ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 20:21
މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
މަޖިލިސް
ސުޕްރީމް ކޯޓު
ސިނާނާއި އަބުޅޯގެ ގޮނޑީގެ މައްސަލަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި
އަބުޅޯގެ މައްސަލަ ބުރާސްފަތި ދުވަހުގެ ހެނދުނު 10ގައި
ސިނާންގެ މައްސަލަ އެ ދުވަހު މެންދުރު ފަހު 1ގައި
ހަ މެމްބަރެއްގެ މައްސަލަ އަދި ތާވަލެއް ނުކުރޭ

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ގެ ގޮނޑީގެ މައްސަލަ އަންނަ ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

ގޮނޑީގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑީގެ ސައްހަކަން ސުޕްރީމް ކޯޓުން ކަށަވަރު ކޮށްދީފައި ވަނިކޮށް، ސިނާނާއި އަބުޅޯގެ ގޮނޑީގެ މައްސަލައިގައި ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ އަންގާރަ ދުވަހުއެވެ. ބުރާސްދަތި ދުވަހު ފަށަން ތާވަލުކޮށްފައި ވަނީ އެ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުމެވެ.

އަބުޅޯގެ ގޮނޑީގެ މައްސަލަ ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ. ސިނާންގެ މައްސަލަ ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އަށެވެ.

އެ ދެ މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަ ބުރާސްފަތި ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު، ގޮނޑީގެ ސައްހަކަމާ މެދު މަޖިލީހުން ސުވާލު އުފައްދާފައިވާ އެހެން މެމްބަރުން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. ނަމަވެސް ބާކީ ތިއްބެވި ހަ މެމްބަރުންގެ ގޮނޑީގެ މައްސަލަ ފަށަން އަދި ތާވަލުކޮށްފައެއް ނުވެއެވެ.

މަޖިލީހާއި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެމްބަރުންގެ ތެރެއިން ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ކަނޑައަޅާފައެވެ.

އެ މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުކޮށްދީފައި ވަނީ މަޖިލީހަށް ވަނުން މަނާކޮށް، މުސާރަ އާއި އިނާޔަތާއި އިމްތިޔާޒުތައް ހިފެހެއްޓިތާ 14 މަހާއި 25 ދުވަސް ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް