ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 08:55
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ފާތިމަތު ޝަނާ މުހައްމަދު
ފަލަ ސުރުޚީ
ރައީސް ނަޝީދަށް މިނިވަންކަމާ އެކު ރާއްޖޭގައި ދިރިއުޅުއްވޭނެ: އިންތި
ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާނެ
ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިއްތިފާގުވޭ
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާ މިނިވަންކަމާ އެކު ދިރިއުޅުއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއް ކަމަށާއި، އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަބަދުމެ ހުންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ރާއްޖެވަޑައިގެންފި ނަމަ ޖަލަށް ލާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި އިންތި ވިދާޅުވީ ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިއްތިފާގުވާ ކަމަށާއި، ދުނިޔޭގެ ބައިނަލްއަގްވާމީ ގައުމުތަކުން ވެސް އެމަނިކުފާނަކީ މިނިވަނެއް ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ވަޑައިގަތުމުގެ ހައްގު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ލީޑަރުކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ ނޮވެންބަރު 1 ގައި މާލެ ވަޑައިގަތުމަށް ރައީސް ނަޝީދު ނިންމެވުމާ ގުޅިގެން ދިވެހިން ތިބީ އުފަލުން ފޮޅިފައި ކަމަށާއި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކެތްމަދުވެފައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ރައީސް މުހައްމަދު ނަޝީދަށް މިނިވަންކަމާ އެކު ރާއްޖެއަށް ވަޑައިގެން އުޅުއްވޭނެ ކަމަށް. އެމަނިކުފާނުގެ ހައްގެއް. އެމަނިކުފާނަކީ ކުށްވެރިއެއް ނޫން. އެމަނިކުފާނަކީ ރާއްޖޭގެ ރައްޔިތުން ލޯބިވާ އިހުތިރާމް ކުރާ ބޮޑު ތާއީދެއް އޮތް ލީޑަރަކަށްވާތީ އެމަނިކުފާނަށް އެއްވެސް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދާ ބައްދަލުކޮށް، މަރުހާބާ ދެންނެވުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ރޭވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިކަމުގައި ބައިވެރިވާން ބޭނުންވާ އެތަކެއް ބަޔަކު މިހާރު ގުޅަމުންދާ ކަމަށެވެ. މިކަމުގެ ޖޯޝާއި ފޯރި ހިފައިވާ މިންވަރު ސޯޝަލް މީޑިއާ އިން ވެސް ފެންނަމުންދާ ކަމަށާއި، މިކަމުން ފެންނަނީ ރައްޔިތުންގެ ހިތުގައި ރައީސް ނަޝީދަށް އޮތް ލޯބި ކަމަށެވެ.  

"މިކަމުގައި ޝައުގުވެރިވާ ފަރާތްތަކަށް މަރުހަބާ ދެންނެވުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކައި ވަކި ފޯކަލް ޕޮއެއްޓެއް ހަދާ އަދި ރަޖިސްޓްރީ ކުރުމަށްޓަކައި ގުޅާނެ ނަންބަރެއް ހޮޓްލައިން ވެސް ޕާޓީން ވަނީ އިއުލާން ކޮށްފައި. އެއީ 9502479 މިނަންބަރަށް ގުޅުއްވައިގެން މިއިންތިޒާމްގައި ބައިވެވޭނެ. އެކަންކަން ހަމަޖެހިގެންދާނެ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައްޔިތުންގެ ލީޑަރަށް މަރުހާބާ ދެންނެވުމުގެ މަސައްކަތް ކުރާނީ ރައްޔިތުން ކަމަށާއި، އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް އެކަންކަމަށް އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެމަނިކުފާނު މާލެ ވަޑައިގަންނަވާ ދުވަހު ހުށަހަޅަން ބޭނުންވާ އައިޓަމެއް އޮތް ނަމަ އެކަން ވެސް ހޮޓްލައިންއަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު ކުރިއަށް ގެންދިއުމަށް އިންތި ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް