ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 06:11
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން
ރައީސް އޮފީސް
އަބުރުގެ މައްސަލަ
ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް ޗެނަލް 13 އަށް އިލްތިމާސްކޮށްފި
އެއްވުމެއް ލައިވްކުރާއިރު، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ބްރޯޑްކާސްޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައި
ގައުމުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ފޮނުވާނަމަ ފިޔަވަޅު އަޅާނަން

ސަރުކާރު ޕްރޮމޯޓް ކުރާ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ގަބޫލުކުރައްވައިފައި ވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެނިހެން މެމްބަރުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް، ސައްހަ ނޫން ޚަބަރުތަކާއި މައުލޫމާތު، ޗެނަލް 13އިން ތަކުރާރުކޮށް ފޮނުވަމުންދާ ކަމުގެ ޝަކުވާތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިމިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަމިއްލައަށް "ޗެނަލް 13" އާ ދެކޮޅަށް "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ދަށުން ހަ މައްސަލައެއް ހުށަހަޅާފައިވަނިކޮށްށެވެ. އަދި މެމްބަރުންގެ ފޮޓޯ އަރުވައި، ފިލައިގެން އުޅޭ މެމްބަރުން ކަމަށް ބުނެ ކޮންޓެންޓް ގެނެސްދެމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވަނިކޮށެވެ. 

އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ކުރިން ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ސަމާލުވާންޖެހޭ ކަމަށް އެންގުމަށް، ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމުންނެވެ.  

ބްރޯޑްކޮމްއިން ބުނީ މުޒާހަރާތަކާއި އެއްވުންތައް ވަގުތުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި  ބަޔާންކޮށްފައިވާ ފަދައިން، އެއްވުމެއް އެއްކޮށް ލައިވްކޮށް ބްރޯޑްކާސްޓްކުރަން ޖެހޭނީ، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ކަމަށެވެ. 

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންގެންދާ ކޮންޓެންޓެއްގެ ސަބަބުން ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަންދޭން ޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. 

އަދި، ގާނޫނާއި ގަވާއިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ވެސް އެކޮމިޝަނުން ބުނެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 އޮކްޓޯބަރ 2018 | ބުރާސްފަތި 03:44
އަބްދުއްލާ ޔާމިން
ތިކަން ކުރަން މާ ލަސް ވެއްޖެ