ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 12:22
ނޫމަޑިން ކުޅުދުއްފުށީގައި ހަދާފައިވާ ފްލެޓްތައް
ނޫމަޑިން ކުޅުދުއްފުށީގައި ހަދާފައިވާ ފްލެޓްތައް
ރާއްޖެ އެމްވީ
އެއްބަސްވުން ބާތިލުކުރުން
އެއްބަސްވުމާ ހިލާފުވީ އަޅުގަނޑުމެނެއް ނޫން، ސަރުކާރު:ނޫމަޑި
ގެއްލުމުގެ ބަދަލު ހޯދަން ވަނީ ހުށަހަޅާފައި

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފްލެޓް އެޅުމަށް ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްގެ އެއްބަސްވުމާ ޚިލާފުވީ ސަރުކާރުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 500 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކުރީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދިއުމުން ކަމަށް ސަރުކާރުގެ އޮފިޝަލަކު ދާދި ފަހުން ރާއްޖެއެމްވީއަށް ވިދާޅުވި އެވެ.

ސަރުކާރުގެ އެ ވާހަކަ ދޮގުކުރައްވައި، ނޫމަޑީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލުކުރުމާ ހަމައަށް ވާސިލުވީ، އެ ކުންފުންޏަށް ދީފައިވާ ރަށެއް އަތުލުމާއެކު އުފެދުނު މައްސަލަތައް ހައްލު ނުކުރެވިގެނެވެ. 

"މަޝްރޫއުތައް ހިންގުމަށް ބަހާލާފައި އޮތީ ދެ ފޭހަކަށް ބަހާލައިގެން. ސަރުކާރުން 2015 ވަނަ އަހަރު އަޅުގަނޑުމެން އަތުލީ ދިއްފުށި މައިދޫ. އޭރު އޮތީ އެ ރަށުގައި ޓޫރިޒަމްގެ މަސައްކަތް ފެށުމަށް އެކިއެކި އިންވެސްޓަރުންނާ ވާހަކަ މަޝްވަރާކުރެވިފައި. އެ ރަށް އަތުލުމުގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު،" އޮފިޝަލް ވިދާޅުވި އެވެ.

ރަށް އަތުލުމުގެ ސަބަބުން އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު އެއްބަސްވުން ބާތިލްކުރިއިރު، ހައުސިން މަޝްރޫއުތަކަށް ސަރުކާރުން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މިފަދަ އެތައް ކަމެއް ހުރުމުން ކުންފުންޏަށް އިތުރަށް ގެއްލުން ވިޔަ ނުދިނުމަށް މަސައްކަތްތައް ހުއްޓާލީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭރު ވެސް ފުރަތަމަ ފޭހުގެ މަޝްރޫއުތަކުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ހައްލުނުކުރެވި އޮތުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، 150 މިލިއަން ޑޮލަރު ހޯދަން ހުށަހެޅީ،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ފައިސާ ނުދީ ހިފަހައްޓާފައި ވާނީ އެއްބަސްވުން ބާތިލްކުރި ފަހުން ނޫމަޑިން ކުރި މަސައްކަތަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޮކްޓޯބަރ 2018 | އަންގާރަ 08:27
އެޑްމުންޑޯ
ފްލެޓް އަޅަންވެސް ރައްތައްދީ ހުސްކޮއްފަހުރީ ފެލެޓް ދޮންބޭ