ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 22:33
ގާނޫނީ ވަކީލު މޫސާ ސިރާޖު
ގާނޫނީ ވަކީލު މޫސާ ސިރާޖު
ރާއްޖެއެމްވީ
ގާނޫނީ ވަކީލު ސިރާޖު
ނަތީޖާ ގަބޫލު ކުރުމަށްފަހު އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލައެއްގެ ހުށައެއް ނޭޅޭނެ:ސިރާޖު
ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައިވޭ
ނަތީޖާ ބަލައިގަތުމަށްފަހު މުޅި އިންތިޚާބު ބާތިލު ކުރަން ހުށައެޅުމަކީ ކުރެވޭނެކަމެއް ނޫން
އިންތިޚާބު ބާތިލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހުށައަޅާފައި

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިންތިހާބުން ބަލިވި ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރުމަށްފަހު އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައެޅޭނެކަމަކަށް ގަބޫލު ނުކުރައްވާކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލައިގައި ޖުމްލަ ގޮތެއްގައި ވަނީ އިންތިޚާބުގައި ބޭނުންކޮށްފައިވާ ކަރުދާހާއި ބެހޭގޮތުން ކަމަށެވެ. އެހެންކަމުން އެމައްސަލައަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށްފަހު ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށައެޅޭނެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ސިރާޖު ވިދާޅުވީ ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ މައްސަލައިގައި ޖުމްލަ ގޮތެއްގައި ހުށައަޅާފައިވަނީ އިންތިޚާބުގައި  ބޭނުންކުރި ކަރުދާސް، ކަރުދާހުގައި މައްސަލަ އުޅޭކަމަށް. އެއީކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ވާނެކަމެއްކަމަށް އަޅުގަނޑަކަށް ނުވިސްނޭ، " ސިރާޖު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައިވަނީ  ގާނޫނު އަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިއަސް މާނަ ކުރަން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމައްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުއައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިއަސް ގާނޫނު އަސާސީއާއި ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަން ޖެހިއްޖެ ކޮންމެ މައްސަލަ އެކެވެ. 

ސިރާޖު ވިދާޅުވީ އާންމު އިންތިޚާބާއި ބެހޭ ގާނޫނުގައި އިންތިޚާބާއި ބެހޭ މައްސަލައެއްކަމުގައި ވާނަމަ އެ މައްސަލައެއް ހުށައަޅަން ޖެހޭނީ ހައި ކޯޓަށްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓަށް އިންތިޚާބާއި ބެހޭ މައްސަލަތައް ފުރަތަމަ ހުށައަޅަންޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެއީ ގާނޫނާއި ޚިލާފު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށްފަހު މުޅި އިންތިޚާބު ބާތިލު ކުރަން ހުށައެޅުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑަށް ފާހަގަ ކުރެވުނު އެއްކަމަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅި މައްސަލައިގައި މި އޮންނަނީ ވޯޓިލީމަ ވޯޓު ފާހަނގަ ތިރިއަށް ފައިބަނީއޭ. އެއީ ވަރަށްގިނަ ދިރާސާތަކުން ތިމަންނަމެންނަށް ފާހަގަވެފައިވާ އެއްޗެކޭ އެކަން ހިނގާކަމެކޭ. އަޅުގަނޑަށް ހަމަ ކިޔާލިއިރުގައި ކުރުވާހަކައެއް ސިފަވަނީ. ސުޕްރީމްކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށައަޅުއްވާފައި އޮތް ކުރު ވާހަކައެއްގެ ގޮތަށް. އެވާހަކައިގައި މި އޮންނަނީ އިންތިޚާބަކަށް ދިޔައިމަ ބަލިވެއްޖެއޭ. ބަލިވީމަ ބައްޔެއް ގަބޫލުކުރާކަށް ބޭނުމެއް ނޫނޭ. ރައްޔިތުން ނޫނެކޭ ބުންޏަސް އަޅުގަނޑު އަދި ބޭނުންވަނީ ރައީސްކަމުގައި ހުންވާށޭ. ވޯޓުކަރުދާހުގައި ވަރަށް ބައިވަރު މައްސަލަ އެބަހުއްޓޭ. ވޯޓުކަރުދާހުގައި މައްސލަ ހުރީމައޭ ބަލިވީ. އެއީ ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓު ދިނަސް ވޯޓު ކަރުދާހުގެ މައްސަލައެކޭ. އެއީއޭ ޕްރިންޓް ކުރި މައްސަލައިގައި އެބަހުއްޓޭ އެހެން މީހެއް. އަދި ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓެއް ދިނަސް އަޅުގަނޑު ބައްޔެއް ނުވާނޭ ވޯޓު ކަރުދާސް ރީއްޗަށް އޮތްނަމަ. އަޅުގަނޑަކަށް ނުފެނޭ މިމައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތަކަށް،"  ސިރާޖު ވިދާޅުވިއެވެ.

އިންތިޚާބުގެ ހުރިހާ ކަމެއް އަލުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް އިންތިޚާބު ބާތިލްކުރެވޭނެ ވަރުގެ މައްސަލައެއް ނުފެނުނު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. މުރާޖައާ ކުރިއިރުވެސް އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ އެއްވެސް ކަމެއް އަދި އިންތިޚާބު ބާތިލް ކަމަށް ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް 58.4 ޕަސެންޓުން އިންތިޚާބު ކާމިޔާބުކުރެއްވިއިރު، އެ ނަތީޖާ ބަދަލުކުރެވޭނެ ވަރުގެ މައްސަލައެއް ފެންނަން ނެތް ކަމަށް އެޗްއާރުސީއެމް އިން ވެސް ވަނީ ބުނެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް