ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 19:06
ރ ރަސްމާދޫގައި ޝިފާޒް ވާހަކަ ދައްކަވަނީ
ރ ރަސްމާދޫގައި ޝިފާޒް ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރަސްމާދޫ
އިތުރަށް ރާއްޖެ ހަރާބުކުރަން ރައީސް ޔާމިން ނޫޅުއްވާ:ޝިފާޒު
މުޅި ދުނިޔެވަނީ އިންތިޚާބުގައި ބޮޑު މައްސަލައެއް ނެތްކަމަށް ޤަބޫލު ކޮށްފައި
އިތުރަކަށް ކޯޓަށް ވަޑައިގަންނަވާނެ ކަމެއް ނެތް
ރައްޔިތުންގެ ވޯޓު ދިފާއު ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ގޮތް ނިންމަވައިފި ކަމަށާއި އެކަން ޤަބޫލު ނުކުރައްވާ ރާއްޖެ ހަރާބު ކުރަން މަސައްކަތް ނުކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމިނަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގޮވާލައްވައިފި އެވެ. 

ނިމިދިޔަ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ރ ރަސްމާދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ ރައްޔިތުން ގޮތެއް ނިންމައިފި ކަމަށެވެ. އެ ނިންމި ގޮތަކީ ބޮޑު ތަނުން ޢަބްދުﷲ ޔާމީން ބަލިކުރުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 58 ޕަސެންޓް ލިބިވަޑައިގެންފައިވާއިރު، އެހާ ބޮޑު ފަރަގަކުން ރައީސް ޔާމީން ބަލިކުރެއްވުމުގައި ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ހިއްސާ ބޮޑު ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި އެނިންމި ނިންމުން ޤަބޫލު ނުކުރައްވާ އިތުރަށް މިރާއްޖެ ހަރާބުކުރަން ނޫޅުއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝިފާޒު ވިދާޅުވީ ރައްޔިތުން ނިންމެވި ނިންމެވުން ބަދަލު ކުރުމަށް ކޯޓަށް ވަޑައިގަންނަވާނެ ކަމެއް ނެތްކަމަށާއި މުޅި ދުނިޔެ ވަނީ އެއިންތިޚާބު ބަލައިގެންފައި ކަމަށެވެ.

"އިތުރަށް މިރާއްޖެ ހަރާބު ކުރަން އަބްދުﷲ ޔާމީން ނޫޅުއްވާތި. އަޅުގަނޑުމެން ދެން އެ ޖާގައެއް ނުދޭނަން. ވަރަށް ސާފުކޮށް ދަންނަވަން ބޭނުން އިތުރަށް މިރާއްޖެ ހަރާބު ކުރަން އަބްދުﷲ ޔާމީނަކަށް ދެން އެ ޖާގައެއް ނުދޭނަން،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ރައްޔިތުން ލި ވޯޓަށް ބަދަލު އަންނާނެ އެއްވެސް މައްސަލައެއް ނެތްކަމަށާއި ރައްޔިތުންގެ ވޯޓު ދިފާއު ކުރެއްވުމުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. އަދި އެކަމަކީ މުޅި ދުނިޔެ ޤަބޫލު ކޮށްފައިވާ ޙަޤީގަތެއްކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް