ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 11:57
ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އާޒިމް
ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އާޒިމް
ރާއްޖެއެމްވީ
ރިޔާސީ ރޭސް 2018
ރައީސް ޔާމީން އެ ދަނީ ބޮލާލާ ޖަހަމުން، އެކަމަށް ކާޓޫނެއް ހަދަން ވެސް ހެޔޮ ނުވާނެ: އާޒިމް
ރައީސް ޔާމީން ވެރިކަމުން ފައިބައިފި ނަމަ ވަންނަން ޖެހޭނީ ޖަލަށް

ރައީސް އަބްދުﷲ ޔާމީނަކީ "ބޮލާލާ ޖެހުމުގެ މާހިރެއް" ކަމަށާއި އެމަނިކުފާނުގެ ކަންތައްތައް ކުރައްވާ ގޮތުގެ މައްޗަށް ކާޓޫނެއް ހަދަން ވެސް ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި ގޮތުގައި ހުކުމެއް އިއްވުމުން ފަޑިޔާރުންތަކެއް ހައްޔަރުކޮށް، މަސީހް މަގާމުން ވަކިކުރަން އުޅުމުން މެމްބަރުންގެ ގޮޑިތައް ގެއްލުވާލައި، ރައީސް ޔާމީން ބޭނުންވާ ނަތީޖާތައް ނެރުމަށް ކުރި މަސައްކަތުން އެނގިގެން ދިޔައީ އެމަނިކުފާނަކީ ބޮލާލާ ޖެހުމުގެ މާހިރެއް ކަމެވެ.

ރައީސް ޔާމީން މިހާރު އެ އުޅުއްވަނީ ރައްޔިތުންގެ ބޮޑު ނިންމުން ބޮލާލާ ޖަހަން ކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އާޒިމް އިޝާރާތް އެ ކުރައްވަނީ ސެޕްޓަމްބަރު 23 ގެ ވޯޓާ ގުޅޭ ގޮތުން ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ކަމަށް ބެލެވެއެވެ.

އިންތިހާބީ ޝަކުވާގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި އިރު، އެމަނިކުފާނު ވަނީ ރަސްމީކޮށް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޕާޓީ ކަމަށްވާ ޕީޕީއެމް އިން ވެސް ރަސްމީކޮށް، އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކޮށް، އިންތިހާބުގެ ނަތީޖާ ގަބޫލު ކޮށްފައި ވެއެވެ. 

އާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ލައިގެން އުޅެނީ އެންމެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ވެރިކަމުން ފައިބައިފި ނަމަ ޖަލު ނޫން ތަނަކަށް ވަންނަން ފުރުސަތު ނުލިބޭނެތީ ކަމަށެވެ. ކޮށްފައި ހުރި ކުށްތަކާއި ވެފައި ހުރި އިއުތިރާފްތަކުން ރައީސް ޔާމީނަށް އެނޫން އެއްވެސް ގޮތެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ވެރިކަމުން ފޭބުމުގެ ކުރިން އެ އުޅުއްވަނީ ޖަލުން ސަލާމަތްވެވޭތޯ ބެލުމަށް ޖަހާ އެންމެ ފަހު މަޅި ޖަހަން ކަމަށް އާޒިމް ވިދާޅުވިއެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް