ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 19:46
އިންތިހާބު ބާތިލް ކުރަން ރައީސް ޔާމިން ހުށައެޅުއްވި މައްސަލައިގައި ވަކާލާތު ކުރެއްވި ސަލީމް ކޯޓަށް ވަންނަަވަނީ:-ފޮޓޯ ރާއްޖެއެމްވީ-މުހައްމަދު ޝަރުހާން
އިންތިހާބު ބާތިލް ކުރަން ރައީސް ޔާމިން ހުށައެޅުއްވި މައްސަލައިގައި ވަކާލާތު ކުރެއްވި ސަލީމް ކޯޓަށް ވަންނަަވަނީ:-ފޮޓޯ ރާއްޖެއެމްވީ-މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޙާބު 2018
އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލައިގައި އޮތީ ހިޔާލީ ވާހަކަތަކެއް ކަމަށް ބުނެ އީސީ އާއި ކޯލިޝަނުގެ ހޫނު ރައްދު
މައްސަލައިގައި އެކަށީގެންވާ ހެއްކެއް ނެތް ދިފާއުން ފާހަގަ ކުރި

ރިޔާސީ އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ރައީސް އަބްދުﷲ ޔާމިން ސުޕްރީމް ކޯޓަށް ހުށަހައަޅާފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އިލެކްޝަންސް ކޮމިޝަނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޫނު ރައްދެއް ދީފި އެވެ.  

މިދިޔަ ޖުލައި މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމިން ހުށަހައަޅާފައިވާ މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ދައުވާ އިއްވެވީ އަހްމަދު ސަލީމް (ރޭނިން ސަލީމް) އެވެ. އަދި އެ ދައުވާގައި ފާހަގަ ކޮށްފައިވާ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްދު ދެއްވީ މަޝްހޫރު ގާނޫނީ ވަކީލް ހުސެއިން ޝަމީމެވެ. އަދި މި މައްސަލައަށް ތަދައްހުލުވި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ހިމެނޭ ކޯލިޝަނުގެ ފަރާތުން ރައްދު ދެއްވީ ހިސާން ހުސެއިންއެވެ.  

ރައީސް އަބްދުﷲ ޔާމިންގެ ފަރާތްޕުޅުން އެ މައްސަލައިގައި ހުށައަޅާފައިވާ އެއް ޝަކުވާއަކީ ވޯޓު ކަރުދާސް ޕްރިންޓް ކުރި އެމް7 އަށް އެ މަސައްކަތް ދިން ގޮތާއި ގުޅޭ ގޮތުންނާއި އެ ކުންފުންފުނީގެ ހިއްސާ އޮންނަ ބޭފުޅުންގެ ސަބަބުން އެ ކަރުދާސް ބޭނުން ކޮށްގެން އެ ފަރާތުން ނާޖައިޒު ފައިދާ ނަގައި މަކަރާއި ހީލަތް ހަދައިގެން އެ ފަރާތުން ބޭނުންވާ ގޮތަށް ނަތީޖާ އަނބުރާލެވޭނެ ކަމަށް ފާހަގަ ކުރި ޝަކުވާ އެވެ. އެތަނަށް ކަރުދާސް ޕްރިންޓް ކުރަން ދިން އިރު މީގެ ކުރިން އިންތިހާބެއްގެ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވާ ނޮވެލްޓީ އިން ވެސް ބިޑް ހުށަހެޅިކަން މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ. އެމް7 އަށް ވުރެ 32 ޕޮއިންޓް އިތުރަށް ޓެކްނޮލޮޖީގެ ގޮތުން ވެސް މޮޅު ނޮވެލްޓީ އަށް ބިޑްގައި މާކްސް ލިބުނުކަން ވަނީ މައްސަލައިގައި ފާހަގަ ކޮށްފަ އެވެ. މައްސަލައިގައިވާ ގޮތުގައި ބިޑް ހުށަހަޅަން ހުޅުވާލި މައުލޫމާތު ކަރުދާހުގައި އޮތީ އެންމެ ސެކިއުރިޓީ ފީޗާއެއް ހުށަހަޅަން ކަމަށާއި އޭގެ އަގު ބަޔާން ކުރާ ގޮތަށް އޮތް ނަމަވެސް އެމް7 އިން ބިޑް ހުށަހަޅާފައި ވަނީ ސެކިއުރިޓީ ފަސް ފީޗާ ވެސް ހިމެނޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ.  ދެ ޕާޓީ އިން ބިޑް ހުށަހެޅި ފަހުން ޓެކްނިކަލް ކޮމެޓީ އިން ވަނީ ވޯޓު ކަރުދާހު ގައި ތިން ސެކިއުރިޓީ ފީޗާ ހިމަނަން ފާސްކޮށްފައި ކަމަށް ޕީޕީއެމުން ހުށަހެޅި މައްސަލައިގައި ފާހަގަ ކުރި އެވެ. ނަމަވެސް އެގޮތަށް ނިންމިއިރު އަލުން ބިޑަށް ހުށަހަޅައިގެން އެކަން ކުރާނެ ވަގުތު ނެތުމުން އެމް7 އަށް ބިޑްކުރުމެއް ނެތި އެކަން ހަވާލު ކުރުމުގެ ހުއްދަ އަކަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި މިނިސްޓްރީން އެ ހުއްދަ ދިނީ އިންތިހާބީ ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވި ދާނެތީ ކަމަށެވެ. އެމް7 ގެ ޗާޕްކުރާ މެޝިންތަކަކީ އޮޓަމެޓިކް އޮޑިޓް ކުރެވޭ މެޝިންތަކެއް ކަމަށް ނުވާތީ ވޯޓު ކަރުދާސް ޕްރިންޓް ކުރި އަދަދު ޔަގީން ކުރެވެން ނެތްކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.  އެމް7 ގެ ހިއްސާ، އިންތިހާބުގައި ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަންނިންމޭޓް ފައިސަލް ނަސީމް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާ އަށް އޮންނައިރު ގާސިމްގެ މަސްލަހަތު އޮންނަ ވިލާ ހޯލްޑިންގެ 999 ހިއްސާ އޮންނަކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެމް7 ގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ނަދީމަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއް ކަމަށާއި އަދި އެމް7 ގެ ބޯޑްގައި މުހައްމަދު ނަދީމު އި ގާސިމްގެ ދެ ބޭފުޅުން ކަމަށްވާ ހަދީޖާ ސަނާ އާއި އިބްރާހިމް ސިޔާދު ގާސިމް ތިއްބަވާ ކަމަށް ވެސް މައްސަލައިގައި ފާހަގަ ކުރި އެވެ.

 ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދިން ރައްދުގައި ޝަމީމް ވިދާޅުވީ އެމް7އަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް ދިނީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ ފިނޭސް މިނިސްޓަރު ދެއްވާފައިވާ ސިޓީއަކަށް ފަހު ކަމަށެވެ. އަދި އެ ސިޓީ ވަނީ ޝަރީއަތަށް ވެސް ހުށަހައަޅާފައެވެ.   ރައީސް ޔާމިން ފާހަގަ ކުރެއްވި އަނެއް ކަމަކީ ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް ފަހު ބަހައްޓާފައިވާ ކޮޓަރިއަކީ ކޮންމެ މީހަކަށް ވެސް ވަދެ ނިކުތުމަށް ފަސޭހަ، ސަލާމަތީ ގޮތުން މާބޮޑު އިންތިޒާމެއް ނެތް ކޮޓަރިއެއް ކަމެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރިއިރު އޮޓެމެޓިކުން އޮޑިޓް ކުރެވޭނެ ނިޒާމެއް އެ މެޝިނުގައި ނެތް އިރު އެކަމަކީ އިތުރަށް ވޯޓު ކަރުދާސް ޗާޕް ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމިން ފާހަގަ ކުރައްވާފައިވެ އެވެ. އަދި ވޯޓު ކަރުދާސްތައް ބެހެއްޓި ތަނަކީ ވެސް އެންމެ ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެ އެކަން ސާބިތު ކުރުމަށް ހެކީ ގޮތުގައި މީހަކު ވެސް ހުށައަޅާފައިވެ އެވެ. ނަމަވެސް ޝަމީމް ވިދާޅުވީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވޯޓު ކަރުދާސް ޕްރިން ކުރަމުންދިޔައިރު ހުރިހާ ވަގުތެއްގައި އާއި ވޯޓު ކަރުދާސް އެއްތަނުން އަނެއް ތަނަށް ގެންދިޔަ ވަގުތުތަކުގައި ވެސް ވެސް ފުލުހުން ކައިރީގައި ތިބޭނެ ކަމަށާއި އެތަނަށް ވަދެ އުޅުނު އެންމެން އިނގޭނެ ގޮތަށް ފޮތެއްގައި ނޯޓް ކުރަމުން ގޮސްފައިވާ ކަމަށެވެ. އަދި ހެކީގެ ގޮތުގައި ހުށައެޅި މީހަކީ ސެކިއުރިޓީ ރޫމަށް ދުވަހަކު ވެސް ވަދެފައިވާ އަދި ވަނުމަށް ހުއްދަ ވެސް އޮންނަ މީހެއް ނޫން ކަމަށެވެ.  

ވަކި ގޮތަކަށް ތައްޔާރު ކޮށްފައިވާ އަނގޮޓިތަކެއް އިލެކްޝަން ކޮމިޝަންގެ ދެ މެންބަރެއްގެ އެންގުމުގެ މަތިން ޗައިނާއިން ރާއްޖެ ގެނެސް އެ މެންބަރުންގެ ކުރިމަތީގައި އެ ޓެސްޓްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާކަން އެނގިފައިވާ ކަމަށާއި އެ މެންބަރުންގެ އެންގުމާ އެއްގޮތަށް އެ އަނގޮޓިތައް ހަދައިގެން ރާއްޖެ ގެނައި މީހާ އާއި އޭގެން ބައެއް އަނގޮޓިތައް ބޭނުން ކުރި މީހުން އެ ވާހަކަތައް ޝަރީއަތަށް ކިޔައިދޭން ތައްޔާރަށް ތިބި ކަމާއި އެމީހުންގެ ހެކި ބަސް ނަގައި ދިނުމަށް މައްސަލާގައި އެދިފައިވެ އެވެ. ނަމަވެސް އެމީހުންގެ ނަންތައް ހުށަހަޅާފައިވަނީ ސިއްރުންނެވެ. ހެކި ބަސް ނަގައިދޭން އެދިފައިވަނީ ވެސް ސިއްރު ހެކީންގެ ގޮތުގަ އެވެ. އަދި އެހެންމެ އަނގޮނޓިން ފާހަގަ ލާފައިވަނީ ދެލި ފޮހެވޭ ގަލަންތައް ބޭނުން ކޮށްގެން ލާ ފާހަގަ ފޮހެވުން ކަމަށް ވެސް ރައީސް އަބްދުﷲ ޔާމިންގެ މި މައްސަލައިގައި ވަކީލު ވިދާޅުވި އެވެ.   އެކަމާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ ހުށަހަޅާފައިވާ ވަނީ ވަހުމްތަކެއްގެ މައްޗަށް އެކުލެވޭ ހިޔާލީ ވާހާކަތަކެއް ކަމަށާއި އެ ތުހްމަތުގެ ދަރަޖައަށް ވެސް ނާންނަ ވާހަކަތަކެއް ކަމަށެވެ.   ޝަމީމް ވިދާޅުވީ އިންތިހާބު ބާތިލް ކުރާނަމަ ރައީސް އަބްދުﷲ ޔާމިނާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހުރި ވޯޓުގެ ފަރަގު ކަމަށްވާ 38654 ބާތިލް ވޯޓު ހުރިކަން މި މައްސަލަ ކޯޓަށް ހުށައެޅުއްވި ފަރާތުން ދައްކައިދޭން ޖެހޭނެ ކަމަށެވެ. ދެލި ފޮހެވޭ ގަލަންތަކެއް ރާއްޖެ އެތެރެކޮށްގެން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ފާހަގަ ކުރެއްވި ނުކުތާއާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ އަމިއްލަ ގަލަން ހިފައިގެން ވޯޓުލާން ދިއުމަށް އިލެކްޝަނުން ބާރުއަޅައި އެކަމާ ގުޅޭ ބަޔާނެއް ވެސް ނެރެފައިވާނެ ކަމަށެވެ. އަދި އެ ބުނާ އަނގޮނޑިތަކެއް ބޭނުން ކުރި ކަމާއި އެ ބޭނުންކުރީ ކޮންތާކުކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ޝަމީމް ފާހަގަ ކުރެއްވި އެވެ.  

 ބައެއް މަރުކަޒުތަކުގައި ވޯޓު ބޫތުތައް ހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިފައިވާ ކަމަށް މައްސަލައިގައި ފާހަގަ ކުރުމުން ޝަމީމް ވިދާޅުވީ ވޯޓު ބޫތާ ގުޅޭ ގޮތުން ހުށައެޅި މައްސަލަތަކަށް ފަހު އެކަން ރަނގަޅު ކުރި ކަމަށެވެ. އަދި ވޯޓުލާ މަރުކަޒަށް ފޯނާއި އަތް ދަބަސް އެތެރެކުރިކަމުގެ ޝަކުވާތަކާ ގުޅިގެން އެކަމަށް ޒިންމާވާން ޖެހޭ އިލެކްޝަނުގެ އޮފިޝަލުންގެ މައްސަލަތައް ބަލަމުންދާ ކަމަށް ޝަމީމް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ވޯޓު ކަރުދާހުގެ މައްސަލައެއް އެއްވެސް އެއް ވެސް މީހަކު ހުށައަޅާފައިނުވާ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން މިއަދު ކޯޓަށް ވަޑައިގެންނެވި ހިސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:-ފޮޓޯ ރާއްޖެއެމްވީ

ވަކި ގޮތަކަށް ފާހަގަ ޖެހޭ ގޮތަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމަކީ މިހާރުގެ ޓެކްނޮލޮޖީގައި ވެދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން އިންތިހާބުގެ ވޯޓު ކަރުދާހަކީ ކާބަން ޓްރީޓަޑް ކަރުދާހެއް ކަމަށް ބެލެވޭ ކަމަށާއި ބައެއް ވޯޓު ކަރުދާސްތަކުގައި ކޮމްޕިއުޓަރުން ޖަހާފައިވާ ފާހަގައެއް ކަމަށް ބެލެވޭ ފާހަގަތައް ހުރިކަން އޮފިޝަލުންނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ކަމެއް އެމް7އިން ކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި މަސްލަހަތު ވެސް އެބަ އޮތް ކަމަށެވެ. އެފަދަ ޓެކްނޮލޮޖީއަކީ ރާއްޖެއިން ބޭރުން ނޫނީ ނުލިބޭނެ ޓެކްނޮލޮޖީއަކަށްވާއިރު އެކަމުގައި އެހީވި ބޭރުގެ ގައުމަކީ ކޮބައިކަން ވެސް ބަލަންޖެހޭ ކަމަށް ބުނެފައިވެ އެވެ.  ވޯޓު ކަރުދާހުގައި ތިން ސެކިއުރިޓީ ފީޗާއެއްވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާއިރު އެ ފީޗާ ދެނެގަނެވެނީ ޔޫވީ ލައިޓުން ކަމަށާއި ނަތީޖާ އިއުލާން ކުރުމުގެ ކުރިން ޔޫވީ ލައިޓުން ވޯޓު ކަރުދާސް ސައްހަތޯ ކަށަވަރު ކުރާނެ ކަމަށް ބުނަމުން ދިޔަ ކަމަށް ރައީސް ޔާމިން ހުށައެޅުއްވި މައްސަލައިގައި ބުނެފައިވާއިރު ޝަމީމް ވިދާޅުވީ ކޮންމެ ކަރުދާސްކޮޅެއް އެގޮތައް ޗެކް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެހެންމެ ވޯޓު ކަރުދާސް އިތުރުވެފައިވާ ކަމަށް ފާހަގަ ކުރި ވޯޓު ފޮއްޓާ ގުޅޭ ގޮތުން މި މައްސަލައިގައި ފާހަގަ ކޮށްފައިވާ ނުކުތާއާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ އެ ފާހަގަކޮށްފައިވާ ވޯޓު ފޮށީގައި ވޯޓު މަދުވެ ގިނަ ވުމުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.  

ހިސާން ވިދާޅުވީ މި މައްސަލައަކީ ރައީސް އަބްދުﷲ ޔާމިން ބަލި ގަބޫލު ނުކުރައްވަން ހުށައަޅުއްވައިގެން އުޅޭ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި މި އިންތިހާބު ބާތިލް ކަމަށް ކަނޑަނޭޅުއްވޭނެ ސަބަބަކީ މި މައްސަލައަކީ ސުޕްރީމްކޯޓަށް ހުށައެޅޭނެ މައްސަލައަކަށް ނުވުމާއި އިންތިހާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ދެއްކިފައިނުވުން ކަމަށް ވިދާޅުވި އެވެ. އަދި ނަތީޖާ ގަބޫލު ނުކުރެވޭނަމަ އެ ޝަކުވާތައް ހުށައަޅަން ޖެހޭނީ އާންމު އިންތިހާބުތަކުގައި ބުނެފައިވާ ގޮތަށް ސުޕްރީމް ކޯޓަށް ކަމަށް ވިދާޅުވި އެވެ. އަދި މި މައްސަލައިގައި ހުށައަޅާފައިވާ ޝަކުވާތަކަކީ ވެސް ގައުމީ ކޮންޕްލެއިންސް ބިޔުރޯއަށް ހުށައަޅާފައިވާ މައްސަލަތަކެއް ނޫންކަން ހިސާން ވެސް ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށް ނެރުނު އަމުރުގައިވެސް އެއް ސަބަބެއް ކަމަށް ވޯޓުގެ ފަރަގަށް ބަދަލު އަންނާނެ ވަރުގެ މައްސަލަތަކެއް ފުލުހުން ހުށައެޅި ރިޕޯޓްގައިވާ ކަމަށް ފާހަގަ ކުރެއްވި ނަމަވެސް މި މައްސަލައިގައި އެފަދަ ފަރަގެއް އަންނާނެ މައްސަލައެއް ނެތްކަން ފާހަގަ ކުރެއްވި އެވެ. އަދި ސުޕްރީމް ކޯޓުން އޭރު ނެރުނު ހުކުމުގައި ކަނޑައަޅާފައިވާ ކަންކަމާމެދު ތައާރަޒު ވަނީ ކޮންކަމެއްކަން މި މައްސަލައިގައި ފާހަގަ ކުރެއްވި އެވެ.  

އަދި އިލެކްޝަންސް ކޮމިޝަނުގައި ތިބި މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމިނަށް  ފޮނުއްވައިގެން ޕީޕީއެމްގެ މޯޖޯރިޓީން ރުހުން ދީފައިވާ ބަޔަކަށްވާއިރު އެ ކޮމިޝަނުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ވެސް މި މައްސަލަ ހުށައެޅުއްވި ރައީސް ޔާމިން ނިސްބަތްވާ ޕާޓީން ހާޒިރުކޮށް ސުވާލު ކޮށްފައިނުވާކަން ހިސާން ފާހަގަ ކުރެއްވި އެވެ. އަދި މި އިންތިހާބު މޮނިޓަރު ކުރި ބައިނަލް އަގުވާމީ އަދި ރާއްޖޭގެ ވެސް އެއްވެސް ފަރާތަކުން އިންތިހާބުގެ އެއްވެސް މައްސަލަތަކެއް ފާހަގަ ކޮށްފައިނުވާއިރު މި މައްސަލައިގައި ހުށައެޅި ކަންކަން ސާބިތު ކުރަން ވެސް އެއްވެސް ހެއްކެތް ހުށައަޅާފައިނުވާ ކަމަށް ހިސާން ވެސް ވިދާޅުވިއެވެ. އަދި ކަރުދާސް ޗާޕް ކުރި އިރު ފުލުހުން އެތަނުގައި ތިބިކަން އެ ބޭފުޅުން ބެލި ބެލުމުން އެނގޭ ކަމަށް ވެސް ހިސާން ވެސް ވިދާޅުވި އެވެ.  

އަދި އެހެންމެ ވޯޓު ކަރުދާހުގައި ކެމިކަލްއެއް ހާކާފައި ހުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ހިސާން ވަނީ އެމް7 އަށް އެ ކަރުދާސް ރާއްޖެއިން ބޭރުން ފޯރުކޮށްދިން ކުންފުނިން އެ ކަރުދާހަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށް ބުނެ ފޮނުވާފައިވާ ލިޔުމެއް ވެސް ޝަރީއަތައް ހުށައަޅާފައި އެވެ.

މީގެ އިތުރުން ރައީސް ޔާމިން މި މައްސަލަ ކޯޓަށް ހުށައެޅުއްވީ އިންތިހާބުން ބަލިވެވަޑައިގެންނެވި ކަމަށް ގަބޫލުފުޅު ކުރައްވުމަށް ފަހު އެކަން އިއުލާން ކުރެއްވުމަށް ފަހު ކަމަށާއި އަދި ޕީޕީއެމް އިން ވެސް ވަނީ ބަލި ގަބޫލުކޮށް އެކަން ނޫސްވެރިންގެ ބައްދަލުވުވުމެއްގައި އިއުލާން ކުރައްވާފައިކަން ހިސާން ވަނީ ފާހަގަ ކުރައްވާފައި އެވެ. އަދި ދޫކޮށްލައިިފި ހައްގެއް ފަހުން ބޭނުން ނުކުރެވޭ ޢާއިދާގެ ދަށުން މި މައްސަލަ ހުށަނޭޅުއްވޭނެ ކަމަށާއި އަދި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓްސް އަށް ބަލާއިރު ވެސް ކުރިން ހުށަނާޅާ ހުރި ޝަކުވާތަކެއް ފަހުން އަލުން ހުށައެޅުމަކީ އާ މައްސަލަތަކެއް އުފެއްދުން ކަމަށް ބެލެވޭ ޖާގައެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި މިއީ ބަޔަކު ކުރި ޖިނާއީ ކުށްތަކެއް ތުހްމަތުގައި އިންތިހާބު ބާތިލް ކޮށްދޭން އެދިފައިވާތީ އެކަން އެ ގޮތައް ވެސް ނުކުރެވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ. 

މި މައްސަލައިގެ އަޑުއެހުމަށް ޕީޕީއެމްގެ އިސް ބޭފުޅުންނާއި ބައެއް ވަޒީރުންނާއި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ވަޑައިގެންފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް