ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 13:21
ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން
ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައަށް ގުޅިފައިވާ ޕާޓީތަކުން ވަދެއްޖެ
ވަކީލުން މައްސަލައަށް ވަނީ ޕާޓީތަކުގެ ފަރާތުން
ވަކީލުންގެ ތެރޭގައި އިބޫގެ ކެމްޕެއިން އެޖެންޓް ހިސާން ވެސް
ރައީސް މައުމޫގެ ފަރާތްޕުޅުން ވެސް ވަނީ ތަދައްހުލްވެފައި

ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ތެރެއަށް ގުޅިފައިވާ ޕާޓީތަކުން ތަދައްހުލްވެއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އިންތިހާބު ބާތިލުކުރަން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަށް ތަދައްހުލްވުމަށް ހުށަހަޅާފައި ވަނީ ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ފަރާތުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހަ ވަކީލެކެވެ. އެ ވަކީލުންގެ ތެރޭގައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އެޖެންޓް، އަދި މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ވެސް ހިމެނިވަޑައިގަންނަވައެވެ.

ހިސާންގެ އިތުރުން އެ މައްސަލާގައި ދެން ހިމެނިވަޑައިގަންނަވަނީ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތާއި ސަފާ ޝަރީފާއި ނޫރުއްސަލާމް އަބޫބަކުރާއި މުހައްމަދު ނަދީމުގެ އިތުރުން މަސްތޫރު ހުސްނީއެވެ.

އެ ބޭފުޅުން އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ތަމްސީލު ކުރައްވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫންގެ ފަރާތްޕުޅުންނެވެ

އެކަމާ ގުޅޭ ގޮތުން ހިސާން "ރާއްޖެއެމްއެމްވީ"އަށް ވިދާޅުވީ އެ މައްސަލައަށް އެ ބޭފުޅުން ތަދައްހުލްވުމާ ގުޅިގެން އާދީއްތަ ދުވަހު މެންދުރުފަހު ބާއްވާ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް، ވަޑައިގެން ގުޅިފައިވާ ޕާޓީތަކުން އެ މައްސަލައާ ގުޅޭ ގޮތުން ވަކާލާތު ކުރައްވާނެ ކަމަށެވެ.

އިންތިހާބު ބާތިލުކުރަން ހުށަހެޅި އެ މައްސަލައަށް އެ ހަ ވަކީލުން ވަނުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވާކަން ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ރައީސް ޔާމީން ހުށަހެޅުއްވި އެ މައްސަލައާ ގުޅޭ ލިޔުންތައް އެ ކޮމިޝަނަށް ހަވާލުކޮށް، މައްސަލާގައި ޖަވާބުދާރީވުމަށް ވަނީ ފުރުސަތު ދީފައެވެ.

އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީން ހުށަހަޅުއްވާފައި ވަނީ ސިއްރު ހެކިތަކެއްގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާހާ ގުޅޭ ބައެއް ޝަކުވާތަކާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް