ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 18:31
މި ހަރަކާތުގައި ޚާއްޞަ ކޭކެއް ފަޅުއްވައިދެއްވަނީ
މި ހަރަކާތުގައި ޚާއްޞަ ކޭކެއް ފަޅުއްވައިދެއްވަނީ
މުހައްމަދު ޝަރުހާން
ރަސްމާދޫ
ގުޅިފައިވާ ޕާޓީތަކަށް އިންތިޚާބު ކާމިޔާބު ކުރެވުމުގެ އުފާފާޅުކުރުމަށް ރަސްމާދޫގައި ބޮޑު ހަފްލާއެއް ބާއްވައިފި
އެމްޑީޕީގެ ޗެއަރޕާސަން އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި
ޚާއްޞަ ސްޓޭޖް ޝޯވއެއް ވަނީ ބާއްވާފައި
އެހެން ރަށްރަށުގެ މީހުންވެސް ބައިވެރިވި

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގމޭޓް ފައިސަލް ނަސީމްއަށް އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބޮޑު ޙަފްލާއެއް ބާއްވައިފިއެވެ.

އަތޮޅުގެ ބައެއް ރަށްރަށުންނާއި މާލެއިން ވެސް ރަސްމާދޫގެ ގިނަ ޒުވާނުންތަކެއް އެރަށަށް ގޮސް ބޭއްވި މި ހަފްލާ ފެށުނީ ހުކުރު ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޚާއްޞަ ޖާފަތަކުންނެވެ. ބާބަކިއުއާއެކު ކުރިއަށް ގެންދިޔަ މި ޖާފަތަށް ފަހު ދެން އޮތީ އުފާފާޅުކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ސްޓޭޖް ޝޯވއެކެވެ.

Caption

ޝޯވް ފެށުމުގެ ކުރިން، މި ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރަސްމާދޫއަށް ވަޑައިގެންނެވި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން ރަސްމާދޫ ހިމެނޭ އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހުމަދު ވާހަކަ ދެއްކެވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ބަލި ޤަބޫލު ނުކުރައްވާ ރައީސް ޔާމީން ކޯޓަށް ވަޑައިގެން އިންތިޚާބު ބާތިލް ކުރައްވަން އުޅުއްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށާއި އެއީ އެކަމަކު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ ގުޅިފައިވާ ޕާޓީތަކުން ހިންގި އިސްލާހީ ހަރަކާތުގައި ރައްޔިތުންގެ ޖޯޝާއި ފޯރި ގެނެސްދިން ލަވައެއް ކަމުގައިވާ ރަސްމާދޫ އަހުމަދު ޒުބައިރުގެ އަޑުން ކިޔާފައިވާ ލަވައެއްގެ ވާހަކަ ފާހަގަ ކުރައްވާފައެވެ.

Caption

ހަސަން އަހުމަދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންފައިވާ ވައުދު ތަކަކީ މަޝްވަރާތައްކޮށް ހިސާބުތައް ޖަހައި އެރަށެއްގެ ރަށު ކައުންސިލަރުންގެ ގާތު ވެސް އެހުމަށް ފަހު ވެވަޑައިގެންފައިވާ ވައުދުތަކެއް ކަމަށެވެ. އެހެންކަމުން އެވައުދުތަކަކީ ހަމަހުންނަވާފައި ވެވަޑައިގެންނެވި ވައުދުތަކެއް ނޫން ކަމަށާއި އެމަނިކުފާނުގެ 5 އަހަރު ނިމެންވާއިރަށް ފުއްދޭނޭ ކަމުގެ އުއްމީދު ބޮޑު ވައުދު ތަކެއް ކަމަށެވެ. އަދި އެވައުދުތަކުގެ ވާހަކަ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން އިންތިޚާބީ ރައީސަށް ގެންދަވާނެ ކަމަށާއި އެކަންކަން އޭނާއާ ހިއްސާކުރުމަށް އެދޭ ކަމަށް ހަސަން އަހުމަދު ވިދާޅުވިއެވެ.

Caption

ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ މި ސްޓޭޖް ޝޯވްގައި ވަނީ އިންތިޚާބު ކާމިޔާބު ކުރެވުނީތީ އެކަމުގެ އުފަލުގައި ޚާއްޞަ ކޭކެއްވެސް ފަޅާފައެވެ. މި ކޭކް ފަޅުއްވައިދެއްވީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފެވެ.

Caption

މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ މި ސްޓޭޖް ޝޯވގައި އައިޓަމްތައް ހުށަހަޅައިދިނީ ރަސްމާދޫއަށް ނިސްބަތްވާ ބޮޑުބެރު ގުރޫޕްތަކެއް ކަމަށްވާ މަޝްހޫރު އަންހެން ބޮޑުބެރު ގުރޫޕް ފަތްމިނި ބޮޑުބެރު ގުރޫޕާއި ރަސްމާދޫ ފިރިހެން ބޮޑުބެރު ގުރޫޕުންނެވެ. އަދި ހަމަ އެހެންމެ ރަސްމާދޫއަށް ނިސްބަތްވާ އަހުމަދު ޒުބައިރު އިސްކޮށް ހުންނަ މަޝްހޫރު ރަސްއަލި މިޔުޒިކް ގުރޫޕުންނެވެ.

Caption

މީގެ އިތުރުން ގޮމަ ގުރޫޕަށް ނިސްބަތްވާ ރަސްމާދޫ ވަސީމާގެ ނެށުމުގެ ފަރި ހަރަކާތްތަކެއް ވެސް މި ސްޓޭޖް ޝޯވގައި ވަނީ ފެނިގެން ގޮސްފައެވެ.

Caption

ހުކުރު ދުވަހުގެރޭ 9 ޖަހާކަށްހާއިރު ފެށި މި މިޔުޒިކް ޝޯވ ނިންމާލީ އެރޭގެ 12 ޖެހުމުންނެވެ. މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބުން ގުޅިފައިވާ ޕާޓީތަކުން މޮޅުވުމުން ރަށެއްގައި މިހާ ކުލަގަދަ ގޮތަކަށް އުފާފާޅުކުރި ފުރަތަމަ ރަށެވެ. މިއީ ރަސްމާދޫ ޒުވާނުން އިސްނަގައިގެން ރާވައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް