ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 17:23
އިންތިހާބާ ގުޅޭ އަޑުއެހުމަށް ވަނުމަށް މިއަދު ހެނދުނު ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދާފައި
އިންތިހާބާ ގުޅޭ އަޑުއެހުމަށް ވަނުމަށް މިއަދު ހެނދުނު ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދާފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބާ ގުޅޭ އަޑުއެހުމެއް މާދަމާ ހެނދުނު 10:30ގައި
މިއަދުގެ އަޑުއެހުން ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އިތުރު އަޑުއެހުމެއް ހޯމަ ދުވަހު ހެނދުނަށް ތާވަލުކޮށްފިއެވެ.

އާދީއްތަ ދުވަހު 1:00 ހާއިރު ފެށި ޝަރީއަތުގެ އަޑުއެހުން ނިންމާލީ ގާތްގަނޑަކަށް 4:30 ހާއިރު އެވެ. މާދަމާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނު 10:30އަށެވެ. 

މިއަދުގެ އަޑުއެހުމުގައި އިންތިޚާބު ބާތިލުކުރަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަަމަށް، ތަދައްޚުލުވި ގުޅިފައިވާ ޕާޓީތަކުގެ ވަކީލުން ފާހަގަ ކުރެއްވެވި އެވެ. 

ނަމަވެސް ރައީސް ޔާމީނަށް ތާއިދު ކުރައްވަމުން ގެންދާ ފަރާތްތަމުން ބުނަމުން ދަނީ އިންތިޚާބު އޮޅުވާލުމަށް ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ. 

ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު، ހުސައިން ޝަމީމް ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެމްބަރަކު އަދި އޮފިޝަލަކު ވެސް، އިންތިޚާބުގައި މަކަރު ހެދުމަށް، ފާހަގަ ޖަހާ އަނގޮޓިއެއް ބޭނުންކޮށްފައި ނުވާ ކަމަށް އިލެކްޝަންސްގެ ވަކީލު ފާހަގަ ކުރެއްވެވި އެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މައްސަލައަށް ތަދައްޚުލުވެފައިވާއިރު، ޝަރީއަތުގެ އަޑުއެހުމަށް ފަހު ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ހުށަހަޅާފައިވާ ޝަކުވާތަކުގައި އެއްވެސް އަސާސްއެއް ނެތް ކަމަށެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރެވިގެން ރައީސް ޔާމީން ހުށަހަޅުއްވާއިވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލުކުރަން ހުށަހަޅާފައިވަނީ މައިގަނޑު ތިން ޝަކުވާއެއް ކަމަށް ހިސާން ފާހަގަ ކުރެއްވެވި އެވެ. އެއީ ޖަހާ ފާހަގަ ފޮހެވޭ ގަލަމާއި، ފާހަގަ ޖަހާ އަނގޮޓި އަދި ހޫނުކުރުމުން ވޯޓު ކަރުދާހުން ފާހަގަ ފޮހެވޭ މައްސަލަ އެވެ. ނަމަވެސް އެ ކަންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފަައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓްގެ ސާޅީން ދެ ނަންބަރު ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު ވެސް މިއީ ބާތިލުކުރެވޭނެ އިންތިޚާބެއް ނޫން ކަމަށް ހިސާން ފާހަގަ ކުރެއްވެވި އެވެ.  

އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާޅުގައި ވިދާޅުވަމުން ގެންދަވާއިރު، މައްސަލަ ސާބިތުުކުރަން ބޭނުންވީ ސިއްރު ހެކި ހުށަހެޅުމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވަކީލުން ވަނީ އެ ފުރުސަތު ދެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

ސިއްރު ހެކި ހުށަހެޅުމާމެދު ފަނޑިޔާރުންގެ މަޖިލީހުން އާދީއްތަ އަޑުއެހުމުގައި ގޮތެއް ނުނިންމަ އެވެ.  

ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބު 58.4 ޕަސެންޓުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައިވާއިރު، އިންތިޚާބުން ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރެއްވެވި އެވެ. ނަމަވެސް، ބަލި ގަބޫލުކުރިތާ ގިނަ އިރުތަކެއް ނުވަނީސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. 

 

 

(ތަފްސީލު އަންނަނީ...)

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް