ކ. މާލެ
|
16 އޮކްޓޯބަރ 2018 | އަންގާރަ 19:47
ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު
ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު
ރައީސް އޮފީސް
މަނީ ލޯންޑެރިންގެ މައްސަލަ
ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ މަނީ ލޯންޑެރިންގެ މައްސަލަތައް ހުއްޓިފައި!
މި ކަމަށް ފުލުހުންގެ ރަސްމީ ބަހެއް ނުލިބޭ
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހްމަތުތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައި

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ މަނީ ލޯންޑެރިންގެ މައްސަލަތަކުގެ ތަހްގީގު ފުލުހުން ކުރިއަށް ނު ގެންގޮސް މަޑުޖައްސާލާފައި ވާކަން ރާއްޖެ އެމްވީއަށް އެނގިއްޖެއެވެ.

ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް، ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓުން ފުލުހަށް ހުށަހަޅާފައި ވެއެވެ. އަދި އަލްޖަޒީރާ އިން އުފެއްދި "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގައި ރައީސް ޔާމީންގެ މައްޗަށް ގިނަ ތުހްމަތުތަކެއް ކޮށްފައިވެއެވެ.

ތުހްމަތުކުރެވޭ މަނީ ލޯންޑެރިންގެ އެ މައްސަލަތަކާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ރަސްމީ ކޮމެންޓެއް ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރާ މަނީ ލޯންޑެރިންގެ އެއްވެސް މައްސަލައެއްގެ ތަހްގީގު ކުރިއަށް ނުގެންދެއެވެ.

"އެކަން ފުލުހުންގެ އިސްވެރިން ވަނީ ހުއްޓުވާފައި،" ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ އެ ތުހްމަތު ތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ.  

އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓުން ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވި ނަމަވެސް، އެމްއެމްއޭ އިން ހުށަހެޅި އެއްވެސް މައްސަލަ އެއް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށް ބުނެ އެ އިދާރާ އިން ބަޔާން ނެރެފައިވެއެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި އަބްދުﷲ ނަވާޒު ހުއްޓާ އޭނާ ފުލުހުންގެ ހިދުމަތުން ވަކިކޮށް، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ޕޮލިހަށް ރައީސް ޔާމީންގެ މައްސަލަ ފޮނުވާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް