ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 19:06
ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާއިއެކު
ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާއިއެކު
އެމްޑީޕީ
ރައީސް މުހައްމަދު ނަޝީދު
އިނގިރޭސިވިލާތުގެ އިސް ބައެއް ބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ރައީސް ނަޝީދު މިވަގުތު ހުންނެވީ އާއިލާއާއި އެކު އިނގިރޭސިވިލާތުގައި
ކޮންޒަވޭޓިވް ޕާޓީގެ އިސް ބޭފުޅުންނާއި ގެންދަވަނީ ބައްދަލުކުރައްވަމުން

ގިނަ ދުވަސްތަކަކަށްފަހު ނޮވެމްބަރު ފުރަތަމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން އެޤައުމުގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އިދިކޮޅު ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިބެ އިންތިޚާބުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން، އަދި ވަކިން ޚާއްސަކޮށް އިނގިރޭސިވިލާތުގެ ވެރިކަންކުރަމުން އަންނަ ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން އިސް ރޯލެއް ވަނީ އަދާކޮށްފައެވެ. ރައީސް ނަޝީދު ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު އަލުން އަނބުރާ ލަންޑަނަށް ވަޑައިގެންފައިވާއިރު، ކޮންޒަވޭޓިވް ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އާއި އެމަނިކުފާނު ބައްދަލުރައްވާފައިވާއިރު، އެމަނިކުފާނަށް ސިޔާސީ ޙިމާޔަތް ހޯއްދަވައިދެއްވުމުގައި ކެމަރަން އަދާކުރެއްވި ދައުރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކެމަރަން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި އަދި ކޮރަޕްޝަނާއި ދެކޮޅަށް އިނގިރޭސިވިލާތް އަބަދުވެސް އޮންނާނެކަމަށެވެ. 

މީގެ އިތުރުން އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ކޮންޒަވޭޓިވް ޕާޓީގެ އިސް މެމްބަރެއްކަމަށްވާ ޒެކް ގޯލްޑްސްމިތު އާއިވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. ގޯލްޑްސްމިތު ރައީސް ނަޝީދު ސިފަކުރައްވާފައިވަނީ ހިތްވަރުގަދަ ލީޑަރެއް، އަދި ސިޔާސީ އަދި ތިމާވެށީގެ ހީރޯއެއްގެ ގޮތުގައެވެ.

ކޮންޒަވޭޓިވް ޕާޓީގެ އިސް ބައެއް ފަރާތްތަކާއި ރައީސް ނަޝީދު ބައްދަލުކުރެއްވިއިރު، އިނގިރޭސި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސްއާއި، ސިޔާސީ ޕާޓީތަކާއި ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކޮށް، އެމަނިކުފާނު ޖަލަށް ލުމާއި ގުޅިގެން ދުވަސްތަކެއް ޖަލުގައި ހޭދަކުރެއްވުމަށްފަހު، 2015 ވަނަ އަހަރު ބޭސް ފަރުވާއަށް ވަޑައިގަތްފަހުން ރައީސް ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ޙިމާޔަތުގައެވެ. އަދި އޭގެ ފަހުން ލަންޑަނުގައި ހުންނަވައިގެން އިދިކޮޅު ސިޔާސީ ޙަރަކާތް ވަރުގަދަކުރެއްވިއެވެ. މި މަސައްކަތްޕުޅުގައި ވަރަށް ގިނަ ފަހަރަކު އީޔޫގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ބްރަސަލްސް އަށް އަދި އެހެނިހެން ސިޔާސީ ކަންކަމުގައި ކޮޅުނބަށް ރައީސް ނަޝީދު ވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް