ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 11:00
ޓްރާސިޝަން ކޮމިޓީތަކުގެ މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް
ޓްރާސިޝަން ކޮމިޓީތަކުގެ މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް
މުހައްމަދު ޝަރުހާން
ޓްރާންސިޝަން ކޮމިޓީތައް
ޓްރާންސިޝަން ކޮމިޓީތަކުން 67 އިދާރާއަކަށް: އެއްބާރުލުން ވަރަށް ފުރިހަމަ!
ޓްރާންސިޝަން ކޮމިޓީތަކަށް ހައުސިންގެ އެއްބާރުލުން ކުޑަ
އާއްމުގޮތެއްގައި އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑު

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ޓްރާންސިޝަން ކޮމިޓީތަކުން 67 އިދާރާއަކަށް މިހާތަނަށް ޒިޔާރަތް ކޮށްފިއެވެ.

ޑައިރެކްޓަރ އޮފް ޓްރާންސިޝަން އާއި ޗެއާމަން އޮފް ޓްރާންސިޝަން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާމަން އަބުދުﷲ ޝާހިދު ވިދާޅުވީ، އެބޭފުޅުން އެކުލަވާލާފައިވާ 13 ކޮމިޓީ އިން ދައުލަތުގެ ގިނަ އަދަދެއްގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކާއި ބައްދަލުކުރަމުންދާ ކަމަށެވެ. އެ ކޮމިޓީތަކުގައި 418 ބޭފުޅަކު ތިއްބަވައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ކޮމިޓީތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މިނިސްޓްރީތަކުގެ ވަޒީރުން ފެށިގެން ގޮސް ކުންފުނިތަކުގެ ބޯޑުތަކާއި ވެރިންނާއި މުއައްޒަފުންގެ ފަރާތުން ކޮމިޓީތަކުގެ މަސައްކަތަށް ވަރަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ކޮމިޓީތަކުގައި ތިއްބެވީ ވަރަށް ގާބިލު ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ، އެއްވެސް އުޖޫރައަކާއި ނުލައި ވޮލަންޓިއަރުންގެ ގޮތުގައި ކަމަށް ވިދާޅުވިއެެވެ. މީގެ އިތުރުން އެ ބޭފުޅުންނާއި މިހާރު ވުޒާރާތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކާއި އެއްވެސް ޑީލެއް ނުހެއްދެވޭނެ ކަމަށާއި، އަދި ކޮމިޓީތަކަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ މަގާމަކާއި މަތިކޮށް، މަގާމެއް ލިބޭނެކަމުގެ ބޭނުމުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނޫން ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން. އެހެންނަމަ ވެސް މަދު ހާލަތްތައް އެބައާދޭ އެއްބާރުލުން އެއްގޮތަކަށް ވެސް ދޭން ބޭނުން ނުވާ. އެގޮތުން ފާހަގަކޮށްލެވޭ ހައުސިން މިނިސްޓްރީ. މިނިސްޓަރު މުއިއްޒު އިސްވެ ހުންނަވާ އެއްބާރުލުން ނުދެއްވާ މި ދަނޑިވަޅުގައި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ހިންގަވަމުން ދަނީ ބޮޑުވެގެންވާ ޖަރީމާއެއް. އެކަން އޭސީސީން ހުއްޓާލުމަށް އެންގުމުން ވެސް އެގެންދަނީ ކުރިއަށް. އަޅުގަނޑު އެދެން. އޭސީސީން ކޯޓަށް ގޮސްގެން ވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައި އޮތް އޮތުން އަވަސް ކުރައްވާނެކަމަށް. ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޓްރާންސިޝަން ކޮމިޓީތަކުގެ މިޝަން އަކީ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ ނާރާ ކުރިއަށް ގެންދެވޭނެ ގޮތް ކަނޑައެޅުން ކަމަށާއި، އަދި އެންމެ ފަހުގެ ޕްރޮޑަޓްއަކީ އަލަށް މަގާމުތަކާއި ހަވާލުވާ ބޭފުޅުންނަށް  ކޮމިޓީތަކުން ތައްޔާރުކުރި އެ ލިޔުން އެރުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ވުޒާރާއެއް ނުވަތަ ކުންފުންޏަކާއި ހަވާލުވާ ބޭފުޅަކަށް އެބޭފުޅެއްގެ މެންޑޭޓް އެނގިވަޑައިގަންނަވާނެ ކަމަށެެވެ. އަދި އޭގެ އިތުރުން މިނިސްޓްރީ އެއްގެ އޭރު އޮތް ހާލަތާއި ބަޖެޓް ކުރެވުނު އަދި ނުނިމި ހުރި ޕްރޮޖެކްޓްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް އެނގި ސާފުވެފައި އޮންނާނެ ކަަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް ވިދާޅުވީ، ޖުމްލަގޮތެއްގައި ހުރިހާ އިދާރާތަކުން ވެސް ވަރަށް ފުރިަހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ލަތީފް ވިދާޅުވީ، މި ޕީރިއެޑްގެ ތެރޭގައި ވަޒީފާ ދިނުމާއި، ޕްރޮޖެކްޓްތައް ހިންގުމާއި، ޕްރޮމޯޝަން ދިނުމާއި ފްލެޓާއި ގޯތި ދިނުމުގެ ކަންކަން ހިނގައިގެން ނުވާނެ ކަމަށާ އެކަންކަން ހުއްޓުވައި ދިނުމަށް އޭސީސީ އާއި އެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަންކަން އެފަރާތުން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް