކޮށްފައި ވެއެވެ. 

އޭގެ އިތުރަށް ނިހާނުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަަކީ "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" ކުށުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް