ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 21:03
ރައީސް މުހައްމަދު ނަޝީދު އިންތިހާބީ ރައީސް އިބޫއާ އެކުގައި
ރައީސް މުހައްމަދު ނަޝީދު އިންތިހާބީ ރައީސް އިބޫއާ އެކުގައި
ރާއްޖެ އެމްވީ
އިދިކޮޅު އިއްތިހާދު
ހިޔާލު ތަފާތުވުން ހުރެދާނެ، ނަމަވެސް ހައްލު ހޯދޭނެ: ރައީސް ނަޝީދު
ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިސްލާހަށް ހިންގަންޖެހޭ ކަންކަމުގައި ޕާޓީތަކުގައި ހިޔާލު ތަފާތުވުންތައް ހުރެދާނެ

ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކުގައި ކަންކަމަށް ހައްލު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ގުޅިފައިވާ އިއްތިހާދުގެ ތެރޭގައި ބައިބައިވުންތައް އުފެދިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރު ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިސްލާހަށް ހިންގަންޖެހޭ ކަންކަމުގައި ޕާޓީތަކުގައި ހިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ޑިމޮކްރަސީގެ އަސާސްތަކާއި އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކުގައި ހައްލު ހޯދެނެ ކަމަށެވެ. 

ރައީސް ނަޝީދު އެފަދައިން ޓުވީޓްކުރައްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއް ޖުމްހޫރީ ޕާޓީގެ ބާނީ، ޤާސިމް އިބްރާހިމް ރީޓުވީޓްކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ސޕޯޓަރުން ރުޅިގަދަވެފައިވާ ދަނޑިވަޅެއްގައެވެ. 

އަލްހާންގެ އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. އަދި ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. 

އަލްހާންގެ އެ ޓުވީޓް ރީޓުވީޓްކުރެއްވުމަށް ފަހު ޤާސިމް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އަލްހާންގެ ޓްވީޓް ރީޓްވީޓް ކުރެއްވީ އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި، ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ. 

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން ހައްޔަރުކުރައްވަންޖެހޭނެ މޭރުމަކުން އަލްހާން ކުރެއްވި އެ ޓްވީޓް ޤާސިމް ރީޓުވީޓްކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ޤާސިމަށާއި، ޖުމްހޫރީ ޕާޓީއަށް އަމާޒުވެގެން ގޮސްފައެވެ. ހާއްސަކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ސޯޝަލް މީޑިއާގައި ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. 

ރައީސް ނަޝީދު ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން އަންނަނީ އެމަނިކުފާނަށް ަމރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ. އެމްޑީޕީން ބުނީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. 

ޝަރުއީ އުސޫލުތަކުގެ ބޭރުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް 2015 ވަނަ އަހަރު އިއްވުމާ އެކު 2016 ވަނަ އަހަރު އެމަނިކުފާނު ވަނީ ބޭސްފަރުވާއަށް އިނގެރޭސިވިލާތަށް ވަޑައިގެންފައެވެ. އަދި އެ ގައުމަށް ވަޑައިގެން އެ ޤައުމުގެ ސިޔާސީ ހިމާޔަތް ހޯދަވައި، ޤައުމު އިސްލާހުކުރުމުގެ މަސައްކަތް، އިނގެރޭސިވިލާތާއި، ސްރީލަންކާ އަދި އިންޑިއާގައި ހުންނަވާ އެމަނިކުފާނު ކުރައްވާފައެވެ. 

އަބަދުވެސް ރައްޔިތުންނަށް ބާރުވެރިކަން ދިނުމަށާއި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދީ، އިންސާފު ޤާއިމް ކުރުމަށް ވަކާލާތު ކުރައްވަމުން އަންނަ ރައީސް ނަޝީދު ވަނީ ޤައުމު ހަމަ މަގަށް އަޅުވައި، ރައްޔިތުނަނަށް ރައްޔިތުންގެ ހައްޤުތައް ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އިސްލާހީ މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު، އެ މަސައްކަތުގެ ތެރެއިން އެކި ފަހަރުމަތިން ޖަލަށްލެވި އެތައް އަނިޔާއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް