ޖުމްހޫރީ ޕާޓީގެ ބާނީ އަދި ގުޅިފައިވާ ޕާޓީތަކުގެ އެއް ލީޑަރު، މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ އަނބިކަންބަލުން އައިޝަތު ނަހުލާއާ ބެހޭ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ނުދެއްކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ޤާސިމްގެ އަނބިކަނބަލުން އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ގުޅިފައިވާ ޕާޓީތަކަށް ތާއީދު ހޯއްދެވުމަށް ރަށްރަށަށް ވަޑައިގެންނެވި އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ސޯޝަލް މީޑިޔާގައި ދަނީ ފެތުރެމުންނެވެ. ސިޔާސީ މަޤާމަކަށް ނަހުލާ ގެންނަވަން އުޅޭކަމުގެ އަޑުތަކަކާ އެކު ފަތުރަން ފެށި ވާހަކަތަކުގެ ތެރޭގައި އެ ބޭފުޅާގެ ޒާތީ ދިރިއުޅުމާއި އަބުރަށް ހުތުރުވާ ފަދަ ދަށު ދަރަޖައިގެ ވާހަކަތަކެއް ވެސް ވަނީ ދައުރުވާން ފަށާފައެވެ.
މިކަމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީގެ ލީޑަރ އޮނަރަބްލް ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައްކާ ދަށު ދަރަޖައިގެ ވާހަކަ އެއް ގޮތަކަށް ވެސް ބަލައެއް ނުގަނެވޭނެ ކަމަށެވެ. އަދި އެ ބޭފުޅާއަކީ ވެސް ހުރިހާ ސިޔާސީ ފުރުސަތެއް އަދި އެންމެހާ ޙައްޤުތަކެއް ފުރިހަމައަށް ލިބިވަޑައިގަންނަވަން ޖެހޭނެ ބޭފުޅެއް ކަމަށެވެ.
JP Leader Hon Gasim Ibrahim ge an’bikabalun Aishath Nahula aai gulhey gothun social media gai dhahkaa dhashu dharajaige vaahaka ehgothakah ves balaeh nuganeveyne.Ebeyfulhaa akeeves,hurihaa siyaasee furusatheh adhi enmehaa haqquthah furihamayah libivadaigannavan jeheyne beyfulheh
— Mohamed Nasheed (@MohamedNasheed) October 10, 2018
ކުރިން ސިޔާސީ ކަންކަމުގައި ނަހުލާ ހަރަކާތްތެރިވެވަޑައިނުގެން ނަމަވެސް ޤާސިމްގެ ދަރިކަލުން ސިޔާދު ޤާސިމް ހައްޔަރުކޮށް ޤާސިމްއަށް ހުކުމްކުރިފަހުން ނަހުލާ ގެންދަވަނީ ގުޅިފައިވާ ޕާޓީތަކާ އެކު އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ.